28 Jan 2013, 11:46
ފުވައްމުލަކު ދަޑިމަގު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އަހުމަދު ނަޖާހް އިބްރާހިމް އާއި އެކައުންސިލްގެ ނައިބު ރައީސް އަހްމަދު ފާރިޝް ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރައްވައިފި އެވެ.
ޑީއާރުޕީ ޓިކެޓްގައި ކައުންސިލަށް އިންތިހާބުވެފައިވާ އެ ދެ ކައުންސިލަރުން ޖޭޕީއަށް ސޮއި ކުރެއްވީ ރޭ މާލޭގައި ޖޭޕީން އެކަމަށް ބޭއްވި ރަސްމިޔާތެއްގަ އެވެ.
ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ނަޖާހް ވިދާޅުވީ އޭނާ ޖޭޕީއަށް ސޮއި ކުރެއްވީ ރަށަށް ތަރައްގީ ގެނައުމަށް މަސައްކަތްކޮށްދެވޭނެ ބަޔަކީ ޖޭޕީ ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ. އަދި ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަކީ އަބަދުވެސް ފުވައްމުލަކާ ގާތް ގުޅުމެއް އޮންނަ ބޭފުޅެއް ކަމަށާއި އަދި ބޮޑު އެހީތެރިކަމެއް ވެދެއްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.
"ރަށްވެހިކަމުގެ ތަރައްގީ ގެނެވޭނެވޭނީ ޖުމްހޫރީ ޕާޓީއަށް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. އަދި ގާސިމް އިބްރާހިމަކީ ޒުވާނުންނަށާއި މި ރަށަށް އަބަދުވެސް ވަރަށް ގާތްކަމެއް ބާއްވާ ބޭފުޅެއް،" ނަޖާހް ވިދާޅުވި އެވެ.
ރޭގެ ރަސްމިޔާތުގައި ފާރިޝް ސޮއިކޮށްފައިވާކަން ކައުންސިލް މެންބަރު ނަޖާހް ވަނީ ކަށަވަރުކޮށް ދީފަ އެވެ. ނަމަވެސް ފާރިޝްގެ ބަހެއް ލިބޭގޮތް އަދި ވަނީ ނުވެފަ އެވެ.
މިދިޔަ ހުކުރުދުވަހުގެ ރޭ ލ. ގަމުގައި ބޭއްވި ޖަލްސާގައި ވެސް ޖޭޕީއަށް ގިނަ ކައުންސިލަރުންތަކެއް ސޮއި ކުރައްވާފައިވާކަން ވަނީ އިއުލާން ކޮށްފަ އެވެ.