އައްޑޫ ސިޓީގެ ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގައި އޮތް ހާލުބޮޑު ބަލި މީހަކަށް އިތުރުފަރުވާދިނުމަށް ވައިގެމަގުން މާލެ ގެންނަނިކޮށް ފުލައިޓް ތެރޭގައި މަރުވެއްޖެއެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގެ ހެޑް އޮފް އިނިސްޓިޓިއުޝަން އަބުދުﷲ ސައީދު މިރޭ ވިދާޅުވީ އިތުރު ފަރުވާ ދިނުމަށް މޯލްޑިވިއަންގެ ފްލައިޓެއްގައި މާލެގެންނަނިކޮށް މަރުވެފައިވަނީ ހިތަދޫ އަސަރީގޭ އިބްރާހީމް ހުސައިން 71، ކަމަށެވެ.

އޭނާ ވިދާޅުވީ އެމީހާ މާލެ ފޮނުވަލާފައިވަނީ މިއަދު އިރުއޮއްސުނު ވަގުތު ކަމަށެވެ. އަދި އޭނާ މާލެ ފޮނުވާލީ ރޯގާއެއްޖެހުމުގެ ސަބަބުން އިއްޔެއިން ފެށިގެން އެ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު އިތުރުފަރުވާދިނުމަށް މާލެ ގެންދިޔުމަށް ޑޮކްޓަރު ލަފާދިނުމުން ކަމަށާއި ފުލައިޓަށް އެރުވިއިރުވެސް އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.

"ފުލައިޓަށް އެރުވިއިރުވެސް އޭނާގެ ހާލު ސީރިއަސް. ދެން ފުލައިޓް މަތީގަ ހާލު ސީރިއަސް ވެފަ ކުއްލިއަކަށް މަރުވީ. އަޅުގަނޑުމެން އޭނާ މާލެ ފޮނުވާލީ މި ހޮސްޕިޓަލްގެ ޑޮކްޓަރަކާއި ނަރުހަކާ އެކު،" އަބުދުﷲ ސައީދު ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ވިދާޅުވީ އެކުންފުނީގެ މޯލްޑިވިއަން ފުލައިޓަކުން އައްޑޫ ސިޓީން މިއަދު ގެނައި ހާލުބޮޑު ބަލިމީހަކު މިރޭ އިރާކޮޅުގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ. އަދި އޭނާ މަރުވެފައިވަނީ މާލެއާ ކައިރިންކަމުގައިވާތީ ފުލައިޓް ޖައްސާފައިވަނީ މާލެއަށް ކަމަށްވެސް ނަޝާތު ވިދާޅުވިއެވެ.