27 Jan 2013, 09:25
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު ވަހީދު ހަަސަން މަނިކުގެ ކޯލިޝަން ސަރުކާރު މިއަދާ ހަމަ އަށް ދެމިއޮތީ ހަމައެކަނި އެ މަނިކުފާނުގެ ސްމާޓް ކަމަކުން ނޫން ކަމަށް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
~
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޔާމިންގެ ޓީމަށް ނިސްބަތްވާ ޒުވާނުންގެ އެދުމުގެ މަތިން ހ. ސަންގައި ރޭ ހުޅުވި ޒުވާނުންގެ ވަގުތީ ޖަގަހަ ހުޅުއްވައި ދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ރައީސް ވަހީދަކީ އެމަނިކުފާނުގެ ވަރަށް ގާތް ބޭފުޅެއް ކަމަށާއި އެހެންކަމުން އެމަނިކުފާނަށް ހައްގު ޝުކުރު ޕީޕީއެމުން އަރުވާ ކަމަށެވެ. ނަމަވެސް އޭގެ މާނައަކީ ވަހީދާ އެެކު ހަދާފައިވާ ކޯލިޝަން ހިފަހައްޓަ ވަނީ ރައީސް ވަހީދުގެ ކިބައިގައި ހުރި ސިޔާސީ ފަރާތްތައް އެއްގަލަކަށް އަރުވައިގެން ގެންގުޅުއްވުމުގެ ގާބިލްކަމުން ނޫން ކަމަށެވެ.
"ރައީސް ވަހީދަކީ އަޅުގަނޑު ވެސް ވަރަށް ގާތް ބޭފުޅެއް. އަދި އަޅުގަނޑުމެންގެ ޕާޓީ އަށް ވެސް ވަރަށް ދޯޅު ބޭފުޅެއް. އެހެންވީމާ ރައީސް ވަހީދަށް ހައްގުވާ ޝުކުރު އަޅުގަނޑުމެން އަރުވަމޭ. އެހެންނަމަވެސް ދަންނަވަން ޖެހެނީ މި ސަރުކާރު ދިފާއު ކުރަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ މި ޕާޓީންނޭ. އަޅުގަނޑުމެން މި މަސައްކަތް މި ކުރަނީ އެމްޑީޕީ ވެރިކަމަށް އަޔަ ނުދޭން ވެގެންނޭ. އެހެންވީމާ އެކަމަށް އަޅުގަނޑުމެން ކުރާ މަސައްކަތޭ މި ކޯލިޝަން ހިފަހައްޓަނީ. އެއީކީ އެއްގޮތަކަށް ވެސް ރައީސް ވަހީދުގެ ސްމާޓްކަމުން ތަފާތު ސިޔާސީ ފިކުރުގެ ބޭފުޅުން އެއްގަލަށް އަރުވައިގެން ގެންގުޅުއްވުމުގެ ގާބިލްކަން އެބޭފުޅާގެ ހުރެގެންނެއް ނޫނޭ،" ޔާމީން ވިދާޅުވި އެވެ.
ރައީސް ވަހީދާ ބެހޭ ގޮތުން އެމަނިކުފާނުގެ ޚާއްސަ މުޝީރު ޑރ. ހަސަން ސައީދު ވިދާޅުވެފައި ވަނީ ރައީސް ވަހީދަކީ ތަފާތު ލީޑަރުން ގޮވައިގެން އެންމެ ކާމިޔާބުކަމާ އެކު މަސައްކަތް ކުރެއްވި ސިޔާސީ ލީޑަރު ކަމަށެވެ. އެހެން ކަމުން މި އަހަރުގެ ރިޔާސީ އިންތިޚާބު އެންމެ ހައްގުވާ ފަރާތަކީ ރައީސް ވަހީދު ކަމަށެވެ.
ޕީޕީއެމްގެ ވެރިކަމެއްގައި ރާއްޖެ އިން ތެޔޮ ފެނޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ޔާމީން ވިދާޅުވެފައިވާ ވިދާޅުވުމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓަށް އަނެއް ފަރާތުން ވާދަ ކުރައްވާ އުމަރު ނަސީރު ވަނީ ރައްދު ދެއްވައިފަ އެވެ. އުމަރު ވިދާޅުވެފައި ވަނީ ގައުމެއްގެ މުޅި އިގްތިސާދު ޓޫރިރަމްގެ މައްޗަށް ބަރޯސާވެފައިވާ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ އެއްވެސް ގައުމެއްގައި ތެލެއް ނުނަގާނެ ކަމަށާއި ތެޔޮ ނަގަން ކުރާ މަސައްކަތެއްގައި ހިނގާ އެކްސިޑެންޓެއްގެ ސަބަބުން ކަނޑަށް ތެޔޮ ލީކުވެ މުޅި ޓޫރިޒަމް ފުނޑުފުނޑު ވެދާނެ ކަމަށެވެ.
އުމަރުގެ އެ ވަހަކަފުޅަށް ރޭ ޔާމީން ވެސް ވަނީ ރައްދު ދެއްވާފައި އެވެ. ޔާމީން އުމަރަށް މުޚާތަބުކުރައްވައި ވިދާޅުވީ އުމަރު އެންމެ ކަންބޮޑުވެ ލައްވަނީ ރާއްޖޭގެ ކަނޑުތަކުން ތެޔޮނަގާ ނަމަ އެ ތެޔޮތައް ޓެޕް ނުކުރެވިގެން ލީކުވެ ރާއްޖޭގެ ކަނޑުތައް ތަޣައްޔަރު ވެދާނެތީ ކަމަށެވެ. އޭނާ ވިދާޅުވީ ނޯތުސީގައި އެގޮތަށް ތެޔޮ ނަގާތާ 50 އަހަރު ވެއްޖެ ކަމަށާއި ނަމަވެސް އަދި މިހާތަނަށް އެފަދަ އެއްވެސް ހާދިސާއެއް ހިނގާފައި ނެތް ކަމަށެވެ. އަދި އުމަރުގެ އެ ވާހަކަފުޅުން ރާއްޖޭގައި ތެޔޮ ހުރިކަމަށް އުމަރު ގަބޫލު ކުރައްވައިފި ކަން އެނގިއްޖެ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު އިގްތިސާދު ވަރުގަދަ ކުރާ ވާހަކަ ދެއްކީމާ ސިޔާސީ ބޭފުޅުން އެއަށް ކޮމެންޓް ކުރައްވައިފި. އެބޭފުޅުން އެ ވަޑައިގެންނެވީ އަޅުގަނޑު ދެއްކި ވާހަކައިގެ ފަހަތުން. އެ ބޭފުޅުންނަކަށް އާ ވާހަކައެއް ނުދެއްކެވުނު. އުމަރު ދެއްކެވި ވާހަކަފުޅުން އުމަރު ގަބޫލުކުރައްވާ ރާއްޖޭގައި ތެޔޮ ހުރި ކަމަށް. އަޅުގަނޑު މި ބުނަނީ ރާއްޖޭގައި ތެޔޮހުރިތޯ ބަލާނަމޭ. އަހަންނަށް ޔަގީނޭ ރާއްޖޭގައި ތެޔޮ ހުރިކަން. އެކަމަކު އުމަރުގެ ކޮންސާން އަކަށް މިވަނީ ލޯވަޅެއް އަޅާފައި ތެޔޮ ހުރިތޯ ބަލާ ކަމަށްވާ ނަމަ އެ ޓެޕް ނުކުރެވިގެން ކަނޑުތައް ތަޣައްޔަރު ވެދާނޭ،" ހިނިފުޅުވަޑުވަމުން ޔާމީން ވިދާޅުވި އެވެ.
ޕީޕީއެމްގެ ރިޔާސީ ޕަރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ވާދަވެރިކަން އުފެދި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ދެއްވާނެ ކަމަށް އުމަރާއި ޔާމީން ވެސް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ކުރީ ރޭގައި އުމަރު ވަނީ ޔާމީންގެ ސިޔާސަތުތަކަށް ފާޅުގައި ފާޑު ވިދާޅުވަން ފައްޓަވަފައި އެވެ. ނަމަވެސް އެމަނިކުފާނުގެ ޒާތީ އެއްވެސް ކަމަކާއި އުމަރު ފާޑުވިދާޅުވެފައެއް ނެތެވެ. އުމަރު ދެއްކެވި ވާހަކަފުޅަށް މިރޭ ޔާމިން ރައްދު ދެއްވި އިރު ވެސް އުމަރުގެ ޒާތީ އެއްވެސް ކަމަކާއި ބެހިވަޑައިގެންފައެއް ނުވެ އެވެ.