27 Jan 2013, 17:41
ފޮކްސް އިންޓަނޭޝަނަލް ޗެނަލްސް (އެފްއައިސީ) އިން ކުޅިވަރު ބްރޯޑްކާސްޓު ކުރުމުގައި މަޝްހޫރުކަން ހޯދާފައިވާ "އީއެސްޕީއެން ސްޓާރ ސްޕޯޓްސް"ގެ ވޯލްޓްޑިޒްނީގެ ހިއްސާ ގަތުމަށްފަހު "އީއެސްޕީއެން ސްޓާރ"ގެ ނަން "ފޮކްސް ސްޕޯޓްސް އޭޝިޔާ" އަށް ބަދަލުކުރުމަށް އެފްއައިސީން ނިންމައިފި އެވެ.
އީއެސްޕީއެންގެ ވެބްސައިޓުގައި ހާމަކޮށްފައިވާ ގޮތުގައި އޭޝިޔާ ސަރަހައްދުގެ ގިނަ ގައުމުތަކަށް އީއެސްޕީއެން ނެޓްވޯކްގައި ހިމެނޭ ޗެނަލްތައް މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން ދެން ފެންނާނީ "ފޮކްސް ސްޕޯޓްސް އޭޝިޔާ"ގެ ޗެނަލްތަކުގެ ގޮތުގައެވެ.
އެގޮތުން ޗެނަލްތަކުގެ ނަމަށް އަންނާނެ ބަދަލުތަކުގެ ތެރޭގައި، "އީއެސްޕީއެން" ގެ ނަން "ފޮކްސް ސްޕޯޓްސް" އަށް، އީއެސްޕީއެންގެ ހައިޑެފިނިޝަން ޗެނަލް "އީއެސްޕީއެން އެޗްޑީ"ގެ ނަން "ފޮކްސް ސްޕޯޓްސް ޕްލަސް އެޗްޑީ" އަށް، ކުޅިވަރު ހަބަރު ގެނެސްދޭ ޗެނަލް "އީއެސްޕީއެން ނިއުސް"ގެ ނަން "ފޮކްސް ސްޕޯޓްސް ނިއުސް" އަށް، އީއެސްޕީއެންގެ ބްރޯޑްބޭންޑް ނެޓްވޯލް ޕްލޭޔާ "އީއެސްޕީއެން ޕްލޭޔާ"ގެ ނަން "ފޮކްސް ސްޕޯޓްސް ޕްލޭ"ގެ ނަމަށް އަދި "މޮބައިލްއީއެސްޕީއެން"ގެ ނަން "ފޮކްސް ސްޕޯޓްސް މޮބައިލް" އަށް ބަދަލުވެގެން ދާނެ އެވެ.
އިންޑިޔާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އޭޝިޔާގެ ގިނަ ގައުމުތަކަށް މި ބަދަލު ގެނައި ކަމުގައިވީ ނަމަވެސް "އީއެސްޕީއެން އިންޑިއާ" އިން ގެނެސްދޭ ޗެނަލްތަކުގެ ނަމަށް އަދި މި ވަގުތު އެއްވެސް ބަދަލެއް ނާންނާނެ އެވެ. އެހެންކަމުން އީއެސްޕީއެންގެ އިންޑިއާ ސެޓް ބޭނުން ކުރާ ފަރާތްތަކަށް ކުރިއަށް އޮތްތާނގައި ވަކި ގޮތަކަށް ހަމަޖެހެންދެން ފެންނާނީ ހަމަ ކުރިން ވެސް ފެނުނު ނަންތަކުގައެވެ.
ފޮކްސް ސްޕޯޓްސް އޭޝިޔާއިން ބުނެފައިވަނީ، "މިގެންނަ ބަދަލުތަކުގެ ސަބަބުން، ހިދުމަތްތައް އިތުރަށް ރަނގަޅުވެ، ފުޅާވެ، އަދި ކުރިއަރައިގެން ދާނެ،" ކަމަށެވެ.