27 Jan 2013, 15:07
ކޮމަންވެލްތު ސެކްރެޓަރީ ޖެނެރަލްގެ ޚާއްޞަ މަންދޫބު ޑޮނަލްޑް މެކިނަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި އޮތް ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ މި އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާ އެއްކަމަކީ މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ހެއްދެވުމަށް ކުރެއްވެން ހުރި މަސައްކަތްތައް ކުރެއްވުން ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު އޮތް ގޮތާއި ރާއްޖޭގެ އިގްތިޞާދީ ޙާލަތާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ، ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލްގެ ޚާއްޞަ މަންދޫބަށް އެރުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި ސިޔާސީ ގޮތުން ގެންނަން ހުރި އިޞްލާޙުތަކާއި ޤައުމުގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް ޓަކައި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް ވެސް ރައީސް ވާހަކަ ދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޑޮނަލްޑް މެކިނަން ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ހެއްދެވުމަށާއި އިންތިޚާބުގެ ކަންތައްތައް އޮމާންކަމާ އެކު ކުރިއަށް ގެންދިއުމަށް ޓަކައި ކޮމަންވެލްތުގެ ފަރާތުން ވެދެއްވެން އޮތް އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ވެދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވި ކަަމަށް ރައީސް އޮފީހުން ބުންޏެވެ.