ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ހ. ހިކޯސްޓް އަލީ ޝާންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

ސަން އަށް މައުލޫމާތުދެއްވަމުން އޭނާގެ ދިފާއީ ވަކީލު ވިދާޅުވީ ކުރިން ކޯޓުން ޖަހައިދިން ބަންދުގެ މުއްދަތު ހަމަވުމުން އިތުރަށް އޭނާ ބަންދުގައި ބެހެއްޓުމާ މެދު ގޮތެއް ނިންމުމަށް ފުލުހުން މިއަދު އޭނާ ކޯޓަށް ހާޒިރުކުރުމުން އަނެއްކާވެސް 15 ދުވަހަށް އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

އަލީ ޝާންގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި އޮތްނަމަވެސް އަދި އެ މައްސަލައިގައި ދައުވާ ކޮށްފައެއް ނުވެއެވެ. ޕީޖީ އޮފީހުން ބުނީ އެ މައްސަލަ މިހާރު ދިރާސާކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ ތަހުގީގުން އެނގޭގޮތުގައި އަފްރާޝީމް މަރާލާފައި ވަނީ އަލީ ޝާނާއި ހ. ލޮބީ ހުސެއިން ހުމާމް އަހުމަދު ކަމަށެވެ.

ހުމާމްގެ މައްޗަށް ދައުލަތުން ކުރި ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އަށް އޭނާ ވަނީ އިންކާރުކޮށްފައެވެ. އަދި ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ކޯޓުން ވަނީ އޭނާއަށް ދީފަ އެވެ.

އަފްރާޝީމް މަރާލިރޭ އެގޭ ކައިރީ ފާރައަށް ހުރިކަމަށް ތުހުމަތު ކުރެވޭ ކުއްޖެއްގެ މައްސަލަ ވެސް ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.