ބޮލީވުޑުގެ ތަރި ދީޕިކާ ޕަޑުކޯނުގެ ފިލްމު "ކޮކްޓެއިލް" މިއަހަރުގެ އެވޯޑަށް ނޮމިނޭޓު ވުމަށް ވުރެ ވެސް އޭނާ އަށް މުހިންމު ވީ އޭނާގެ މުޅި ހާންދާން އެއްކޮށް ތިބެގެން "ކޮކްޓެއިލް" ބެލި ވަގުތެވެ.

އިންޑިޔާގެ މަޝްހޫރު ބެޑްމިންޓަލް ކުޅުންތެރިޔާ ޕްރަކާޝް ޕަޑުކޯނުގެ އަންހެން ދަރިފުޅު ދީޕިކާ ބުނި ގޮތުގައި ފިލްމު ބެލުމަށް ފަހު އޭނާގެ މަންމަ އާއި ބައްޕަގެ އިތުރުން އެނާއާ އެއްބަނޑު އަންހެން ކުއްޖަކު ވެސް ވަނީ ރޮއިފައެވެ.

ދީޕިކާ ބުނީ، "ދުވަސްކޮޅެއް ފަހުން އަހަރެންގެ ބައްޕަ ފޯނުކޮށްފައި، އަހަރެން ގާތު ބުނީ އަހަރެންގެ މަންމަ ބެންގަލޫރުގެ ތިއޭޓަރަކަށް ފަހުން އެކަނި ގޮސް ވެސް މި ފިލްމު ބެލި ކަމަށް. މީގެ މަސްތަކެއް ކުރިން ބައްޕަ މުންބާއީއަށް އައި އިރު، ވަނީ ބައްޕައަށް ލިބިފައިވާ ހަނދާނީ ތަށްޓެއް އަހަންނަށް ހަދިޔާއަކަށް ދީފައި،" ކަމަށެވެ.

ދީޕިކާ އޭނާގެ ބައްޕައާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބުނި ގޮތުގައި، "ބައްޕަ އަހަރެންގެ ކޮންމެ ކަމެއްގައި ވެސް ތަންކޮޅެއް ބޮޑަށް ޖަޒުބާތީ ވާނެ. އެކަމަކު މަންމަ އެފަދަ ޖަޒުބާތުތައް އެއް ފަރާތުގައި ބަހައްޓައިފައި އަހަންނަށް މަޝްވަރާ ދޭނެ،" އެވެ.

"ކޮކްޓެއިލް" ގައި ވެރޮނިކާގެ ދައުރު އަދާ ކުރާ ދީޕިކާ ބުނާ ގޮތުގައި އޭނާގެ ދިރިއުޅުމުގައި ދިމާވި އެންމެ ބޮޑު ދަތިކަމެއްގެ ގޮތުގައި އޭނާއަށް މިހާތަނަށް އިހުސާސް ކުރެވުނީ ބެންގަލޫރުން މުންބާއީއަށް ބަދަލުވި ބަދަލުވުމެވެ.

ދީޕިކާ ބުނާ ގޮތުގައި، "މިހާ ޅަ އުމުރުގައި އަމިއްލަ ގެ އާއި މައިންބަފައިންނާ ދުރަށް އައިސް މުންބާއީގައި އާ ކެރިއަރެއްގެ ބިންގާ އެޅުން ފަސޭހައެއް ނޫން،" އެވެ.

ޑައިރެކްޓަރު އާޔާން މުކަރުޖީގެ ފިލްމު "ޔޭ ޖަވާނީ ހީ ދިވާނީ" ގައި ރަންބީރު ކަޕޫރާ އެކު މަސައްކަތް ކުރުމުގެ ތަޖުރިބާއާ މެދު ދީޕިކާ ބުނީ، އެ ދެ މީހުންނަކީ ކުރީގެ ދެ ލޯބިވެރިއަކު ވެސް ވިސްނުންތެރިކަމާ އެކު ފިޔަވަޅު އަޅައިފި ނަމަ އެއްކޮށް މަސައްކަތް ކުރެވިދާނެ ކަމުގެ މިސާލެއް ކަމަށެވެ.

ދީޕިކާ ބުނާ ގޮތުން އޭނާ އާއި ރަންބީރަށް އެކަކު އަނެކަކާ އެކު މަސައްކަތް ނުކުރެވޭ ކަމަށް އާޔާން މުކަރުޖީއަށް އިހުސާސް ކުރެވޭ ނަމަ އޭނާ އެ ދެ މީހުންނަށް އޭނާގެ ފިލްމަކުން ފުރުސަތެއް ނުދޭނެ އެވެ.