27 Jan 2013, 18:05
އުމުރުން 15 އަހަރުގެ ކުޑަކުއްޖަކާ އެކު ގަދަކަމުން ބަދުއަޚްލާގީ އަމަލު ހިންގި ކަމަށް ބުނެ ހުށަހެޅި މައްސަލައެއްގެ ތަހްގީގަށް ބ. ތުޅާދޫއަށް އިއްޔެ ދިޔަ ފުލުހުންނަށް ހުރަސް އެޅުމުން ހައްޔަރު ކުރި 11 މީހުންގެ ތެރެއިން ދެ މީހުން ދޫކޮށްލައި އަނެއް ނުވަ މީހުންގެ މުއްދަތު ފަސް ދުވަހަށް އިތުރު ކޮށްފިއެވެ.
ބ. ތުޅާދުއަށް އިއްޔެ ފުލުހުން ދިޔުމުން އެރަށުގެ ބަޔަކު ނިކުމެ ފުލުންގެ ވާޖިބަށް ހުރަސްއަޅައި އާއްމު އިޖްތިމާއީ މިންގަނޑާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު ހަސަން ހަނީފް މިއަދު ވިދާޅުވީ އިއްޔެ ތުޅާދޫން ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހުން ދޫކޮށްލީ ކޯޓުން ކަމަށެވެ. އަދި އަނެއް ނުވަ މީހުން މިހާރު ތިބީ ބ. އޭދަފުށީ ޕޮލިސް ސްޓޭޝަންގައި ތަހްގީގަށް ހައްޔަރު ކޮށްފައި ކަމަށެވެ.
އިތުބާރު ހުރި ފަރާތަކުން ސަންއަށް ކަށަވަރު ކޮށްދީފައިވާ ގޮތުގައި އިއްޔެ ހައްޔަރުކުރި 11 މީހުންގެ ތެރެއިން ކޯޓުން މިއަދު ދޫކޮށްލީ އެރަށު ކައުންސިލްގެ ރައީސް އަހްމަދު ރަޝީދާއި، އެ ކައުންސިލްގެ މެމްބަރު ޒިޔާދު ރަޝީދު އިބްރާހިމް އެވެ. އެ ދެ ކައުންސިލަރުންނަކީ ވެސް އެމްޑީޕީއަށް ނިސްބަތްވާ ދެ މީހުންނެވެ.
ފުލުހުން އިއްޔެ ވަނީ ކުޑަކުއްޖަކާ އެކު ބަދުއަޚްލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ތުޅާދޫން އުމުރުން 21 އަހަރުގެ ޒުވާނަކު ވެސް ހައްޔަރު ކޮށްފައެވެ. ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރު ކޮށްދީފައެވެ.
ފުލުހުން މިހާރު ގެންދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.