27 Jan 2013, 17:35
ރާ ބުއި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރުގެ ކުޑަކަމުދާތަކެތި ނުދިން މައްސަލާގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ހުށަހަޅުއްވާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
ކޮމިޝަނަރު ވިދާޅުވީ ޖާބިރާއި ހާމިދުގެ މައްސަލަ ޕީޖީއަށް ހުށަހަޅުއްވާއިރު، މީގެ ކުރިން ވެސް ކުޑަކަމުދާތަކެތި ނުދިން މައްސަލައެއްގައި ހާމިދުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ހުށަހަޅުއްވާފައިވާނެ ކަމަށެވެ. އެއީ މުޒާހަރާއެއްގައި ފުލުހުންނަށް ހުރަސްއެޅި މައްސަލައެއްގައި ހައްޔަރު ކުރުމުން، "އޭނާގެ އަމަލުތައް ހުރިގޮތުން" ފުލުހުންގެ ތަހުގީގަށް ކުޑަކަމުދާތަކެތި ދިނުމަށް އެދުމުން އެކަމަށް އޭނާ ދެކޮޅު ހެއްދެވުމުންނެވެ.
ބަނގުރާ ބުއި ކަމަށް ތުހުމަތު ކުރާ މައްސަލާގައި ކުޑަކަމުދާ އެއްޗެހި ދިނުމަށް ހާމިދާއި ޖާބިރު އިންކާރު ކުރެއްވިއިރު، މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނަނީ ފުލުހުން އަންގައިގެން ކުޑަކަމުދާތަކެތި ނުދިން މީހެއްގެ އަދަބަކީ އެއް އަހަރަށް ޖަލަށްލުމެވެ. އެ ގާނޫނުގެ 123 ވަނަ މާއްދާގެ (ހ) ގައި ބުނަނީ މަސްތުވާތަކެތި ބޭނުންކުރި ކަމަށް ތުހުމަތު ކުރެވިގެން މީހެއްގެ ކުޑަކަމުދާ އެއްޗިހި ޓެސްޓް ކުރުމަށް އެ ގާނޫނުގެ 161 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުލުހުންގެ އޮފިސަރަކު އެދުމުން ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރުކުރާ މީހާ އެކުރަނީ ކުށެއް ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައި ބުނަނީ އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ އެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުން ކަމަށެވެ.
ކުޑަކަމުދާ ތަކެތި ދިނުމަށް ހާމިދާއި ޖާބިރު އިންކާރު ކުރި މައްސަލާގައި ދައުވާ އެ ދެބޭފުޅުންގެ މައްޗަށް ސާބިތުވެއްޖެނަމަ އެ ބޭފުޅުންގެ މެންބަރުކަމާމެދު ސުވާލު އުފެދޭނެ އެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ)ގެ ދެ ވަނަ ނަންބަރުގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެ، އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން އެ މީހަކު ވަކިވާނެ ކަމަށެވެ.
ރާ ބުއި ކަމަށް ތުހުމަތުކޮށް ޖާބިރާއި ހާމިދު ހައްޔަރު ކުރީ ދަނޑުވެރިކަން ކުރުމަށް ޔޮޓް ޓުއާސްއަށް ދޫކޮށްފައިވާ ހދ. ހޮނޑައިދޫގައި މަސްތުވާތަކެއްތި ބޭނުން ކުރަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ. އެބޭފުޅުންނާއެކު ނިޝާން އިއްޒުއްދީނުގެ އިތްޒަތްތެރި ވެރިކަމުގެ (ނޢޣވ)ގެ ލަގަބު ރައީސް ނަޝީދުގެ ސަރުކާރުގައި ދެއްވާފައިވާ އިބްރާހިމް ހުސައިން ޒަކީ ވެސް ހައްޔަރު ކުރި އެވެ. އަދި ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ ޕްރެސް ސެކަރެޓަރީއަކަށް ހުންނެވި މުހައްމަދު ޒުހައިރު ވެސް ހައްޔަރު ކުރިއެވެ.