ބަނޑުގައި އުފެދޭ ޖަރާސީމެއް ކަމަށްވާ ނޯރޯވައިރަސްގެ އާ ވައްތަރެއް ހަލުއިކަމާ އެކު އެމެރިކާގައި ފެތުރެމުންދާތީ އެކަމަށް ސަމާލުވެ ތިބުމަށް ގޮވައިލައި އެ ޖަރާސީމާ މެދު އެގައުމުގެ ޑޮކްޓަރުން އިންޒާރުދީފި އެވެ.

"ސުޕަބަގް"ގެ ނަމުން ޑޮކްޓަރުން ނަން ދީފައިވާ މި ވައިރަސް އެންމެ ފަސޭހަކަމާ އެކު ފެތުރެނީ ބަލިޖެހިފައިވާ މީހާ ކިނބިހި އެޅުމުންނާއި ކެއްސައި ހެދުމުން ނޭވާލާ ނިޒާމުގެ ތެރެއިންނެވެ. އަދި ނޯރޯވައިރަސް ހަށިގަނޑުގެ ބޭރުގައި ދެގަޑި އިރާއި ހަތަރުގަޑި އިރުގެ މުއްދަތަކަށް ދިރި ހުންނަ އިރު އޭގެ އިންފެކްޝަން ހަފްތާތަކަކަށް ދެމިގެންދާ ކަމަށް ވެއެވެ.

އެމެރިކާގެ ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއިން ހާމަ ކޮށްފައިވާ ގޮތުގައި އެ ގައުމުގައި އަހަރެއްގެ ތެރޭގައި ގާތްގަނޑަކަށް 21 މިލިޔަން މީހުންނަށް މި ވައިރަހުގެ އަސަރު ފޯރާކަމަށާއި އަދި ބަލީގެ އަލާމާތްތަކުގެ ތެރޭގައި އާންމުކޮށް ބަނޑުގެ ބަލިތަކުގައި ދިމާވާގޮތަށް ބޭރަށް ހިންގާފައި ހޮޑު ލެވޭ ގޮތް ވާކަމަށެވެ.

އަދި މިޖަރާސީމު ހަށިގަނޑުގެ ތެރެއަށް ވަނުމުން ހަށިގަނޑުގެ ދިފާއީ ނިޒާމަށް އޭތި ބަލިކޮށް ނުލެވޭތީ އެ ޖަރާސީމުގެ އަސަރު ކުރާމީހުންގެ ތެރެއިން 50 އިންސައްތަ މީހުން ވަރަށްބޮޑަށް ބަލިވެ ހާލު ދެރަވާގޮތް ވާކަމަށް ވެއެވެ.

ނޯރޯވައިރަސްއިން ރައްކާތެރިވުމަށްޓަކައި ސިއްހީ ތަޖުރިބާކާރުން އިރުޝާދު ދީފައި ވަނީ ދިރިއުޅޭ ތަންތަން ބްލީޗްލައިގެން ރަނގަޅަށް ދޮވެ ސާފުކުރުމަށާއި އަދި ގިނަގިނައިން ސައިބޯނިލައިގެން އަތް ފައި ދޮވެ ހެދުމަށެވެ.