ސ. ހިތަދޫ ގެއަކުން އަގުބޮޑެތި ސާމާނު ތަކެއް ވަގަށް ނެގި މީހަކު ވަގަށް ނެގި އެއްޗިއްސާއި މަސްތުވާ ތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ.


ހިތަދޫ ޕޮލިސް ސްޓޭޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ ރޭ ހިތަދޫ ގެއަކުން ޑީވީޑީ ޕްލެޔަރަކާއި ނިކޯން ބްރޭންޑްގެ އަގުބޮޑު ކެމެރާއެއްގެ އިތުރުން އިތުރު އެއްޗެހިތަކެއް ވަގަށް ނެގި މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ގެ ބަލައި ފާސްކުރި ކުރުމުގެ ތެރެއިން އެ އެއްޗެހި ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ކޮޓަރިތެރެ ބަލައި ފާސްކުރި ކުރުމުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ހަ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.


ފުލުހުންގެ އޮފިޝަލު ވިދާޅުވީ ހައްޔަރުކުރި މީހަކީ މީގެ ކުރިން ވެސް މީހުންގެ މުދަލަށް ގެއްލުދީ ހަދަމުންދިއުމާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ.  


އައްޑު އަތޮޅުގައި ވައްކަންތައް އިތުރުވެ އާންމުންނަށް އުނދަގޫ ވަމުންދާ ކަމަށް ބުނެ މިދިޔަ ހަފްތާތެރޭ ސ. މަރަދޫފޭދޫގައި ވަނީ މުޒާހަރާކޮށްފަ އެވެ.


އައްޑޫ ޕޮލިސް ސްޓޭޝަނުން ބުނީ އެ އަތޮޅުގައި ވައްކަން ކުރުން އިތުރުވެފައި ވަނީ ޖަލު ހުކުމުގައި ތިބި އެތައްބަޔަކު ދޫވެފައި ތިބުމުގެ ސަބަބުން ކަމަށެވެ.