މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހިކަން ހަމަޖައްސައިދިނުމުގެ ގޮތުން އެމްޑީޕީގެ ސަރުކާރެއްގައި 12000 ފުލެޓް އަޅައިދޭނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

"ވިލިމާފަންނު ދާއިރާގެ ކަންމަތީ ބައްދަލުވުން" ނަމުގައި މާފަންނު ސަބުދެލި މަގުގައި އެމްޑީޕީގެ ސަޕޯޓަރުންނާއެކު މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ގެތަކަށް ޒިޔާރަތްކުރުމަށް އެޕާޓީއިން ފަށާފައިވާ ކެމްޕެއިންގައި ގޭގެއަށް ދިއުމުން ރައްޔިތުނަށް ދިމާވެފައިވާ ދަތިހާލު އިހުސާސް ކުރެވޭކަމަށާއި މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަން ހައްލަކަށް އެޅުވުމަށް ބޭއްނުންވާ 12000 ފުލެޓް އެމްޑީޕީގެ ސަރުކާރެއްގައި އަޅާނެ ކަމަށެވެ.

"އެމްޑިޕީގެ ސަރުކާރުން 2008 ވަނަ އަހަރު މަސައްކަތްކުރީ 10000 ފުލެޓް މުޅި ރާއްޖޭގަ ބިނާކުރެވޭތޯ. އޭރުގައި އަޅުގަނޑުމެން ހީކުރީ އެޔަކީ ވަރަށް ގިނަ އަދަދެކޭ އެފަދަކަމެއްކުރުން އެއީ ވަރަށް ދަތި ކަމަކަށްވާނޭ. ސަރުކާރުގެ މިދިޔަ ތިން އަހަރުގެ ތަޖުރިބާގައި އަޅުގަނޑުމެނަށް ލަފާކުރެވެނީ 12000 ފުލެޓް މާލެ ސަރަހައްދުގައި އެކަނި ބިނާކުރުމަކީ ކުރެވެންއޮތްކަމެކޭ. އަޅުގަނޑު ތިބޭފުޅުނަށް ވައުދުވާނަން އަޅުގަނޑު ތިބޭފުޅުނަށް ޔަގީންކަން އަރުވާނަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކުރިއަށްއޮތް ފަސް އަހަރުގެތެރޭގައި އަޅުގަނޑުމެން އެމަސައްކަތް ކޮށް ނިންމާނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ވެށިފައި މާލެ ޕުރޮގުރާމަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ދަތިތައް ކުރިމަތިވެފައިވާކަމަށް ރައްޔިތުން ބުނަމުންދާކަމަށާއި އެމްޑީޕީގެ ވެރިކަމެއްގައި މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުނަށް އެކަށީގެންވާ ބޯހިޔާވަހިކަން ހޯދައިދެއްވާނެ ކަމަށެވެ. އަދި ވަޒީފާ ލިބުމަށް ދިމާވެފައިވާ ދަތިތަކަށް އަލިއަޅުވާލައްވައި ނަޝީދު ވިދާޅުވީ ބިދޭސީންގެ ސަބަބުން ދިވެހިންނަށް ވަޒީފާ ލިބުން ދަތިވެފައިވާ ކަމަށެވެ.

ބައެއް ފަރާތްތަކުން ވަޒީފާދޭއިރު އަޅުވެތިކުރުމަށް މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރައްވައި ނަޝީދު ވިދާޅުވީ ވަޒީފާދޭ މީހާގެ މަސްލަހަތު އޮންނަ ސިޔާސީ ޕާޓީއަށް ވަނުމަށް ވަޒީފާ ދޭއިރު މަޖުބޫރު ކުރުވާކަމަށާއި އެއީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ.