ނިއުދިއްލީ (ޖަނަވަރީ 27): މިހާތަނަށް ދައްކާލާފައިނުވާ ނިއުކްލިޔާ އައު މިސައިލެއް އިންޑިޔާ އިން އިއްޔެ ފުރަތަމަ ފަހަރަށް ދައްކާލައިފި އެވެ. އިންޑިޔާގައި އުފައްދާފައިވާ އަގްނީ–5 މަރުކާގެ މިމިސައިލް ދައްކާލާފައި ވަނީ އެގައުމުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސިފައިން އިއްޔެ ބޭއްވި ޕެރޭޑެއްގަ އެވެ.

ނިއުކްލިޔާ ހަތިޔާރުގެ ބޮލެއް ހަރުކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އަގްނީ–5 މަރުކާގެ މިމިސައިލް، އިންޑިޔާ އިން ފުރަތަމަ ޓެސްޓްކޮށްފައި ވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. ނަމަވެސް އިންޑިޔާ ސިފައިން، މި މިސައިލް ފުރަތަމަ ފަހަރަށް ދައްކާލާފައި މި ވަނީ އިއްޔެ ބޭއްވި ޢަސްކަރީ ޕެރޭޑްގަ އެވެ. އަގްނީ–5 މަރުކާގެ މި މިސައިލަކީ ފަސް ހާސް ކިލޯމީޓަރުގެ ދިގުރާސްތާގެ ސްޓްރެޓީޖިކް މިސައިލެކެވެ. މިއީ ނިއުކްލިޔާ ހަތިޔާރާ އެކު އެއްބައްރުން އަނެއްބައްރަށް ފޮނުވައި ހަމަލާދިނުމުގެ ޤާބިލްކަން ލިބިގެންވާ މިސައިލެކެވެ. އިންޑިޔާގެ ވާދަވެރި ޗައިނާ އާއި ޕާކިސްތާނުގެ ކޮންމެ ސަރަޙައްދަކަށް ވެސް މިމިސައިލް ފޯރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިންޑިޔާ އިން ކުރިން ދައްކާލާފައިވަނީ އަގްނީ-1އަގްނީ-2،އަގްނީ -3 އަދި އަގްނީ4ގެ މިސައިލްތަކެވެ. މީގެ ތެރެއިން އަގްނީ-4 މަރުކާގެ މިސައިލަކީ ނިއުކްލިޔާ ހަތިޔާރުގެ ބޮލަކާ އެކު 3500 ކިލޯމީޓަރަށް ވާސިލްވުމުގެ ޤާބިލްކަން ލިބިފައިވާ މިސައިލެކެވެ. ޢަސްކަރީ ރިޕޯޓްތައް ބުނާ ގޮތުން ކުރިން ދައްކާލާފައިވާ އަގްނީ -4 އާއި އިއްޔެ ދައްކާލި އަގްނީ -5 މަރުކާގެ ނިއުކްލިޔާ މިސައިލްތަކަކީ އިންޑިޔާ ބިނާކުރަމުންގެންދާ އެގައުމުގެ ނިއުކްލިޔާ ޑިޓަރެންޓް (ނިއުކްލިޔާ އައްޑަނަ)ގެ ނިޒާމު މައިބަދަ އެވެ.

މިދެ ބާވަތުގެ މިސައިލްގެ އިތުރުން އަށް ހާސް ކިލޯ މީޓަރުގެ ރާސްތާގެ އަގްނީ މަރުކާގެ ސްޓްރެޓީޖިކް އައު މިސައިލެއް އުފެއްދުމަށް ވެސް އިންޑިޔާ އިން މަސައްކަތް ކުރަމުން ގެންދާކަމަށްވެ އެވެ. އަންނަ އަހަރު އެ މިސައިލް އިންޑިޔާ އިން ތަޖްރިބާކުރާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ. އިންޑިޔާގެ އަވައްޓެރި ޗައިނާއަކީ އަށް ހާސް ކިލޯ މީޓަރުގެ ސްޓްރެޓީޖިކް މިސައިލާއެކު ނިއުކްލިޔާ ވަރުގަދަ ޑިޓަރެންޓެއް ބިނާކޮށްފައިވާ ގައުމެކެވެ. ޕާކިސްތާނަކީ 3500 ކިލޯމީޓަރުގެ ނިއުކްލިޔާ މިސައިލް އުފައްދާފައިވާ އަދި އިންޑިޔާ ފަދައިން ނިއުކްލިޔާ ވަރު ގަދަ ޑިޓަރެންޓެއް ބިނާކުރުމަށް މަސައްކަތް ކުރަމުން ގެންދާ ގައުމެކެވެ. (ޔުނައިޓެޑް ޕްރެސް އިންޓަނޭޝަނަލް)