ޕިޔޮންގްޔަންގް (ޖަނަވަރީ 27): ދުޝްމަނުންގެ ކުރިމަތީގައި ގައުމު ދިފާޢުކުރުމަށް ވަރަށް މުހިއްމު ވަތަނީ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަން އުތުރުކޮރެޔާ އިން ހާމަކޮށްފި އެވެ.

އުތުރުކޮރެޔާގެ ޒުވާން ލީޑަރު ކިމް ޖޮންގް އުން މިއަދު މިކަން އިޢްލާންކުރައްވާފައި ވަނީ އެގައުމުގެ އަމްނާ ބެހޭ އިސްފަރާތްތަކާ ބައްދަލުކުރެއްވުމަށް ފަހު ނެރުއްވާފައިވާ ކުރު ބަޔާނެއްގަ އެވެ. ކިމް ޖޮންގް އުންގެ މިބަޔާނުގައި އިތުރު ތަފްސީލް ދެއްވާފައިނުވާ ކަމަށް ޚަބަރުލިބެ އެވެ. އެމެރިކާ އިސްވެއޮވެގެން އުތުރުކޮރެޔާއާ ދެކޮޅަށް އދ. ން އަޅާފައިވާދަތި ކުރުމުގެ ފިޔަވަޅުތައް އިތުރަށް ފުޅާކުރުމާ ބެހޭ ގަރާރެއް މިދިޔަ ހަފްތާގައި ސަލާމަތީ މަޖިލީހުން ފާސްކުރުމާ ގުޅިގެން އެގައުމުން ވަނީ ޢަސްކަރީ ސްޓްރެޓީޖިކް ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު ދީފަ އެވެ. މީގެތެރޭގައި މަތީފެންވަރުގެ ނިއުކްލިޔާ ތަޖްރިބާއެއް ކުރާނެ ކަމުގެ އިންޒާރާއި އެމެރިކާ އަށް އަމާޒުކޮށްގެން ދުރުރާސްތާގެ ބެލަސްޓިކް މިސައިލްގެ ތަޖްރިބާތަކެއްކުރާނެ ކަމުގެ އިންޒާރު ދިނުން ހިމެނެ އެވެ.

މީގެއިތުރުން އުތުރުކޮރެޔާގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވުމަށް ޓަކައި އެމެރިކާ އިސްވެއޮވެގެން ކުރިޔަށްގެންދާ ހަފަރާތުގެ ސުލްހައިގެ ވާހަކަތައް ހުއްޓާލިކަން ވެސް އެގައުމުން ވަނީ ޢިއްލާންކޮށްފަ އެވެ. އުތުރުކޮރެޔާ އިން ވަނީ 2006 ވަނަ އަހަރާއި 2009 ވަނަ އަހަރު ނިއުކްލިޔާ ތަޖްރިބާތަކެއް ކޮށްފަ އެވެ. އުތުރުކޮރެޔާގައި ނިއުކްލިޔާ 10 ވަރަކަށް ބޮމުގެ ސްޓޮކެއް ވާކަމަށް ހުޅަނގުގެ ޖާސޫސީ ފަރާތްތަކާ ޙަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. (ރޮއިޓާސް)