ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރަކީ ގާނޫނު އަސާސީ އާއި ގާނޫނާ ޚިލާފަށް ބަޣާވާތުގެ ތެރެއިން އުފެއްދި ޣައިރުގާނޫނީ ސަރުކާރެއްކަމަށް ބުނެ، އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީ އަށް ހުށަހެޅި ޕެޓިޝަން ބަލައިގެންފި އެވެ.

ޕެޓިޝަން ކޮމެޓީގެ މުގައްރިރު ނޮޅިވަރަމް ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ އެމްޑީޕީން މިދިޔަ ހޮނިހިރު ދުވަހު ހުށަހެޅި ޕެޓިޝަން މިއަދު ބަލައިގެންފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ވެރިކަން ބަދަލުވިގޮތް ބެލުމަށް ވެސް ގޮވާލާފައިވާ އެ ޕެޓިޝަނުގެ ބައެއް މަސައްކަތްތައް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ކުރިއަށްގެންދާ ގޮތަށް ކޮމެޓީން ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޕެޓިޝަނާ ގުޅިގެން ކޮމެޓީން ކުރަން ޖެހޭ ކަންކަން ވަރަށް އަވަހަށް ކުރަމުންދާނެ ކަމަށެވެ.
އަދި އޭނާ ވިދާޅުވީ ޑރ. ވަހީދުގެ ސަރުކާރު ބަލައިނުގަންނަ ކަން އިއުލާން ކޮށްދެއްވައި ގާނޫނު އަސާސީން މަޖިލީހަށް ލިބިފައިވާ ބާރުތަކުގެ ދަށުން ވީ އެންމެ އަވަހަކަށް ރިޔާސީ އިންތިޚާބެއް ބާއްވައި ދިނުމަށް ވެސް އެމްޑީޕީގެ ޕެޓިޝަންގައި އެދިފައިވާ ކަމަށެވެ.

ވެރިކަން ބަދަލުވިގޮތް ބަލައިދިނުން އެދި އެމްޑީޕީން މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައިވާ އިރު ވެރިކަން ބަދަލުވިގޮތް ތަހުގީގު ކުރުމަށް ފަހު ކޯނީން ނެރުނު ރިޕޯޓް ފުރިހަމަ ނޫން ކަމަށް ބުނެ އެކަން ހިނގައިފައިވާ ގޮތް ބެލުމުގެ މަސައްކަތް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ދަނީ ކުރަމުންނެވެ.

އެމްޑީޕީން ބުނެފައި ވަނީ އެ ޕެޓިޝަންގައި 30،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށެވެ.