ޕްރިންސަސް ޑަޔާނާގެ މީގެ ކުރިން އެއްގޮތަކަށް ވެސް ފެނިފައި ނުވާ، ފުރާވަރުގެ ފޮޓޯއެއް އެމެރިކާގެ ނިއު ހެމްޝަޔާގެ ނީލަމެއްގައި 18369 ޑޮލަރަށް (283250ރ) އަށް ވިއްކާލެވިއްޖެ ކަމަށް އެގައުމުގައި ނީލަން ކިޔާ ކުންފުންޏަކުން ބުނެފި އެވެ.

އާރްއާރް އޮކްޝަން އިން ނީލަން ކީ، މީގެ ކުރިން އާންމުވެފައި ނުވާ، ކަޅާއި ހުދުގެ އެފޮޓޯއިން ފެންނަނީ އިނގިރޭސި ވަލީ އަހުދު ޗާލްސްގެ އަނބިކަމަނާއަށް ވެވަޑައިގަތް ޑަޔާނާ މަޑު ކުލައެއްގެ ސްވިޓަރެއް ނުވަތަ ޓޮޕެއް ލައިގެން އެނދެއްގެ މަތީގައި ޒުވާން ފިރިހެނެއްގެ އުނގުގައި އޮށޯވެ އޮންނަ ތަނެވެ. ފޮޓޯގައި ޑަޔާނާގެ މޫނާއި ދެއަތް ފެންނަ އިރު، ޑަޔާނާގެ ފަހަތުގައި އިށީނދެގެން އިން ޒުވާނާ އިންނަނީ ފާރުގަ ލެނގިލައިގެން އޭނާ ކިޔަން އިން ފޮތް، ޑަޔާނާގެ ކޮނޑުގައި ބާއްވާލައިންނެވެ.

އަރާމުކޮށް އޮށޯވެލައިގެން މެދުމިނަކަށް ހިނިތުންވެފައި ކެމެރާ އާއި ދިމާއަށް ބަލަހައްޓައިގެން އޮތް އޭރަށް ބަލާ އިރު، މުސްތަގުބަލުގެ އަމީރާ އޮތް އެނދުގެ ކައިރީގައި ހުރި ކުޑަދޮރުގެ ކަނިމަތީގައި ވިސްކީ ފުޅިއެއް ބަހައްޓާފައި ހުރެ އެވެ. އަދި ކާކުކަން ނޭނގޭ މީހެއްގެ އެއްފަޅި އެފޮޓޯއިން ފެންނަން ހުރެ އެވެ.

ފޮޓޯގަނޑުގެ މަތީގައި ގަދަ ކުލައަކުން ބޮޑުކޮށް "ނޮޓް ޓު ބީ ޕަބްލިޝްޑް" (ޝާއިއު ނުކުރަން) ލިޔެފައި އޮންނަ އިރު ތިރީގައި ދިގުކޮށް ދެ ރޮނގުބުރި ދަމާފައި، ލިޔެފައިވާ ލަފުޒު ކޮޅާއި، ޑަޔާނާ އާއި އެ ޒުވާނާގެ މޫނާއި ފޮތް އެތެރެއަށް ވާގޮތަށް ވަށްބޮޅެއް ކުރަހާފައި އެފޮޓޯގައި ހުރެ އެވެ.

އިނގިރޭސިވިލާތުގެ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ފޮޓޯގައި އެފެންނަ ޒުވާނާއަކީ އެގައުމުގެ ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ ސްޓެންލީ ބޯލްޑްވިންގެ މުނިކާފަ ދަރިއެއް ކަމަށްވާ އެޑަމް ރާސެލް އެވެ.

ޑަޔާނާގެ ފުރާވަރުގެ އެފޮޓޯ ނަގާފައިވާ ދުވަސްވަރު ކަމަށް ބެލެވެނީ އެފޮޓޯގެ ފަހަތުގައި ޖަހާފައިވާ ސްޓޭމްޕްގައި އޮތް ތާރީހް ކަމަށްވާ 26 ފެބްރުއަރީ 1981 އެވެ. އެއީ އަމީރު ޗާލްސް ބަކިންހަމް ޕެލަސްގައި އޭނާ އާއި ޑަޔާނާގެ އެންގޭޖްމެންޓު އިއުލާނު ކުރިތާ ދެ ދުވަސް ފަހުގެ ތާރީހެކެވެ. އަދި އެއަހަރުގެ ޖުލައިމަހު ޗާލްސް އާއި ޑަޔާނާ ވަނީ ކައިވެނިފުޅު ބައްލަވައިގެންފަ އެވެ. ޑަޔާނާގެ އުމުރުފުޅުން އޭރު ވާނީ އެންމެ 19 އަހަރެވެ.


ރިޕޯޓްތައް ބުނާގޮތުން އެ ފޮޓޯ ނަގާފައިވާ ކަމަށް ގަބޫލު ކުރެވެނީ އެ ދެކަނބަލުންގެ ކައިވެނީގެ ދެ އަހަރު ވަރު ކުރިންނެވެ. އެ ފޮޓޯ ނީލަމުގައި ގަނެފައިވަނީ އިނގިރޭސި ވިލާތުގެ ޑެއިލީ މިރާއިންނެވެ.

އިނގިރޭސި ވިލާތުގެ އަމީރާ ޑަޔާނާ އަވަހާރަވީ، އަމީރު ޗާލްސްގެ އަރިހުން ވަރިވެވަޑައިގަތްތާ އަހަރެއްހައި ދުވަސް ފަހުން، 1997 ވަނަ އަހަރުގެ އޯގަސްޓު މަހު ޕެރިހުގައި ކާރު އެކްސިޑެންޓެއްގައެވެ. އޭރު އެކަމަނާގެ އުމުރުފުޅަކީ 36 އަހަރެވެ.