28 Jan 2013, 11:29
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ކޯސްތަކުން ނަގާ ފީގެ އަގުތައް ކުއްލިއަކަށް ބޮޑުކުރުމާ ގުޅިގެން އެ ޔުނިވާސިޓީގެ ދަރިވަރުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާ ކަން ސަންއަށް ކަށަވަރު ވެއްޖެ އެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި ޔުނިވާސިޓީގެ ދަރިވަރުންނަށް އެތަނުން ފީތަކުގެ އަގުބޮޑުވިކަން އެނގިފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. ގައުމީ ޔުނިވާސިޓީގައި ކިޔަވަމުން ގެންދާ ދަރިވަރަކު ސަންއަށް މައުލޫމާތު ދެމުން ބުނީ އެކަން އެނގިފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
"އަޅުގަނޑުމެން އިއްޔެ ފީ ދައްކަން ދިއުމުން ފީތައް ބޮޑުކޮށްފައިވާކަން އެނގުނީ. ގާތްގަނޑަކަށް ކުރިން ދެއްކި ފީގެ ދެގުނައަށް މިހާރު ވަނީ ކޯސްފީ އަގުބޮޑު ކޮށްފައި،" ގައުމީ ޔުނިވާސިޓީގެ ދަރިވަރަކު ބުންޏެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި ކުރީން ސެމިސްޓަރަކަށް 1100ރ. އާއި 1300ރ. އާ ދެމެދުގެ އަގެއް ދައްކަމުން ދިޔަ ދަރިވަރުން މިހާރު ސެމިސްޓަރަކަށް ދައްކަން ޖެހޭ އަދަދު 2000ރ. އަށް ވުރެ ބޮޑެވެ. އެހެން ނަމަވެސް ބައެއް ކޯސްތަކުގެ އަގު ކުރިޔަށް ވުރެ ހެޔޮ ވެފައިވާ ކަމަށް ވެސް ސަންއަށް މައުލޫމާތު ދިން ދަރިވަރަކު ބުންޏެވެ.
"ކޯހަށް ހޮވޭ އިރު ލިބޭ ލިޔުންތަކުގައި އޮވޭ ކުރިން އެންގުމަކާ ނުލައި ކޯހުގެ ފީ ބޮޑު ކުރެވިދާނެ ކަމަށް. އެކަމަކު ފައިސާ ދައްކަން ކައުންޓަރަށް ދިޔައިމާ އެނގޭ ގޮތަށް އޮތީމާ ކިހާ ދަތިވާނެ. ކޯހުގެ ފީ ބަދަލުވިކަން ނޭނގޭތީ އެކަމަށް ޕްލޭން ކުރެވިފައެއް ނޫން ހުރީކީ. ދެން ޖެހޭނީ އެހެން ކޮންމެވެސް ގޮތަކުން ފައިސާ ކޮޅެއް ހޯދައިގެން ފީ ހަމަ ކުރަން،" ފީ ދައްކަން ދިއުމުން ފީ ބޮޑު ކުރިކަން އެނގުމުން ފީ ނުދެއްކިފައި ހުރި ދަރިވަރަކު ސަންއަށް މައުލޫމާތު ދިނެވެ.
ބައެއް ދަރިވަރުން ބުނާ ގޮތުގައި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ކިޔެވުމަށް ކުރަން ޖެހޭ ހަރަދު ރާއްޖެއިން ބޭރުގައި ކިޔަވަން ތިބެން ކުރަން ޖެހޭ ހަރަދަށް ވުރެ މާ ބޮޑެވެ.
"އަހަރެމެން މި ކިޔަވަނީ މާލޭގައި ކުއްޔަށް ތިބެގެން. ކުއްޔާއި ކޯހުގެ ފީ މި ދައްކަނީ ޕާޓް ޓައިމް ވަޒީފާ އަދާކޮށްގެން ލިބޭ ފައިސާއިން. ކޮޓަރި ކުއްޔާއި ކޯހުގެ ފީ އާއި އެހެން ހަރަދުތަކަށް ބަލާއިރު ރާއްޖެއިން ބޭރުގެ ޕްރައިވެޓް ޔުނިވާސިޓީއަކުން ކިޔެވުމަށް ކުރަން ޖެހޭ ހަރަދަށް ވުރެ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ކިޔެވުމަށް ކުރަން ޖެހޭ ހަރަދު މާ ބޮޑު. މިއީ ސަރުކާރުން ހައްލުކޮށްދޭން ޖެހޭ މައްސަލައެއް،" ގައުމީ ޔުނިވާސިޓީގެ ދަރިވަރަކު ބުންޏެވެ.
ގައުމީ ޔުނިވާސިޓީގެ ކޯސްތަކުން ނަގާ ފީއާ ބެހޭ ސިޔާސަތުގައި ވަނީ "ޔުނިވާސިޓީގެ ހިންގުމުގެ ހަރަދުގެ ބައެއް ހޯދުމަށްޓަކައި، ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ މަތިން ކޯސްތަކަށް ފީ ނެގުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ގާނޫނު ހުއްދަކުރާ ކަމަށާއި، ... ޔުނިވާސިޓީން ކޯސްތަކަށް ނަގާ ފީތައް ވީހާ ކުޑަކުރުމަކީ ޔުނިވާސިޓީން އިސްކަންދޭނޭ ކަމެއް" ކަމަށެވެ.