28 Jan 2013, 11:05
ހުސްވި އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ލިބުނު ނާކާމިޔާބީތަކުން އަރައިގަތުމަށް މިއަހަރުގެ ސީޒަނުގައި ވިކްޓަރީ ސްޕޯޓްސް ކުލަބުން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އެޓީމުގެ ކޯޗަކަށް ހަމަޖައްސައިފައިވާ ސްލޮވާކިޔާގެ ލަޑިމިޔާ ގޮފާ ބުނެފި އެވެ.
ސްލޮވާކިޔާގައި ހުރެ "ސަން އޮންލައިނަށް" ރޭ ދިން އިންޓަވިއުއެއްގައި ކޯޗް ގޮފާ ބުނީ، ރާއްޖޭގެ ފުޓްބޯޅައަށް އާ ކުރިއެރުންތަކެއް އަންނަމުން ދާއިރު، ހުސްވި ސީޒަނުގައި ވިކްޓަރީއަށް ކުރިމަތިވި ނާކާމިޔާބީން އަރައިގަނެވޭނީ އެޓީމާ އަލަށް ގުޅުނު ކުޅުންތެރިންނާއި މެނޭޖްމަންޓު ގުޅިގެން މަސައްކަތްތަކެއް ކޮށްގެން ކަމަށާއި މިހާރުއްސުރެ އެ މަސައްކަތް ކުރުމަކީ ވަރަށް ބުއްދިވެރި ގޮތެއް ކަމަށެވެ.
"އަހަރެން މިހިރީ ވިކްޓަރީއަށް ކާމިޔާބު ހޯދައިދިނުމަށް ތައްޔާރަށް. އަހަރެން މާލެ ގޮސް ޓީމުގެ ފަރިތަކުރުންތައް ފަށާނަން. ޓީމުގައި ތިބީ ކޮންކޮން ކުޅުންތެރިންތަކެއް ކަމެއް އަހަރެންނަކަށް އަދި ނޭނގެ. އެކަމަކުވެސް މެނޭޖްމަންޓާ ގުޅިގެން އަހަރެން މިހާރު ވެސް ޓީމުގެ ކަންކަން އެބަ ބަލަން. ޓީމުގެ މެނޭޖްމަންޓުން ވެސް އަހަރެންނާ މެދު ވަރަށް ގާތް ގުޅުމެއް ބަހައްޓާ." އިންޓަވިއުގައި ގޮފާ ބުންޏެވެ.
ގޮފާ ބުނީ، ސީޒަނަށް ތައްޔާރު ވުމަށް ވިކްޓަރީގެ ފަރިތަކުރުންތައް ފަށާނީ އަންނަ ބުރާސްފަތި ދުވަހު އޭނާ މާލެ އައުމުން ކަމަށެވެ.
ވިކްޓަރީގެ ހެޑް ކޯޗްކަމާ ގޮފާ ހަވާލުވެފައިވާއިރު، މީގެ ކުރިން އޭނާ ވަނީ ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށާއި ހުއްރިޔާއަށް ކޯޗު ކޮށްދީފައެވެ.
މުޅިން އަލަށް ވިކްޓަރީން ބޭރުގެ ކޯޗެއް މިއަހަރުގެ ސީޒަނަށް ހޯދިއިރު، މިދިޔަ އަހަރު އެޓީމަށް ކުޅުނު 18 ކުޅުންތެރިއަކު ވަނީ ކުލަބު ދޫކޮށް، މިއަހަރުގެ ފުޓްބޯޅަ ސީޒަނުގައި އެހެން ކުލަބުތަކަށް ބަދަލުވެފަ އެވެ. އޭގެ ތެރޭގައި ކެޕްޓަން އަހުމަދު ޝާފިއު އާއި މުހައްމަދު އުމައިރު އާއި އަކްރަމް އަބްދުލް ގަނީ އަދި މުހައްމަދު ޝިފާން (ކުޑައްޓޭ) ހިމެނެ އެވެ.
ވިކްޓަރީގެ ޖެނެރަލް ސެކްރެޓަރީ އިސްމާއީލް ޒަރިޔަންދު ސަން އޮންލައިނަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ރަތް ޓީމުން ބިދޭސީ ކޯޗަކު ގެންނަން ބޭނުން ވަނީ އެ ޓީމުގެ ކޯޗު ކަމުގައި ފާއިތުވެދިޔަ ފަސް އަހަރު ހޭދަކުރި އަލީ ސުޒޭނަށް ވުރެ މޮޅު ދިވެހި އެހެން ކޯޗަކު ހޯދުމަކީ ދަތިކަމަކަށްވާތީ ކަމަށެވެ.
މިދިޔަ އަހަރު އެއްވެސް ކާމިޔާބީއެއް ނުލިބި ހުސްއަތާ ސީޒަން ނިންމާލަން ޖެހުނު ވިކްޓަރީގެ ކޯޗުކަމުން އަލީ ސުޒޭން އިސްތިއުފާދިނީ ވިކްޓަރީގެ ހިންގާ ބޯޑާ، އަދި ހާއްސަކޮށް ކުރީގެ ޗެއާމަން އީވާ އަބުދުﷲއާ މައްސަލަ ޖެހިގެންނެވެ. އީވާ މަގާމުން އިސްތިއުފާދެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.