ކަންނެލި މަސްވެރިކަމަަށް 13 މީހުންނާ އެކު ނިކުމެ އުޅުނު ދޯންޏެއް ގެއްލިގެން އެމްއެންޑީއެފުން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން މިއަދު ބުނީ "މަންހާ ކިޔާ " އެ ދޯންޏަށް އެންމެ ފަހުން ގުޅިފައި ވަނީ މި ދިޔަ ހަފްތާގެ ބުދަ ދުވަހު ކަމަށެވެ.

އަދި އޭރު އެ ދޯނި އޮތީ ޅ. ހިންވަރުގެ ކައިރީ ކަމަށް އެ ދޯނީގެ ވެރިފަރާތުން ބުނެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ މުރައިދޫ މީހެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ އެ ދޯންޏަކީ 98 ފޫޓްގެ ފައިބަރު މަސް ދޯންޏެއް ކަމަށެވެ. ދޯނީގައި ގާތްގަނޑަކަށް އެއް މަސް ދުވަހު ބޭނުން ކުރެވޭ ވަރަށް ކާބޯތަކެއްޗާއި ފެނުގެ އިތުރުން 20 ފީފާ ޑީސަލް ހުންނާނެ ކަމަށް ދޯނީގެ ވެރިފަރާތުން ބުނެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.