27 Jan 2013, 11:55
ރާއްޖެއަށް މުދާ އެތެރެކުރުމާއި ބޭރުކުރުމުގައި އެކި އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް އެއްތަނަކުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ޓުރޭޑް މިނިސްޓްރީ އާއި ކަސްޓަމްސް ސާވިސްއިން ގުޅިގެން ގާއިމްކުރާ "ނެޝަނަލް ސިންގަލް ވިންޑޯގެ" މަސައްކަތްތައް މިއަހަރު ތެރޭގައި ނިންމާލެވޭނެ ކަމަށް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.
ބައިނަލްއަގްވާމީ ކަސްޓަމްސް ދުވަސް ފާހަގަކުރުމަށް މިއަދު ކަސްޓަމްސް ސާވިސްގައި ބޭއްވި ރަސްމިއްޔާތަކަށްފަހު ދެއްވި އިންޓަވިއުއެއްގައި ކަސްޓަމްސްގެ ސުޕަރިންޓެންޑެންޓް އަހުމަދު ނިޔާޒް ވިދާޅުވީ ޓުރޭޑް މިނިސްޓްރީ އާއި ސަރުކާރުގެ ބައެއް މުއައްސަސާތަކާ ގުޅިގެން އުފެއްދުމަށް ނިންމާފައިވާ އެސިސްޓަމްގެ ވޯކިން ގުރޫޕެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށާއި މިއަހަރުތެރޭގައި އެމަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
"އެސިސްޓަމް މެދުވެރިކޮށް މިވާގޮތަކީ، މިހާރު ކަސްޓަމްސް އިން މުދަލެއް ކުލިއަރުކުރަން އެކިދިމާދިމާއިން އެބަޖެހޭ ހުއްދަނަގަން، މިސާލަކަށް ކެމިކަލް އެއްޗެއް ގެންނަންޏާ ޑިފެންސް މިނިސްޓްރީއިން އެބަޖެހޭ ހުއްދަނަގަން، ގަހެއް އެއްޗެއް ގެންނަންޏާ ފިޝަރީޒް އެންޑް އެގްރިކަލްޗާއިން ހުއްދަ ހޯދަންޖެހޭ، އެގޮތަށް ތަފާތު ދާއިރާތަކުން ހުއްދަ ހޯދަންޖެހޭ، ދެން މިސިސްޓަމް ގާއިމް ކުރީމަ ވާގޮތަކީ އެމީހާ ނުޖެހޭނެ އެކި ދިމަދިމާއަށް ހުއްދަތައް ހޯދަން ދާކަށް، އޭރުން ކަސްޓަމް އިން ހަމަ ހުއްދަތައް ނަގާ މުދާ ކުލިއަރު ކުރެވޭނެ" ނިޔާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކަސްޓަމް އިދާރާއިން އިސްނަގައިން ގާއިމްކުރާ އެ ސިސްޓަމް ގާއިމްކުރުމަށް ނިންމާފައިވަނީ ކަމާބެހޭ ހުރިހާ އިދާރާތައް ބައިވެރިކޮށްގެން ކަމަށެވެ.
ނިޔާޒް ވިދާޅުވީ މިއަހަރު ކަސްޓަމްސް ދުވަހުގެ ޓީމަކީ "އިނޮވޭޝަން އޮފް ކަސްޓަމްސް ޕްރޮގްރެސް" ކަމުގައިވާއިރު ކަސްޓަމްސްގެ ހިދުމަތްތައް ފެންވަރު ރަނގަޅުކޮށް އާ ހިދުމަތްތައް ތައާރަފް ކުރުމުގެގޮތުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އޭގެތެރޭގައި އެއާޕޯޓްގައި 24 ގަޑިއިރުގެ ސަވައަލަންސް ސިސްޓަމެއް ގާއިމްކުރުމާއި ހިއުމަސްރިސޯސް ސިސްޓަމް ތަރައްގީކުރުމަށް "އެޗްއާރްއެމްއެންސް" ގެ ނަމުގައި ސިސްޓަމެއް ގާއިމް ކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖެއަށް އަންނަ އުޅަނދުތަކާއި ފުރާ އުޅަނދުތައް މޮނީޓާ ކުރެވޭ އައިޑެންޓިފިކޭޝަން ސިސްޓަމެއް ކަސްޓަމްސް ސާވިސްއިން ގާއިމްކޮށްފައިވާ ކަމަށް އޭނާވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ކަސްޓަމްސް ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ޖަލްސާގައިވަނީ ދުނިޔޭގެ ކަސްޓަމަސް ޖަމިއްޔާއިން ދޭ "ސެޓްފިކެޓް އޮފް މެރިޓް" ހާސިލްކުރި ކަސްޓަމްގެ މުއައްޒިފުނަށް އެސެޓްފިކެޓް ހަވާލުކޮށްފައެވެ. އަދި އެކި ދާއިރާތަކުން ކަސްޓަމްސްއަށް ހިދުމަތްކޮށްދެއްވި ފަރާތްތަކަށް ވެސް ވަނީ ސެޓްފިކެޓްތައް ހަވާލުކޮށްފައެވެ. ސެޓްފިކެޓްތައް ހަވާލުކޮށްދެއްވީ ޗައިނާ އެންބަސީގެ ސެކަންޑް ސެކްރެޓަރީ ގުއާން ޒިއޯން އާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމް މުހައްމަދު އަޝްވާން އެވެ.