ފެބްރުއަރީ އަށް ވަނަ ދުވަހު ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިން ކަމަށް ތުހުމަތު ކުރެވޭ ދެ ކުއްޖަކު ހައްޔަރުކޮށްގެން ފުލުހުން މިއަދު ޝަރީއަތަށް ހާޒިރުކޮށްފި އެވެ.

ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ދެ ކުދިން ބަންދުގައި ބައިތިއްބައިގެން ފުލުހުން މިއަދު ޝަރީއަތަށް ހާޒިރުކުރީ އެ ކޯޓުން ފުލުހުންގެ މައްޗަށް ކުރި އަމުރަކާ ގުޅިގެން ކަމަށެވެ.

ބަންދުގައި ބައިތިއްބައިގެން އެ ދެ ކުދިން ޝަރީއަތަށް ހާޒިރުކުރުމަށް ޖުވެނައިލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ކުރީ މިމަހުގެ ހަވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހަށް ހާޒިރުވުމަށް ޗިޓް ފޮނުވުމުން ވެސް އެ ދެ ކުދިން ކޯޓަށް ހާޒިރު ވެފައިނުވާތީ ކަމަށް ޖުވެނައިލް ކޯޓުން ބުންޏެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގައި އިތުރަށް ކުރިއަށް ދާން ބޭނުންވަނީ ވަކީލަކު ހަމަޖައްސައިގެން ކަމަށް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެ ދެ ކުދިން ބުނުމުން، ހަތް ދުވަހުގެ ތެރޭގައި ވަކީލަކު ހަމަޖެއްސުމަށްފަހު ކޯޓަށް އެންގުމަށް ޝަރީއަތުން މިއަދު އެ ދެ ކުދިންނަށް އަންގާފައިވާ ކަމަށެވެ.

އެހެން ދެ ކުއްޖަކު ވެސް މިއަދު ކޯޓަށް ހާޒިރު ކޮށްފައިވާ ކަމަށާއި އަދި އެ ދެ ކުދީން ދައުވާ އަށް ޖަވާބުދާރީ ވެފައިވާ ކަމަށް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ. މި ދެ ކުދީންނަކީ މިމަހުގެ ހަވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ ދައުވާއަށް އިންކާރުކޮށްފައިވާ ދެ ކުއްޖެއް ކަމަށް ވެސް ކޯޓުން މައުލޫމާތު ދެއެވެ. އަދި އެ ދެ ކުދިން ދައުވާއަށް އިންކާރުކޮށްފައިވާތީ ދައުވާ ސާބިތުކުރުމަށް ހެކި ހުށަހެޅުމަށް ދެން އޮންނަ ޝަރީއަތުގެ މަޖިލީހުގައި ދައުލަތަށް ފުރުސަތު ދިނުމަށް ނިންމާފައިވާކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.

އަދި އޮފިޝަލް ވިދާޅުވީ އެ މައްސަލައިގައި ހިމެނޭ ލިޔުންތައް ހޯދުމަށް ދައުވާއަށް ޖަވާބުދާރީ ވި ދެ ކުދިންގެ ވަކީލު އެދިފައިވާއިރު، އެލިޔުންތައް ދޫކުރެވެން ނެތްކަމަށް ކަނޑައަޅައި އިޖުރާއީ ނިންމުމެއް ޝަރީއަތުން މިއަދު ނިންމާފައިވާ ކަމަށެވެ. ހަމަ އެހެންމެ އޭނާ ވިދާޅުވީ ލިޔުންތައް ދޫކުރެވެން ނެތްކަމަށް ކަނޑައަޅާފައި ވަނީ އެ ލިޔުންތައް ސިއްރުކޮށްދިނުމަށް ދައުލަތުން އެދިފައިވާތީ ރަސްމީ އިދާރާތަކުން މައުލޫމާތު ހޯދުމާ ލިބިގަތުމުގެ ގަވާއިދުގެ ދަށުން ކަމަށެވެ.

"ދައުވާ ލިބޭ ދެ ކުދިންގެ ދިފާއީ ވަކީލު ހޯދުމަށް އެދިފައިވާ ލިޔުންތަކަކީ ދައުލަތުން ސިއްރު ކުރުމަށް އެދިފައިވާ ލިޔުންތަކަކަށްވާތީ ރަސްމީ އިދާރާތަކުން މައުލޫމާތު ހޯދުމާ ލިބިގަތުމުގެ ގަވާއިދުގެ 22 ވަނަ މާއްދާގެ (ނ) (ރ) އަދި 27 ވަނަ މާއްދާގެ (ހ) ގެ (2)، (5) އަދި 28 ވަނަ މާއްދާގެ (ނ) ގެ ދަށުން އިސްވެ ދެންނެވުނު ލިޔުންތައް ދޫކުރެވެން ނެތްކަމަށް ކަނޑައަޅައި އިޖުރާއީ ނިންމުމެއް ޝަރީއަތުން މިއަދު ވަނީ ނިންމާފައި،" ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ ހަތަރު ކުދިންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައި ވަނީ ފެބުރުވަރީ އަށް ވަނަ ދުވަހުގެ ހަވީރު 4:30 އާއި އެރޭ 8:30 އާއި ދެމެދުގެ ވަގުތެއްގައި އިތުރު ބަޔަކާ އެކު ތިނަދޫ ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ ފުލުހުންނަށް ހަމަލާދީ، ޕޮލިސް ސްޓޭޝަނަށާއި އެތާނގެ މުދަލަށް ގެއްލުންދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ. އަދި ހަމަ އެދުވަހުގެ ވަގުތެއްގައި ގދ. އަތޮޅު ކައުންސިލްގެ އިދާރާ ތެރެއަށް އެ ހަތަރު ކުދިން ވަދެގަތް ކަމަށް ތުހުމަތު ކުރެވިފައިވާ ކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.


އެ ހަތަރު ކުދިންގެ މައްޗަށް ވެސް ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ) އާއި (ކ) އާއި ހަވާލާދީ އެގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށް ޖުވެނައިލް ކޯޓުން ބުންޏެވެ.

އެ ގާނޫނުގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ އަރުވާލުންކަމަށެވެ.

ފެބްރުއަރީ އަށް ވަނަ ދުވަހު ތިނަދޫ ޕޮލިސް ސްޓޭޝަނާއި ތިނަދޫ މެޖިސްޓްރޭޓް ކޯޓާއި އެރަށުގައި ހުންނަ ގދ. އަތޮޅު ކައުންސިލް އިދާރާ ކުރިމައްޗަށް އެއްވެ ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ 89 މީހެއްގެ މައްޗަށް ވެސް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.