28 Jan 2013, 09:38
ޔޫތު ޗެމްޕިއަންޝިޕް 2013ގެ ގުރޫޕް ދޭއްގެ އިއްޔެގެ މެޗުގައި ތިނެއް އެކަކުން ވިކްޓަރީ ސްޕޯޓްސް ކުލަބު ބަލިކޮށް ބީޖީ ސްޕޯޓްސް ކުލަބު ކުއާޓާ ފަނަލަށް ދިއުމުގެ އުއްމީދެއް ހޯދައިފި އެވެ.
އެ މެޗުން ބީޖީ މޮޅުވުމުން އެ ޓީމަށް ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ އެއް މެޗުން މޮޅުވެ ލިބުނު ތިންޕޮއިންޓާ އެކު ގްރޫޕް އެކެއްގެ އޭދަފުށީ ޒުވާނުންގެ ކުލަބާއި ލަނޑުގެ ގޮތުންނާއި އަދި ޕޮއިންޓުގެ ގޮތުން ވެސް ހަމަހަމަ ކޮށްފަ އެވެ. މުބާރާތް ހަމަޖެހިފައިވާ ގޮތުން ކުއާޓާ ފައިނަލަށް ދާނީ ކޮންމެ ގުރޫޕަކުން އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމަކާއި އަދި ތިން ގުރޫޕު އެއްކޮށް ތިން ވަނަ އަށް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމެކެވެ.
އިއްޔެގެ މެޗުގައި ދެ ޓީމުން ވެސް ދާދި ހަމަހަމަކޮށް ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހި އޮވެ އެވެ. އެހެން ނަމަވެސް ދެވަނަ ހާފު ފެށިގޮތަށް ބީޖީ އިން ވަނީ ވިކްޓަރީގެ ގޯލް ހުޅުވާލާފަ އެވެ. ބީޖީގެ ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު ޝަފީ އެވެ. ބީޖީ ލީޑު ނެގިތާ ދެ މިނިޓުގެ ތެރޭގައި ވިކްޓަރީގެ އަހުމަދު ހުމާމް ވަނީ މެޗުގެ ނަތީޖާ އެކެއް އެކަކުން އެއްވަރު ކޮށްފަ އެވެ.
ބީޖީއަށް ދެ ވަނަ ފަހަރަށް ކުރި ހޯދައި ދިނީ މެޗުގެ 65 ވަނަ މިނިޓުގައި އެ ޓީމުގެ މުޙައްމަދު ޝަބީން އާދަމް އެވެ. މެޗުގެ 90 ވަނަ މިނިޓުގައި ވިކްޓަރީގެ ކުޅުންތެރިއަކަށް ބީޖީގެ އޭރިޔާ ކައިރިން ހަމަލާ ދިނުމާއި ގުޅިގެން ރެފްރީވަނީ ޝަބީންއަށް ރީދޫ ކާޑެއް ދެއްކުމަށްފަހު ކުރިން ދައްކާފައި އޮތް ރީނދޫ ކާޑާ އެކު ދެކާޑު ހަމަވުމުން ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.
ބީޖީގެ ތިން ވަނަ ލަނޑު މެޗު 79 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށް ދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މުހައްމަދު މަލީހު އެވެ.
ޔޫތު މުބާރާތުގައި މިއަދު ހަވީރު ގްރޫޕް ދޭއްގެ ފަހުމެވުގައި ވާދަކުރާނީ ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބާއި ގުރޫޕް ލީޑަރު ކުލަބު ވެލެންސީޔާ އެވެ. އެ މެޗުން ނިއު މޮޅުވެއްޖެ ނަމަ ނުވަތަ އެއްވަރު ވިޔަސް އެ ޓީމަށް ވެލެންސިޔާއާއެކު ކުއާޓާއަށް ދިއުމުގެ ފުރުސަތު ލިބޭނެ އެވެ. ނިއު ބަލިވެއްޖެ ނަމަ ވެލެންސިޔާ އާއި އެކު ކުއާޓާއަށް ދިއުމުގެ ފުރުސަތު ލިބޭނީ ހަތަރު ޕޮއިންޓާއެކު ގުރޫޕުގެ ދެ ވަނައިގައި މިހާރު އޮތް ވިކްޓަރީ ސްޕޯޓްސް ކުލަބަށެވެ. މިއަދުގެ މެޗު ވެސް ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 16:00ގައި ގަލޮޅު ބޯޅަދަނޑުގަ އެވެ.