27 Jan 2013, 13:15
ކުރީގެ ސަރުކާރު އޮތް އިރު ގދ. ތިނަދޫގައި ކެބިނެޓް ޖަލްސާއެއްް ބެއްވުމަށް ތިނަދޫ އާބާދީ މަރުކަޒުގެ ކުޑަދޮރުތަކުގެ ދޮރުފޮތިތައް ފަހައި ހަރުކުރުމުގެ މަސައްކަތް ހަވާލުކުރުމުގައި އެ ރަށު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޒާހިރު ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވޭތީ އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނަނީ 23 އޮގަސްޓް 2011ގައި ތިނަދޫގައި ބޭއްވި ކެބިނެޓް ޖަލްސާއާ ގުޅިގެން ތިނަދޫ އާބާދީ މަރުކަޒުގެ ކުޑަދޮރުތަކުގެ ދޮރުފޮތިތައް ފަހައި ހަރުކުރުމުގެ މަސައްކަތަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.14 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިއުލާންކޮށްގެން ކުރުވަން ޖެހޭ މަސައްކަތަކަށްވާ އިރު އެ މަސައްކަތް ކުރުވާފައި ވަނީ އިއުލާނު ނުކޮށް ކަމަށެވެ. އަދި އެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން އިއުލާނު ނުކުރީ މަސައްކަތް ކުރުމަށް ލިބުނީ ވަރަށް ކުރު މުއްދަތެއް ކަމުގައި ޒާހިރު ބުނެފައި ވިއަަސް، އެ ހާލަތަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ބާބު 15 (ދައުލަތުގެ ޕްރޮކިއުމަންޓް)ގެ 33 ވަނަ މާއްދާގައިވާ ގޮތުން ކުއްލި ހާލަތެއް މެދުވެރިވެގެން ސިންގަލްސޯސް ޕްރޮކިއުމަންޓް ބޭނުން ކުރެވޭ ފަދަ ހާލަތެއް ކަމުގައި ނުބެލެވޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ މަަސައްކަތް ކުރުމަށް ރައީސް އޮފީހުގެ ފަރާތުން ކޮންފަމޭޝަނެއް ލިބުނީ މަސައްކަތް ކުރުމުގެ ދެ ދުވަސް ކުރިން ކަމަށް އޭސީސީގައި ޒާހިރު ބުނެފައިވާ އިރު އެ މަސައްކަތް ކުރުމަށް ރައީސް އޮފީހުގެ ފަރާތުން އަންގާފައި ނުވާ ކަށާއި އެ މަސައްކަތް ހަވާލުކުރި ފަރާތުން މަސައްކަތުގެ އެއްބައި މަސައްކަތް ކުރުވާފައި ވަނީ ކޯޓޭޝަން ހުށަހެޅި އެހެން ފަރާތަކާ ހަވާލުކޮށްގެންކަން އެނގެން އޮތުމާއި އަދި އެ މަސައްކަތް ކުރުމަށް ކޯޓޭޝަން ހޯދާފައި ވަނީ ވެސް ހަމައެކަނި އެފަރާތުންކަން އެނގެން އޮތުމާ އެކު އެ މަސައްކަތަށް ކޯޓޭޝަން ހުށަހަޅާފައި ވަނީ ޚާއްސަ ރޭވުމެއްގެ ދަށުން ގުޅިގެން ކަމަށް ބެލޭވޭ ކަމަށެވެ.
"... މިމައްސަލައިގައި ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް މުހައްމަދު ޒާހިރު މަސައްކަތްކޮށްފައިވާ ކަމަށް ބެލެވޭތީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާ ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ކުށުގެ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވައިފަ އެވެ." އެ ބަޔާނުގައިވެ އެވެ.