ޤާހިރާ (ޖަނަވަރީ 27): މިސްރުގެ އިރުމަތީގެ ރަށެއްކަމަށްވާ ބޫރުސަޢީދުގައި ހިނގި ހަމަނުޖެހުންތަކެއްގައި 33 މީހުން މަރުވެ 300 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވުމާ ގުޅިގެން މިސްރުގެ ބައެއް ސަރަޙައްދުތަކުގައި ކުއްލި ޙާލަތު އިޢްލާންކުރުމާ މެދު ވިސްނަމުންދާ ކަމަށް އެގައުމުގެ ނެޝަނަލް ޑިފެންސް ކައުންސިލުން ބުނެފި އެވެ.

ރައީސް މުޙައްމަދު މުރްސީ ރިޔާސަތު ބެލެހެއްޓެވި އެމަޖިލީހުގެ ކުއްލި ޖަލްސާއެއް ޤާހިރާގައި ރޭ ބޭއްވުމަށް ފަހު ނެރެފައިވާ ބަޔާނެއްގައި ވަނީ މިސްރުގައި ހަމަނުޖެހުންތައް ހިނގާ ސަރަޙައްދުތަކުގައި ކުއްލި ޙާލަތު އިޢްލާންކޮށް މީހުން މަގުތަކަށް ނުކުމެއުޅުން މަނާކުރުމާ މެދު އެކައުންސިލުން ވިސްނަމުންދާ ކަމުގަ އެވެ. މީގެ ދެ ތިން ދުވަސްކުރިން މިސްރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު ހަމަނުޖެހުން ހިނގާފައި ވަނީ އެގައުމުގެ ބޫރުސަޢީދުގަ އެވެ. ބޫރުސައީދުގެ ޖަލެއްގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 21 މީހަކު މެރުމަށް މިސްރުގެ ޖިނާއީ ކޯޓުން ކުރި ޙުކުމާ ދެކޮޅަށް އިޙްތިޖާޖް ކުރި މީހުންނާއި މިސްރުގެ ސަލާމަތީ ބާރުތަކާ ދެމެދު އިއްޔެ ހިނގި ކުރިމަތިލުންތަކެއްގައި 33މީހަކުމަރުވެ 300އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ އިރު އެރަށުގެ ޙާލަތު އަދިވެސް ވަރަށް ގޯސް ކަމަށާއި ސަލާމަތީ ބާރުތައް އެ ރަށުގައި ވަރަށް ބޮޑަށް ރުކުރުވާލާފައިވާ ކަމަށް ކަމަށް މިސްރުގެ އަމްނާބެހޭ ދާއިރާތަކުން ބުނެ އެވެ.

ބޫރު ސަޢީދުގައި ޖަލެއްގައި ހައްޔަރުކޮށްފައިވާ މި 21 މީހުންނަކީ މިދިޔަ އަހަރު އެ ރަށުގެ އެންމެ ބޮޑު ފުޓްބޯޅަ ސްޓޭޑިޔަމްގައި ވާދަވެރި ދެކުލަބެއްގެ ސަޕޯޓަރުންގެ މެދުގައި ހިނގި ކުރިމަތިލުންތަކުގައި މަރުވި 74 މީހުންގެ މަރުގެ މައްސަލާގައި ކުށްސާބިތުވެގެން ޖިނާއީ ކޯޓުން މެރުމަށް ޙުކުމްކުރި މީހުންނެވެ. މިސްރުގެ ވާދަވެރި ދެކުލަބް ކަމަށްވާ އަލްއަހްލީގެ ޓީމަކާއި ބޫރުސަޢީދީގެ ޓީމަކާ ދެމެދު އެ ރަށުގެ ސްޓޭޑިޔަމްގައި ކުޅުނު ފުޓްބޯޅަ މުބާރާތަކަށް ފަހު ދެކްލަބްގެ ސަޕޯޓަރުން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހިންގި ހަމަނުޖެހުންތަކުގައި 74 މީހަކު މަރުވެފައިވެ އެވެ. މިޙާދިސާގެ ތުހުމަތު 73 މީހެއްގެ މައްޗަށް ކުރެވިފައިވީ ނަމަވެސް މަރުގެ ޙުކުމް އިއްވާފައި ވަނީ 21 މިހެއްގެ މައްޗަށެވެ.
އެ މީހުން މިނިވަންކުރުމަށް ގޮވާލައި ބޫރު ސަޢީދުގެ ޖަލުގެ ކައިރިއަށް އެ ރަށުގެ ބޫރުސަޢީދީ ކްލަބުގެ ސަޕޯޓަރުންގެ އެތައް ހާސްބަޔަކު އިއްޔެ ޖަމާވެ މަސައްކަތްކުރީ ޖަލު ފަޅާލައި ޖަލަށް ވަދެގަތުމަށް ކަމަށް މިސްރުގެ ސަލާމަތީ ބާރުތަކުން ބުނެފައިވެ އެވެ. ޖަލުކައިރިއަށް އެއްވި މީހުން ވަނީ ފުލުހުންނަށް ދަގަނޑާއި ޕެޓްރޯލް ބޮމާއި އެނޫންވެސް ތަކެތިން ޙަމަލާދީފަ އެވެ. މިއެއްވުން ރޫޅާލުމަށް ޓަކައި ފުލުހުން ބާރުގެ ބޭނުންކުރީ އެހެންގޮތެއް ނެތިގެން ކަމަށް މިސްރުގެ ދާޚިލީ ވުޒާރާއިން ބުނެ އެވެ.

އިއްޔެގެ ކުރިމަތިލުންތަކުގައި މަރުވި 33 މީހުންގެ ތެރޭގައި ފުލުހުން ވެސް ހިމެނޭ ކަމަށް މިސްރުގެ ދާޚިލީ ވުޒާރާ އިން ބުނެ އެވެ. މިސްރުގެ ބަނދަރު ރަށެއް ކަމަށްވާ ބޫރުސަޢީދުގެ ހަމަނުޖެހުންތައް ހިނގާފައި މިވަނީ މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ވެރިކަން ވެއްޓުނުތާ ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެގައުމުގެ އެކިކަންކޮޅުތަކުގައި ކުރިޔަށްދިޔަ މުޒާހަރާތަކުގައި އެތައް ބަޔަކު މަރުވެ އިތުރު ބަޔަކު ޒަޚަމްވެފައިވަނިކޮށެވެ. (އަލްޖަޒީރާ)