27 Jan 2013, 18:14
މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ކޮމަންވެލްތުގެ ހާއްސަ މަންދޫބު ސާ ޑޮން މެކިނަންއާ ބައްދަލު ނުކުރައްވާން ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.
ސަން އޮންލައިންއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދުގެ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މެކިނަން ރާއްޖެ ވަޑައިގަތުމުގެ ކުރިން ރައީސް ނަޝީދާ ބައްދަލު ކުރެއްވުމަށް އެދިވަޑައިގެން ސިޓީއެއް ފޮނުއްވި ކަމަށެވެ. އަދި އެ ސިޓީގެ ޖަވާބުގައި މެކިނަންއާ ބައްދަލު ނުކުރައްވާން ނިންމަވައިފައިވާ ކަން ރައީސް ނަޝީދު މެކިނަން އަށް އަންގަވައިފައި ވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"މެކިނަން ރާއްޖެ ވަޑައިގަތުގެ ކުރިން ބައްދަލު ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ސިޓީ ފުޅެއް ފޮނުއްވި. އެހެން ނަމަވެސް މެކިނަން ވަޑައިގަތުމުގެ ކުރިން ރައީސް ނަޝީދު ވަނީ ސިޓީ އަކުން ބައްދަލު ކުރަން ބޭނުން ނުވާ ކަމަށް ވިދާޅުވެ މެކިނަން އަށް ސިޓީ ފުޅެއް ފޮނުއްވާފައި." އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ މެކިނަން މިފަހަރު ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތަފްސީލެއް ރަސްމީ ސިފައެއްގައި އަންގަވާފައި ނުވާ ކަމަށާއި އަދި މެކިނަން ފޮނުއްވި ސިޓީގައި ވެސް ބައްދަލު ކުރަން ބޭނުންވާ ސަބަބު ބަޔާން ކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް މެކިނަން ރާއްޖެ ވަޑައި ގެންނެވީ ކޯނީގެ ރިޕޯޓުގައި ރިކޮމެންޑު ކޮށްފައިވާ ކަންތައްތައް ސަރުކާރުން ތަންފީޒު ކުރަމުންދާ މިންވަރު ބެލުމަށް ކަމަށް އެނގިފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"އަޅުގަނޑުމްނަށް ރަސްމީ ސިފައެއްގައި އަންގައިފައެއް ނެތް މެކިނަން ރާއްޖެވަޑައި ގެންނެވީ ކީއްވެގެން ކަމެއް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި މެކިނަން ރާއްޖެވަޑައިގެންނެވީ ކޯނީގެ ރިޕޯޓުގައި ރިކޮމެންޑު ކޮށްފައިވާ ކަންތައް ސަރުކާރުން ތަންފީޒު ކުރާ މިންވަރު ބަލަން. އަދި ތަންފީޒު ކުރެވިފައިވާ މިންވަރު ބަލަން." އަސްލަމް ވިދާޅުވި އެވެ.
އަސްލަމަމް ވިދާޅުވީ ކޯނީގެ ރިޕޯޓް ރައީސް ނަޝީދު ގަބޫލު ކުރައްވާފައި ވަނީ ޝަރުތުތަކަކާ އެކު ކަމަށްވެފައި އަދި ރައްޔިތުންގެ މަޖިލީގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން ކޯނީގެ ރިޕޯޓް ދިރާސާ ކުރުމުން އާ ކަންތައްތަކެއް އެނގިފައިވާތީ ކޯނީގެ ރިޕޯޓާ ގުޅުން ހުރި އެއްވެސް ކަމެއްގައި ކޮމަންވެލްތުގެ މަންދޫބާ ބައްދަލު ނުުކުރަން އެމްޑީޕީއާއި ރައީސް ނަޝީދު ވެސް މިހާރު ނިންމަވާފައި ކަމަށެވެ.