ތެލެސީމިއާ ސެންޓަރުގެ ބްލަޑް ބޭންކުގައި ކުރި ފުރިޖެއް ހަލާކުވެ، އެ ފުރިޖުގައި ރައްކާކޮށްފައި ހުރި ބްލަޑް ޕެކެޓްތަކެއް ހަލާކުވެގެން އަލުން ލޭ ހޯދުމަށް ތެލެސީމިއާ ކުދިންގެ ބެލެނެވެރިންނަށް އަންގައިފި އެވެ.

ތެލެސީމިއާ ސެންޓަރުގެ ލޭ ރައްކާކުރުމަށް ބޭނުން ކުރާ ހަތަރު ފުރިޖުގެ ތެރެއިން ދެ ފްރިޖް މިހާރު ވެސް ހުރީ ހަލާކުވެފަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހާ ހަމަޔަށް 17 ޕެކެޓްގެ ލޭ ރައްކާކޮށްފައި ހުރި ފުރިޖު ހަލާކުވުމުން އިއްޔެ ވަނީ މަރާމާތުކޮށްފަ އެވެ. މިހާރު އެ ސެންޓަރުގައި ހުރި ދެ ފުރިޖުގެ ތެރެއިން ކޮންމެ ފުރިޖަކަށް އެންމެ ގިނަވެގެން ރައްކާ ކުރެވެނީ 200 ޕެކެޓްގެ ލެޔެ އެވެ.

ތެލެސީމިއާ ސެންޓަރުގެ ޑެޕިއުޓީ ޑައިރެކްޓާ ޖެނަރަލް އަބްދުލްޣަފޫރު އާދަމް މިއަދު ވިދާޅުވީ އެ ސެންޓަރުގައި ލޭ ރައްކާ ކުރާ ދެ ފުރިޖުގެ ތެރެއިން އެއް ފުރިޖުގައި ޓެކްނިކަލް މައްސަލައެއް ދިމާވެ، ޓެންޕަރޭޗާ މައްޗަށް ދިއުމުގެ ސަބަބުން އެ ފުރިޖުގައި ރައްކާކޮށްފައި ހުރި 17 ލޭ ޕެކެޓް ނައްތާލަން ޖެހުނު ކަމަށެވެ. އަދި އިއްޔެ ބައެއް ކުދިންނަށް ލޭ ނޭޅި ދިޔަ ކަމަށާއި އަލުން ލޭ ހޯދުމަށް ބެލެނެވެރިންނަށް އަންގާފައިވާނެ ކަމަށް އަބްދުލް ޣަފޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނައްތާލަން ޖެހުނު ލޭ ޕެކެޓްތަކަކީ ބެލެނެވެރިން އެދިގެން ލޭ ހަނދިޔާ ކުރި ފަރާތްތަކާއި ބްލަޑް ކޭމްޕު ހިންގައިގެން ހޯދާފައިވާލޭ ކަމަށެވެ. އަދި ވިދާޅުވި އެ މައްސަލައަކީ ފުރަތަމަ ފަހަރަށް އެ ސެންޓަރުގައި ދިމާވި މައްސަލައެއް ކަމަށާއި "އެފަދަ ކަންތައްތައް ވެސް" ދިމާވާނެ ކަމަށެވެ.

"އެ ފުރިޖުގައި ކުއްލިއަކަށް ދިމާވި ޓެކްލިކަލް މައްސަލައެއް އެއީ. ބްލަޑް ބަހައްޓާފައި ހުރި އެ ފުޖުގެ ޓެންޕަރޭޗާ ހުރީ މައްޗަށް ގޮސްފައި، ދެން ޖެހޭނި އެ އެއްޗެހި ނައްތާލަން. ދެން އިއްޔެ އެ މައްސަލަ ދިމާވިމަ މަރާމާތު ކުރާނެ ބަޔަކު ހޯދައިގެން އެ ފުރިޖު މިހާރު އެހެރީ ހަދާފައި،" އަބްދުލް ޣަފޫރު އާދަމް ވިދާޅުވި އެވެ.

މާލޭގައި ދިރިއުޅޭ 250 އަށް ވުރެ ގިނަ ތެލެސީމިއާ ކުދިންނަށް ހިލޭ ފަރުވާ ދެމުން އަންނަ ސެންޓަރުގެ ހާލަތާމެދު ބެލެނެވެރިން ގިނަ ޝަކުވާތަކެއް ކުރަމުންދާތީ އަބްދުލްޣަފޫރު ވިދާޅުވީ ހިލާ ބޭސްފަރުވާ ކުރާ ތަނެއްގައި މައްސަލަތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް އެ ސެންޓަރުން އަބަދު ވެސް މަސައްކަތް ކުރަމުންދަނީ ދިމާވާ ކިތަންމެ ކުޑަކަމެއް ނަމަވެސް އަވަހަށް ހައްލުކޮށް، ފަރުވާ ހޯދާ ކުދިންނަށް އުނދަގުލެއް ކުރިމަތިނުވާނެ ގޮތަކަށް އެ ސެންޓަރުން އަމަލު ކުރުން ކަމަށެވެ.

"ހިލޭ ހުރިހާ ކަމެއް ކުރާ ތަނެއްގައި ވަރަށް ގިނަ މައްސަލަތަކެއް އުޅޭނެ. ސިއްހީ ދާއިރާގައި އަޅުގަނޑު މިހޭދަ ކުރި ދުވަސްވަރުގައި ފެނިފައި ހުރި ކަންތައްތަކަށް ބަލާފައި އަޅުގަނޑު މިހެން މިދަންނަވަނީ. މިތާނގައި ވެސް އުޅޭނެ މައްސަލަތަކެއް. އެއީ ހަމަ ރަނގަޅު ވާހަކައެއް. އެކަންތައް ހައްލު ކުރަމުން މިދަނީ،" އަބްދުލްޣަފޫރު ވިދާޅުވި އެވެ.