27 Jan 2013, 15:17
ރާއްޖެ އަށް ލިބޭ އާމްދަނީ، މިވޭތުވެ ދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ދެގުނަ އިތުރުވެފައިވީ ނަމަވެސް، ޙަގީގަތަކީ ރާއްޖޭގައި އުޅޭ މުއްސަނދިންނާއި ފަގީރުންގެ ތަފާތު ބޮޑުވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދެވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލު، ކަނޑިތީމަށް ވަޑައިގެން، ކަނޑިތީމު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ ހިމެނިފައި ވަނީ، މެދުފަންތީގެ ދަރަޖަ ލިބިފައިވާ ޤައުމުތަކުގެ ތެރެއިން ވެސް އެންމެ އުސް ހަރުފަތްތަކުގައި އުޅޭ ޤައުމެއްގެ ގޮތުގައި ކަމަށެވެ. އަދި ރައްޔިތުންގެ ތެރެއިން ކޮންމެ ބޮލަކަށް މިހާރު ޖެހޭ އާމްދަނީއަކީ 6000 ޑޮލަރު ކަމަށާއި މިއީ ހަގީގަތުގައި ވަރަށް ބޮޑު ޢަދަދެއް ކަމަށް ވިޔަސް ވެސް ފަގީރުން ވަނީ ނިކަމެތިވެފައި ކަމަށާއި މުއްސަނދިން ވަނީ ކުރިއަށް ވުރެ މުއްސަނދިވެފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އެހެންވުމުން އެ ތަފާތުތައް ކުޑަކުރުމަށް ދައުލަތުގެ ފަރާތުން ކުރަން ޖެހޭ ކަންތައްތަކެއް އަދި އަޅަން ޖެހޭ ފިޔަވަޅުތަކެއް އެބަހުރި ކަމަށާއި އެއްކަމަކީ ނިކަމެތިންނަށް އެހީތެރިވުމާއި ނިކަމެތިންގެ ދިރިއުޅުމުގެ ފެންވަރު ވަކިވަރަކަށް މައްޗަށް އުފުލައިލުން ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި އެ ކަމުގައި ދައުލަތުގެ ފަރާތުން ރައްޔިތުންނަށް އެހީތެރިކަން ފޯރުވައިދެއްވަމުން ގެންދަވާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކަނޑިތީމަކީ ޕާޓީތަކުގެ ތަފާތުކުރުމެއް ނެތި، އަވަށުގެ ތަފާތުތަކެއް ނެތި އަދި މިފަދަ ހުރިހާ ތަފާތުތަކެއް އެއްކިބާކޮށް، ރަށުގެ ތަރައްގީއަށް ޓަކައި ރައްޔިތުން އަތުގުޅާލައްވައިގެން މަސައްކަތް ކުރަމުން ގެންދާ ރަށެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކަނޑިތީމަށް މިވަގުތު ކުރިމަތިވެފައިވާ ބައެއް މައްސަލަތަކުގެ މައްޗަށް ބައްލަވާލައްވައި އެކަންކަން ޙައްލުކުރެއްވުމަށް ކުރެއްވެން ހުރި މަސައްކަތްތައް ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ. އެގޮތުން، ރަށުގެ ކަރަންޓްގެ ކަންތައް މިހާރަށް ވުރެ ރަނގަޅަށް އިންތިޒާމު ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި އެވެ. އަދި އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ރަށުގެ ބަނދަރު އަލުން ރަނގަޅު ފެންވަރަކަށް ހެދޭނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ރަށުގެ ސްކޫލާއި ޞިއްޙީ މަރްކަޒު މިހާރަށްވުރެ ރަނގަޅު ކުރުމަށް ކުރަން ޖެހޭ ކަންކަން ވެސް އެބަހުރި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.