27 Jan 2013, 10:38
އިންޑިއާގެ ވިސާ ހޯދުމަށް އަނެއްކާ ވެސް އިންޑިއަން ހައިކޮމިޝަން ކައިރީ ކިއު ހަދަން ފަށައިފި އެވެ.
ހައިކޮމިޝަން ކުރިމަތީ ކިއު ހަދައިގެން ތިބި މީހުން، ސަން އަށް މައުލޫމާތު ދެމުން ރޭ ބުނީ އެ މީހުން ކިއު ހަދަން ފަށާފައި ވަނީ ރޭ 11:00ގައި ކަމަށެވެ.
ވިސާއަށް ހުށަހެޅުމަށް ނަގަން ޖެހޭ ނަންބަރު ނަގަން ގޮސް ކިއު ހަދައިގެން ތިބި މީހުންގެ ތެރެއިން މީހަކު ބުނީ އޭނާ ވިސާ ހޯދަން އުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި، ފުރަތަމަ ފަހަރު ކިއުގައި ހުރެގެން ނަންބަރު ލިބުނު ފަހަރު ހައިކޮމިޝަނުން ފޯމު ބަލައިގެންފައި ނުވަނީ ފޯމާ އެކު ހުށަހަޅަން ޖެހޭ ތަކެތި ހަމަ ނުވާތީ ކަމަށެވެ. "ފުރަތަމަ ފަހަރު ވެސް މި ގޮތަށް ކިއުގައި ހުރެގެން ނަންބަރެއް ނެގީ. ފޯމު ލާން ކައުންޓަރަށް ދިޔަ ހިސާބުން ބައެއް ތަކެތި މަދުވެގެން ފޯމު ބަލައިނުގަތުމުން ދެން ތަކެތި ހަމަކޮށްގެން، މިރޭ މިއައީ އަނެއްކާ ވެސް ނަންބަރެއް ހޯދަން. އަހަރެން ކިއުގައި ޖެއްސީ 12 ޖެހުމުގެ ކުޑަ އިރުކޮޅެއް ކުރިން،"
އެތަނުގައި ހުރި އައްޑޫ ސިޓީ އަށް ނިސްބަތްވާ މީހަކު ބުނީ މެޑިކަލް ވިސާ ހޯދުމަށް އޭނާ އުޅޭތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި ނަމަވެސް ވިސާއަށް ހުށަހެޅުމަށް ނަގަން ޖެހޭ ނަންބަރު ނުލިބުމުގެ ސަބަބުން އަދި ވިސާގެ ކަންތައް ހަމަނުޖެހޭ ކަމަށެވެ. އޭނާ ބުނީ ކިޑުނީ މައްސަލަ ޖެހިފައިވާ އޭނާގެ އާއިލާގެ މީހަކު ޑޮކްޓަރަށް ދެއްކުމުން ވީއެންމެ އަވަހަކަށް އިންޑިއާ އަށް ދިއުމަށް ޑޮކްޓަރު ލަފާދީފައިވާ އިރު އިންޑިއާ އަށް ނުދެވި ލަސްވާތީ އާއިލާ އިން ވަރަށް ކަންބޮޑުވާ ކަމަށެވެ.
"އަޅުގަނޑުގެ އާއިލާ މީހަކު ކިޑުނީ މައްސަލައެއް ޖެހިގެން ޑޮކްޓަރަށް ދެއްކުމުން ބުނީ ވީ އެންމެ އަވަހަކަށް އިންޑިއާއަށް ދާށޭ. އެހެންވެ އިންޑިއާ އަށް ދިއުމަށް މެޑިކަލް ވިސާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަތާ ހަފްތާއެއް ވެއްޖެ. އެކަމަކު އަދިވެސް ވިސާ ލިބޭ ގޮތެއް ނުވޭ، ކިޑްނީ މައްސަލައެއް ވީމަ ނުކެރޭނެ ނޫންތޯ ޓޫރިސްޓެއްގެ ގޮތުގައި ދާ ކަށް. އެ ކޮޅުގައި ގިނަ ދުވަސްވާ ގޮތް ވެސް ވެދާނެ ވިއްޔާ، ވީމާ ވިސާ ނުނަގައި ދާކަށް ނުކެރޭނެ،" އޭނާ ބުންޏެވެ.
އެތާ ހުރި އެހެން މީހަކު ބުނީ އޭނާ މާލެ އައީ އަތޮޅު ހޮސްޕިޓަލުގެ ޑޮކްޓަރުގެ ލިޔުން ހިފައިގެން ކަމަށާއި، އެކަމަކު އަތޮޅު ހޮސްޕިޓަލުގެ ލިޔުން މެޑިކަލް ވިސާ ދިނުމަށް ގަބޫލު ނުކުރާ ކަމާއި ގަބޫލު ކުރަނީ އައިޖީއެމްއެޗާއި އޭޑީކޭ އަދި މާލޭގެ ބައެއް ކްލިނިކްތަކުން ދޭ ލިޔުންކަން އެނގުނީ ވެސް ކިއުގައި ހުރެގެން ނަންބަރު ނަގައިގެން ކައުންޓަރާ ހަމަޔަށް ދިއުމުން ކަމަށެވެ.
"ވަރަށް ހައިރާންވި އަތޮޅު ހޮސްޕިޓަލުގެ ލިޔުން ގަބޫލުނުކޮށް މާލޭގެ ބައެއް ކްލިނިކްތަކުގެ ލިޔުން ގަބޫލު ކުރާތީ. މިހެން ވީމާ އަހަރެމެން މި ޖެހެނީ ބޮޑު އަގު ދީގެން ކުލީ ކޮޓަރި ހިފައިގެން އެތައް ދުވަހެއް ވަން ދެން ބޭކާރުކޮށް މާލޭގައި މަޑު ކުރަން، އަނެއްކޮޅުން އަގުހެޔޮކޮށް ސްޕައިސް ޖެޓުން ކޮޗިނަށް ސީދާ ދެވޭތީ ސްޕައިސް ޖެޓުން ޓިކެޓް ނަގާފަ އޮތީ، އެކަމަކު ވިސާ ނުލިބެއްޖެ ނަމަ ޓިކެޓް ޖެހޭނީ ބަދަލު ކުރަން. ސްޕައިސް ޖެޓުގެ ޓިކެޓް އެހެން ދުވަހަކަށް ބަދަލު ކުރާ ނަމަ ނިސްބަތުން ބޮޑު އެއްޗެއް ޖޫރިމަނާއަށް ނަގާ،" ވިސާ ނަންބަރު ނަގަން ގޮސް ހުރި ފުވައްމުލަކު މީހަކު ބުންޏެވެ.
އިންޑިޔަން ހައިކޮމިޝަނުން މިއަދު ބުނީ މިހާރު ވެސް ދުވާލަކު 70 އާއި 80 އާ ދެ މެދުގެ އަދަދަކަށް ވީސާ ދޫކުރާ ކަމަށާއި ވީސާގެ މައްސަލަ ދާއިމީކޮށް ހައްލުވާނީ ކުރި އެކޭ އެއްގޮތަށް 90 ދުވަހަށް ވިސާ އަކާ ނުލައި ދިވެހީންނަށް އިންޑިޔާއަށް ދެވޭނެ އިންތިޒާމު ހަމަޖެއްސިގެން ކަމަށެވެ.
އެކަންކަން އެގޮތަށް ހަމަޖެއްސުމަށް އިންޑިޔަން ހައިކޮމިޝަނުން ދިވެހި ސަރުކާރަށް ހުށަހަޅާފައިވާ ކަންކަމަށް އަމަލީ ސިފަ އަންނަން ޖެހޭ ކަމަށް ހައި ކޮމިޝަނުން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ރާއްޖެ އަންނަ އިންޑިޔާ މީހުންނާ ދޭތެރޭ ދިވެހި ރާއްޖެ އިން ވެސް އެ އުސޫލުން ކަންކަން ކުރަން ޖެހޭ ކަމަށާއި އަދި އިންޑިއާ މީހުންނަށް ވަޒީފާދޭ މީހެއްގެ އިހްމާލުން ހިނގާ ކަންކަމުގައި އިންޑިއާ މީހާއަށް އަދަބު ދެވިގެން ނުވާނެ ކަމަށް ހައިކޮމިޝަނުން ބުންޏެވެ. ނަމަވެސް ހައިކޮމިޝަނުން ބުނެފައި ވަނީ ވަޒީފާދޭ ފަރާތުން އިންޑިއާ މީހުންގެ ވިސާ ނުދައްކައި އޮތުން ފަދަ ކަންކަމުގައި އިންޑިއާގެ ރައްޔިތުން 15،000 ރުފިޔާ އާއި 50،000ރ.އާ ދެމެދުގެ އަދަދުން ޖޫރިމަނާ ކުރާ ކަމަށާއި އެ ޖޫރިމަނާ ނުދެއްކުމުން އެފަދަ މީސްމީހުން ޖަލަށް ދާން ޖެހިފައިވާ ކަމަށެވެ. އަދި މި ނޫނަސް އެފަދަ އެތައް މައްސަލަތަކެއް ރާއްޖޭގެ މަސައްކަތަށް އަންނަ އިންޑިޔާ މީހުންނަށް ދިމާވާ ކަމަށް އިންޑިޔާ ހައިކޮމިޝަނުން ބުންޏެވެ. އަދި ދިވެހި ސަރުކާރުން އެކަންކަން ރަނގަޅު ކުރާނެ ކަމަށް ބުނި ނަމަވެސް އެއިން ކަމަކަށް އަދި އަމަލީ ސިފައެއް އައިސްފައި ނުވާ ކަމަށް ހައިކޮމިޝަނުން ބުންޏެވެ.