27 Jan 2013, 11:39
ކުރިންވެސް ހީކުރެވެއެވެ. އެކަމަކު މިހާރު ހަމަޔަގީނެވެ. ލޮލަށް ފެނި އަތުންހިފަން ލިބުނީމާ ޔަގީން ކުރެވިއްޖެއެވެ. ކޮންކަމެއްކަމަށް ހެއްޔެވެ. ކެރުން ދެކެ ގާނޫނު ބިރުގަންނަ ކަމެވެ. އެކަމަކު އެއީ ދުނިޔޭގެ ހުރިހާ ތަނެއްގައެކޭ ނުބުނެވޭނެ ދޯއެވެ. މިރާއްޖޭގައި އެކަންއޮތީ އެހެންނޭ ބުނެވެން އެބަ އޮތެވެ. އެކަން އެހެން ވަމުންދާތަން ލޮލަށް މިހިރަ ފެންނަނީ އެވެ. އަތުން ވެސް ހިފެމުން މިހިރަ ދަނީ އެވެ.
ކެރޭ މީހަކަށް ނުވަތަ ބަޔަކަށް ގާނޫނަކީ މާބޮޑު އެއްޗެއް ނޫނެވެ. ކުރީގައި ގާނޫނަކީ ބަންނަ ރަބަރު ފަދަ އެއްޗެއް ކަމުގައި ސިފަ ކުރެވުނަސް މިހާރަކު އެބޭނުމެއް "ކެރޭ ކެރުމުގެ" ކުރިމަތީގައި ހިފެމަކުން ނުދެއެވެ. ބަންނަ ރަބަރޭ މިބުނީ އޮޅިގެނެއް ނޫނެވެ. އެއީ އެ އަޅުވަން ބޭނުންވާ އެތި އެއަށްވުރެ ބޮޑިއްޔާ ދަމާލާފައި އެޅުވޭ ކަމަށް ވެފައި އަޅުވަން ބޭނުންވާ އެތި އެރަބަރު ފަށުގެ މިނަށް ވުރެ ކުޑަކަމުގައި ވާނަމަ ދެފަށް ނުވަތަ ތިންފަށް ކޮށްގެން ވެސް އެއަށް ހެޔޮވަރުކޮށްލައ އެޅުވޭތީ އެވެ. ކޮންމެއަކަސް ކުރިން އަހަރެމެންނަށް ފެނުނީ ގާނޫނު ދެކެ މާ ބޮޑު ބިރެއް ގަނެގެން އެއްމެންހެން އެއަށް ފިލަން އުޅޭތަނެވެ. އެއިރު ގަބޫލުކުރެވި ސިފަކުރެވިފައި އޮންނަނީ ގާނޫނުގެ އަތްދަށުވެއްޖިއްޔާ އެއީ ދެން ދުވަސްދިއައީ ކަމުގައެވެ. އެތަކެއް އަދަބާއި ހައްޔަރުވުން ތަކަކަށްފަހު ފަހަރެއްގައި "ކަމެއްކުރެވޭ" ވަރުހުއްޓައި ސަލާމަތް ވެވިދާނެ ކަމުގެ ކުޑަ އުއްމީދެއް އޮތަސް ގާނޫނު ދެކެ ބިރު ގަންނަލެއް ބޮޑުކަމުން އެއާއި ދެކޮޅުވެ ރުޅިއަރުވައި ޖެއްސުންކޮށް ޒުވާބުކޮށް ހަދަން ކެރޭނީ ހާލަކުން މީހަކަށް މަދު ފަހަރެއްގަ އެވެ.
އެކަމަކު މިހާރު (އަހަރެމެން ރާއްޖޭގައި) މުޅި މަންޒަރު މިއޮތީ ބަދަލުވެ އޮތްފުށް އަނެއް ފުށަށް ޖެހިފަ އެވެ. ކުރީގައި އެއެއްޗެއް ދެކެވެސް ބިރުން ޖެހިލުންވެ އެއަށް އަދަބުވެރިވެ ބޯލަނބާ، ގަވައިދު ވެސް އެއީ މިއަދު އެއްޗެއް ނޫނެވެ. މަދު ފިނޑިއަކު ނޫނީ ގަވައިދު ދެކެ އެއްވެސް ޖެހިލުމެއް ނުވެއެވެ. ގަވައިދު ދެކެ ރުޅި އާދެއެވެ. ތިމާކުރަން އެވަގުތަކު ހިތަށް އަރާ ކަމެއް ކުރުމަށް ކިރިޔާ ކުޑަ އުނދަގުލެއް ކުރިޔަސް ގަވައިދު އުފުއްލާލާފައި ޖަހައެވެ. ތަޅައި އަނިޔާކޮށް ގުނަންތައް މުގުރާލާނެ އެވެ. ދުލަށް އައިހާ އެއްޗެއް ފާޅުގައި ގޮވައި ފައިން އަރާ ޗިސްޗިސް ކުރެއެވެ. ކިރިޔާވެސް ބަލައިލާނީ ގާނޫނަށެވެ. އެކަމަކު އެއީވެސް ނުކެރޭ ފިނޑިންނޭ ބުނެލެވިދާނެ އެވެ. ކެރޭމީހުންގެ ތެރޭގައި ގާނޫނުދެކެވެސް ބިރުގަންނަ ޖެހިލުންވާ މީހަކު ހަމަ ނުހުރެއެވެ. ގަވައިދު އެއީ އެފަދަ މީހުން ފައިފުއްސަކަށް ވެސް ބޭނުންކުރާ އެއްޗެކެވެ. އެހާވެސް އަގެއް ބާރެއް ގަދަރެއް ނެތް ނިކަމެތި އެއްޗެކެވެ. ގާނޫނަކީ ގަވައިދާއި އަޅުވައި ބަލާއިރު އެތަކެއް ގުނަ ގަދަފަދަ، ބާރުވެރި ހައިބަތު ހުންނަ އެއްޗެއް ކަމުގައި ވާތީ އެއަކަށް އެވަރެއް ނުކުރެވެ އެވެ. އެކަމަކު ކުރިންވެސް ބުނިހެން ކުރަންއުޅޭ ކަމަކަށް ގާނޫނުގެ ސަބަބުން އުނދަގުލެއްވެ ހުރަހެއް އެޅޭގޮތް ވެއްޖެނަމަ އެފަހަރަކު ދެނަކާ ދެނެއް ނުބަލައެވެ. ކަރަށް ފައިންއަރާ ދަމާވީދާ ނޮޅައި ކުޅުވެސް ޖަހަނީއެވެ.
މިއީ އަހަރެމެންގެ ތެރެއަށް އައިސްފައިވާ ކުރިއެރުމުގެތެރޭން އުފެދި ފެތުރެމުންދާ ހިއްވަރަކާއި ފޯރިއެއްގެ ނަތީޖާއެވެ. ކެރުމާއި ހުނަރުވެރިކަމުގެ ފާހަގަކުރެވޭ މިސާލުތަކެވެ. އަޒުމާއި ނުގުޑާ ސާބިތުކަމުގެ އުޖާލާ ހެކިކަމުގައި ގަބޫލު ކުރެވެއެވެ.
ވިސްނާލާއިރު ގަވައިދާއި ގާނޫނަށް އަހަރެމެންގެ ތެރޭގައި މިފަދަ ނިކަމެތި ދަށު ދަރަޖައެއް ދެވި އަނިޔާތައް ވެސް ލިބެމުންދާ ސަބަބަކީ އެދޭތީގެ މައިންބަފައިން ކަމުގައިވާ އިންސާފާއި ހަމަ، އޭގެމަސައްކަތުގައި ފަރުވާކުޑަކޮށްލައި ދުނިޔޭގެ ދަހިވެތިކަމުގައި މަޖަލުގައި އެދެދަރިންނަށް އަޅާނުލާކަމެވެ. ދަރިން ނުބަލަންޏާ އެދަރިންނަށް ލިބެމުންދާ ނިކަމެތިކަން މިހިރަގެން ދިމާއަށް ފެނި އެނގެމުން ދަނީއެވެ. ގަވައިދު ފަކީރު މިހާރު އެހުންނަނީ އޮރިޔާން ވެސް ނިވާނުވެ ބަރަހަނާ ހާލުގައެވެ. ކިރިޔާ ބަނޑަށް މަރުނުވެހުރިކަމެވެ. ގާނޫނަށް ވެސް ކާންބޯކަށް ނުލިބެއެވެ. ހިކި އަނަރޫފަވެ ބަލިހާލު ބޮޑުކަމުން ވަޒީފާ އަދައެއް ނުކުރެވެ އެވެ. ދެދަރިން ނާއި އަޅައި ނުލައި މިފަދަ ހާލަކަށް ދޫކޮށްލާފައި ބަފައި އިންސާފު ހުންނަނީ އަބަދާއި އަބަދު ފައިސާ ގިނަކުރާނެ ކޮންމެވެސް ލުއިމަގެއް ފެނޭތޯ ފިކުރުކޮށްކޮށެވެ. ހަމައަކަށް ޕާޓީގެ ހަރަކާތްތަކުން އަވަދިވެގެން ދަރިންނާ އަޅާލާނެ ވަގުތެއް ނުވެއެވެ. ކުލަތަކުގެ ތެރޭގައި ހަމަ އެހެރީ ފިސާރި ފިތި ހަފުސް ވެފައެވެ.
ހިތާމައަކީ ހަމަ އާއި އިންސާފުގެ ފަރުވާކުޑަ ކަމާއި ނުކެރޭ ފިނޑިކަމެވެ. އެނުކެރުން ގަވައިދާއި ގާނޫނަށް އެވަނީ ވާރުތަ ވެފައޭ ވެސް ބުނަން ރަނގަޅެވެ. ނޫންނަމަ ދަސްވެ އެގޮތަށް އެތިބީ ހޭނިފަ އެވެ. ނަތީޖާއަކަށް ވެފައި މިވަނީ ކެރިގެން މީހަކު ނުވަތަ ބަޔަކު ކުރިމައްޗަށް އަރައި ދިމާކުރާ ކޮންމެ ފަހަރަކު ބަލިވުމެވެ. ދެރަވެ ފަހަތަށް ޖެހި އަމާންދިނުމެވެ. މިއީ ވެގެންވާންވީ ގޮތެއް ނޫނެވެ. މާދިގު އަތެއް ވެސް އެތަނުން ކޮންމެވެސް އެއް ދަރިއެއްގެ (ހަނދާންވާ ގޮތުގައި ގާނޫނުގެ) އޮވެއޭ އެއްދުވަސްވަރެއްގައި ކިއެވެ. އެދިގު އަތް ނުފޯރާނެ އެއްވެސް ހިސާބެއް ނޯންނާނެ ކަމުގައި ބުނިބުނި އަޑު އިވުނެވެ. އެބުނާ އަތެއް ހުރިކަމުގައި ވިޔަސް މިހާރަކު އޭގެ ބޭނުމެއް ހަމަގައިމުވެސް ނުހިފެއެވެ. ކެރިގެން އަންނަ މީހާގެ ބޮޑުވައި އިނގިލީގައި ހުންނަ ވަރިއިސްތަށްޓަކާއި ހަމައަށް ވެސް ނުފޯރަ އެވެ.
އަނެއްކާވެސް މިއީ އަހަރެމެންގެ ވާހަކައޭ ބުނެލަމެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި ގަވައިދު ވެސް އެހުންނަނީ ހަތަރުއަނގޮޅި ކަންމަތީގައި ކޯޓުފަޓުލޫނުގަ އެވެ. ހަތަރުދަންފަށަށް ކުޑަބޭރުއަރާލަން ކެރޭމީހަކު ވެސް ފެންނާނީ ހާލަކުން ފަހަރަކު އެވެ. ގާނޫނު އިންނަވާނީ އިއްޒަތުގައި ގޮނޑީގަ އެވެ. ކިރިޔާ ހެން ހީވާކަހަލަ ކަމަކަސް އެކަމެއް އޮތްފުށް އަނެއްފުށަށް ޖަހާލަ ޖަހާލައެވެ. މައިންބަފައިންގެ މަގާމުގައި ހަމަ އާއި އިންސާފު އެހާ ހީވާގިކަމާއި އެކު މުރާލިކަން ދައްކައެވެ. ނަތީޖާ އަކަށް ވެފައިވަނީ ނިސްބަތުން އެފަދަ ތަންތާނގެ ހަމަޖެހުމާއި ކުރިއެރުމުގެ ދުވެލި ހަލުއިވަމުން ދިއުމެވެ. އާއްމުންގެ ސިކުނޑިތަކަށް "މޮޔަވެދާ" ވަރުގެ ދަތި އުނދަގޫ ފިކުރުތައް ކުރަން ނުޖެހުމެވެ.
މިވާހަކަ ދެކެވުމުން ރައްޓެއްސަކު ބުނެލިއެވެ. އޭނާގެ އާއްމު ބަހުރުވައިންނެވެ. "ދެން ވިސްނާނެ ކަމެއް ނެތެވެ. އަހަރެމެންމިތިބީ ވާނެހައެތިވެ ނިމިފައެވެ. ހަތަރެސްކަން މިތިބީ ހަމަވެފައެވެ. "އެކަމަކު އަހަރެން އޭނާ އާއި އެއްބަހެއް ނޫނެވެ. އަދިވެސް ނުނިމެ އެވެ. ކަމެއް ކަމަކަށް ވާނީ އެކަމެއް ކުރީމާކަން ކަން ކުރަންތިބި މީހުންނަށް ޔަގީން ކުރެވުމާއި އެކު ކަންކަން އޮންނާނީ ކުރެވިފަ އެވެ. އެހެން ނުވާނެ ކަމަށް ވަނީވިއްޔާ އަހަރެން ވެސް އޭނާ އާއި އެއްބަހެވެ. މިއީ ދެން ހަމަ ހަތަރެސްކަން ހަމަވީ އެވެ.