27 Jan 2013, 10:17
ހުޅުމާލޭގައި ފައިމަގުގައި ފޯރިމަރަމުންދަނިކޮށް ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް ލިބުނު ޕޮލިސް މީހާއަށް ފަރުވާ ދިނުމަށް ލަންކާއަށް ފުރުވާލައިފި އެވެ
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ރޭ 10:00 ހާއިރު ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި ހިނގި އެ އެކްސިޑެންޓްގައި އަނިޔާވި ފުލުސް މީހާއަށް އިތުރުފަރުވާ ދިނުމަށް ރާއްޖޭން ބޭރަށް ފޮނުވާލާ ކަމަށެވެ. އޭނާ ފުރުވާލީ މިއަދު ހެނދުނު 9:15 ހާއިރު އެވެ.
އޭނާ ވިދާޅުވީ އެ އެކްސިޑެންޓްގައި ސައިކަލުދުއްވަން އިން ޒުވާނާއާ އޭނާގެ ފަހަތުގައި އިން އަންހެން ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު ރޭ އެ ދެމީހުން ދޫކޮށްލާފައިވާ ކަމަށެވެ.
ހުޅުމާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ފުލުސް މީހާގެ ވައަތް ބިންދައިގެންގޮސް ގައިގެ އެކިތަންތަން ވަނީ މަށައިގެން ގޮސްފަ އެވެ. އަދި ސައިކަލް ދުއްވަން އިން މީހާއާއި ސައިކަލުގެ ފަހަތުގައި އިން އަންހެން ކުއްޖާގެ ގައިގެ އެކިތަންތަން މަށައިގެން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ދަނީ އެ އެކްސިޑެނތް ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.