ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ބައްދަލުކުރައްވައި ކައުންސިލްތަކަށް ދިމާވެފައިވާ ދަތިތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެ ބައްދަލުކުރެއްވުމުގެ މައިގަނޑު ބޭނުމަކީ، ކައުންސިލްތައް ހިންގުމުގައި މިހާރު ކުރިމަތިވެފައިވާ މައްސަލަތަކާއި ހުރަސްތަކަކީ ކޮބައިތޯ ބައްލަވައި އެކަމުގައި ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވުން ކަމަށެވެ. ލާމަރްކަޒީ ނިޒާމަކީ އަލަށް ތަޢާރުފް ކުރި ނިޒާމަކަށްވުމާ އެކު، ދިމާވާނެ މައްސަލަތައް ހުންނާނެ ކަމަށާއި އެ މައްސަލަތައް ޙައްލުކުރުމަށް ކުރެވެން ހުރި ކަންތައްތައް ކުރަން ޖެހޭ ކަމުގައި ވިދާޅުވި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކައުންސިލްތަކާއި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި ވަރަށް ރަނގަޅު ގުޅުމެއް އޮންނަންޖެހޭ ކަމަށާއި އަދި ކައުންސިލްތަކާއި އެ ދާއިރާތަކާ ފަސޭހައިން މުޢާމަލާތު ކުރެވޭނެ ގޮތްތަކެއް ހަމަޖައްސަން ޖެހޭ ކަމުގައި ވިދާޅުވި އެވެ. އެ ރޮނގުން ވާހަކަފުޅު ދައްކަވަމުން، އެ ކަންކަން ޙައްލުކުރެއްވުމަށް ސިސްޓަމެޓިކްކޮށް މަސައްކަތް ކުރެވޭނެ އިންތިޒާމްތަކެއް ހަމަޖައްސަން ޖެހޭ ކަމަށާއި ސަރުކާރުގެ ދާއިރާތައް މެދުވެރިވެގެން ކުރަން ޖެހޭ ކަންކަން ކުރުމުގައި ވާހަކަދެކެވި، މަޢުލޫމާތު ބަދަލުކުރުން މުހިންމު ކަމުގައި ވިދާޅުވި އެވެ. އަދި ކައުންސިލްތަކާއި ކަމާ ބެހޭ މިނިސްޓްރީތަކާއި އިދާރާތަކުގެ މެދުގައި ބައްދަލުވުންތައް ބޭއްވޭނެ މަގުފަހިކުރެއްވުމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި އަހަރުގެ މެދަކާ ހިސާބަށް ދިޔުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅުއްވަން ގަޞްދު ކުރައްވާކަން ވެސް ހާމަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލްތަކުގެ ފަރާތުން ށ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ފަތުޙީ ދެއްކެވި ވާހަކައިގައި، ކައުންސިލްތަކަށް މިހާރު ކުރިމަތިވެފައިވާ ދަތިތައް، ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރެއްވި ކަމަށް ރާއީސް އޮފީހުން ބުންޏެވެ. އަދި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް ދިނުމަށް ބޭނުންވާ ބަޖެޓް ވެސް ނެތްކަން ފާހަގަކުރައްވައި، އިދާރީ ބަޖެޓް ވެސް ކުޑަވެފައިވާ ކަމުގައި ވިދާޅުވި އެވެ.

މާލޭސިޓީގެ މޭޔަރު މައިޒާން ޢަލިމަނިކު ދެއްކެވި ވާހަކައިގައި ކައުންސިލްތަކަށް ކުރިމަތިވެފައިވާ މައިގަނޑު މައްސަލަތައް ފާހަގަކުރެއްވި އެވެ. އަދި މާލޭސިޓީން ކުރައްވަން ޖެހޭ ކަންކަން ކުރެއްވުމުގައި ހުރި ދަތިތައް ފާހަގަކުރައްވައި އެކަންކަން ޙައްލުކުރުމުގައި ސަރުކާރުގެ ކަމާ ބެހޭ ދާއިރާތަކުގެ އެއްބާރުލެއްވުމާއި އެހީތެރިކަން ބޭނުންވާ ކަމުގައި ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލު ކުރެއްވުމުގައި ހޯމްއެފެއާޒް މިނިސްޓަރު ޑރ. މުޙަންމަދު ޖަމީލް އަޙްމަދާއި ފިނޭންސް މިނިސްޓަރު ޢަބްދުﷲ ޖިހާދު ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ފިނޭންސް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި މި އަހަރުގެ ބަޖެޓުން ދެބިލިއަން ރުފިޔާ އުނިކުރައްވާފައިވާތީ، ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް ލިބުނު ބަޖެޓް ކުޑަވެފައިވާކަން ފާހަގަކުރެއްވި އެވެ.