މަސްވެރިކަމަށް ހުރި ގޮންޖެހުންތަކާ މެދު މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އާއްމުން ހޭލުންތެރިކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީ ފިލްމެއް ރާއްޖޭގައި އެޅުވުމަށް ހަމަޖައްސައިފި އެވެ.


ސޮނޭވާ ރިސޯޓް މޯލްޑިވްސް އާއި އިނގިރޭސިވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ ބްލޫ މެރީން ގުޅިގެން ދައްކާ "ދަ އެންޑް އޮފް ދަ ލައިން" ޑޮކިއުމަންޓްރީ ފިލްމް މާދަމާ ރޭ 8:30 ގައި އެތީނާ ސިނަމާގައި އަޅުވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.


މިކަމާ ބެހޭ ތަފްސީލް ދެއްވަމުން ސޮނޭވާ ރިސޯޓްގެ ސޯޝަލް އެންޑް އެންވައިރަންމަންޓް މެނޭޖަރ މުއްސަބް އަނީސް މިއަދު ވިދާޅުވީ މި އިންވެންޓަކީ ސޮނޭވާ ރިސޯޓްގެ މެނޭޖްމަންޓްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ އިވެންޓެއް ކަމަށާއި މާދަމާ ރޭ އެތީނާގެ ސިނަމާގައި މި ޑޮކިއުމަންޓް އަޅުވާއިރު ޑޮކިއުމަންޓް ބަލައިލުމުގެ ފުރުސަތު ދީފައި ވަނީ ހަމައެކަނި ދައުވަތު ދީފައިވާ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ސްޓޭޓް މިނިސްޓަރުންނާއި ރިސޯޓް އޯނަރުންނާއި ޓޫރިޒަމްގެ ދާއިރާގެ ބޭފުޅުންނާއި ތިމާވެށީގެ ދާއިރާގައި ހަރާކާތްތެރިވާ ފަރާތްތަކުގެ އިތުރުން ރާއްޖޭގެ މީޑިއާގެ ފަރާތްތަކަށް ކަމަށެވެ. ނަމަވެސް ފަހުން އާއްމުންނަށް ވެސް އެފުރުސަތު ހުޅުވާލާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.


މުސްއަބް ވިދާޅުވީ މި އިވެންޓް ރާއްޖޭގައި ބޭއްވުމުގައި ނައިބް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވަރަށް ބޮޑު އެއްބާރުލެއްވުމެއް ލިބިފައިވާ ކަމަށާއި މާދަމާރޭ އެތީނާގައި އަޅުވާ އެޑޮކިއުމަންޓްރީ ބައްލަވާލެއްވުމަށް ވެސް ނައިބް ރައީސް ވަޑައިގަންނަވަވާނެ ކަމަށެވެ.


މިފަދަ ޑޮކިއުމަންޓްރީއެއްގެ މައިގަނޑު ބޭނުމަކީ މަސްވެރިކަމާއި މަހުގެ ވިޔަފާރި ކުރެވެމުންދާ ގޮތާއި މަސްވެރިކަމުގެ ބޭނުން ނުރަނގަޅު ގޮތުގައި ބޭނުންކުރަން ފަށައިފި ނަމަ ކާނާއެއްގެ ގޮތުގައި މަސް ބޭނުންކުރާ ފަރާތްތަކަށް މަސް ނުލިބިއްޖެ ނަމަ ވެދާނެ ގޮތް ދައްކުވައިދީ މީހުން ހޭލުންތެރިކުރުވުން ކަމަށެވެ. އަދި މިފަދަ ޑޮކިއުމަންޓެއް ރާއްޖޭގައި ދެއްކުމުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހިންނަކީ މަހުގެ ބާވަތްތަކަށް ބަރޯސާވެ ތިބި ބަޔަކަށްވާތީ ކަމަށެވެ.