ކުލަބު ވެލެންސިޔާގެ ކޯޗުކަމަށް ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބުގެ ކުރީގެ ކެޕްޓަން، އަދި ނިއުގެ ފަހަތް ބެލެހެއްޓި ބޮއިކޯފް ކަމެނޯފް ހަމަޖައްސައިފި އެވެ.

ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ޓީމު ތައްޔާރު ވުމުގެ ގޮތުން އާދިއްތަދުވަހު ވެލެންސިޔާގެ ޕްރެކްޓިސް ކުރިއަށް ގެންގޮސްފައިވަނީ ކުލަބުގެ އާ ހެޑްކޯޗް ބޮއިކޯގެ ފުރިހަމަ ބެލުމުގެ ދަށުންނެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ވެލެންސިޔާގެ މެނޭޖަރު މުޙައްމަދު ހާނިމް ވިދާޅުވީ ވެލެންސިޔާއަށް ބޮއިކޯފް ގެނެސްފައި ވަނީ އޭނާއާއި ދޭތެރޭ ވަރަށް ބޮޑަށް އިތުބާރު ކުރެވޭތީ ކަމަށާއި އަދި އޭނާގެ އިރުޝާދުގެ ދަށުން ޓީމު ރަނގަޅު ހިސާބަކަށް ގެންދެވޭނޭ ކަމަށް ޓީމުގެ މެނޭޖްމަންޓަށް ވަރަށް ބޮޑު ޔަގީން ކަމެއް އޮތުމުން ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނާފައި ބޮއިކޯފް ކޯޗަކަށް ހަމަޖެއްސީ. އޭނާއާދޭތެރޭ ވަރަށް ބޮޑު ޔަގީންކަމެއް އޮތީމަ. އުންމީދު ކުރަނީ ވެލެންސިޔާއަށް މިފަހަރު އާ ކޯޗާއެކު ރަނގަޅު ހިސާބަކަށް ދެވޭނޭ ކަމަށް،" ހާނިމް ވިދާޅުވި އެވެ.

ހާނިމް ވިދާޅުވީ ބޮއިކޯފްއާއި އެކު ވެލެންސިޔާއިން އެއްބަސްވެފައި ވަނީ އެއް އަހަރު ދުވަހުގެ އެއްބަސް ވުމެއް ކަމަށެވެ. އަދި އާ ކޯޗުގެ ބެލުމުގެ ދަށުން އޭނާގެ މަޝްވަރާއާއި އެކު މިފަހަރު ޓީމަށް ވަނީ ބަލްގޭރިޔާގެ ފޯވަޑަކުވެސް ހޯދާފައި ކަމަށާއި އިތުރު ދެކުޅުންތެރިއަކު ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޯޗާއެކު ވެލެންސިޔާއިން ހަދާފައިވަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއް. އަދި އަޅުގަނޑުމެން މިގެނައި ބަލްގޭރިޔާގެ ފޯވަޑަކީ ކޯޗުގެވެސް އިރުޝާދާއެކު އަދި އަޅުގަނޑުމެންވެސް އޭނާގެ ކުޅުން ވީޑިއޯތަކުން ބަލާފައި ގެނައި ކުޅުންތެރިއެއް. އޭގެ އިތުރުން ކޯޗުގެ ލަފާގެ މަތިން މިދަނީ އިތުރު ދެކުޅުންތެރިޔަކުވެސް ހޯދުމުގެ މަސައްކަތް ކުރަމުން،" ވެލެންސިޔާގެ މެނޭޖަރު ވިދާޅުވި އެވެ.

ވެލެންސިޔާގެ އާ ކޯޗު ބަލްގޭރިޔާގެ ބޮއިކޯ އަކީ ދިވެހި ފުޓްބޯޅަ ވަރަށް ރަނގަޅަށް ދަންނަ އަދި އޭއެފްސީ ކަޕްގައި 2005 ވަނަ އަހަރު ނިއުރޭޑިއެންޓް ހޯދި ކާމިޔާބީގައި ބޮޑު ހިއްސާއެއް ކޮށްފައިވާ މީހެކެވެ. އަދި ފަހުން 2007 ގައި ވީބީއަށް ކުޅެފައި ވެއެވެ. އެހެން ކަމުން ވެލެންސިޔާގެ އުއްމީދަކީ މިފަހަރު ކޯޗުގެ އިރުޝާދުގެ ދަށުން އެ ކުލަބު ރަނގަޅު ހިސާބަކަށް ދަތުރު ކުރުމެވެ.

އެންމެ ފަހުގެ ފުޓްބޯޅަ ސީޒަންގައި ކިރިޔަކިޔާ ރެލިގޭޓް ނުވެ ސަލާމަތްވި ވެލެންސިޔާއިން ވަނީ މިފަހަރުގެ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ޓްރާންސްފާ މާކެޓްގައިވެސް ވަރަށް ބޮޑަށް ހަރަކާތްތެރި ވެފަ އެވެ. އެގޮތުން ޓީމަށް މިފަހަރު ގެނައި ކުޅުންތެރިންގެ ތެރޭގައި އެކުލަބުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ޣަނީ އާއި، ވިކްޓަރީގެ ކުރީގެ ކީޕަރު މުހައްމަދު ފައިސަލް އާއި އަދި ނިއުގެ ބަދަލު ކީޕަރު ލަބާން އާއި، ވިކްޓަރީގެ މުޙައްމަދު ޝިފާން އާއި އަކުރަމް އަބްދުލް ޣަނީ އާއި މުޙައްމަދު ރަޝީދު އާއި، ވިޔަންސާގެ ހައިދަރު އަކުރަމްގެ އިތުރުން ނިއުގެ މުއާން މޫސާމަނިކާއި ވީބީ އަށްޑޫ އެފްސީގެ ޝަމްވީލު ގާސިމްވެސް ވަނީ މިއަހަރު ވެލްނެސިޔާ އާއި ގުޅިފަ އެވެ.