ފުޓްބޯޅައިން ދަސްވިހައި ވެސް ކަމަކީ މޮޅުވުމާއި ދެރަވުން ކަމަށް އެފްއޭއެމްގެ އިންތިހާބުގައި ނާކާމިޔާބު ވެވަޑައިގެންނެވި ނިމިދިޔަ ދައުރުގެ ރައީސް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ޒުވާނުންގެ މަރުކަޒުގައި ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބުގައި ނާކާމިޔާބު ވެވަޑައިގަތުމުން މީޑިޔާއަށް ދެއްވި ފުރަތަމަ އިންޓަވިއުގައި ވިދާޅުވީ އެފްއޭއެމްގެ ގޮނޑި ގެއްލުނަސް ދިވެހި ފުޓްބޯޅައަށް ހިދުމަތް ކޮށްދިނުމަށް ވެން އޮތް ކޮންމެ ގުރުބާނީއެއް ވެސް ވާން ތައްޔާރަށް ހުރި ކަމަށެވެ.

"ހަމަ ޔަގީން، އަޅުގަނޑުގެ ދިވެހި ކަމެއް ނުކެނޑޭނެ އެހެން ނޫންތޯ؟ އަޅުގަނޑަކީ ދިވެއްސެއް އަދި ދިވެހި ރާއްޖެ ދެކެ ލޯބިވާ މީހެއް. އެހެންވީމާ އެހެންވީމާ ފުޓްބޯޅަ ދެކެ ލޯބިވާ މީހެއްގެ ހައިސިއްޔަތުން އަދި ދިވެހި ގައުމުދެކެ ލޯބިވާ މީހެއްގެ ހައިސިއްޔަތުން ދިވެހި ފުޓްބޯޅައަށް ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް މިގޮނޑީގައި [އޭއެފްސީ އެގްޒެކެޓިވް ކޮމިޓީގެ ގޮނޑީގައި] އިނދެގެން ކޮށްދޭނަން،" އެފްއޭއެމްގެ ނިމިދިޔަ ދައުރުގެ ރައީސް ވިދާޅުވި އެވެ.

އާޒިމު އިތުރަށް ވިދާޅުވީ އިންތިހާބުން ބަލިވެވަޑައިގަތީ ހުކުރު ދުވަހު އޮތް ދެވަނަ ޑިވިޝަންގެ ޕްރައިމަރީގައި ކުލަބަކަށް އެޅުނު ޅައެއްޗަކުން ކަމަށާއި އެކަމުގައި އެއްވެސް ބައެއްގެ މައްޗަށް ހިތް ބުރަ ކަމެއް ނެތް ކަމަށެވެ. އަދި އެ ހިސާބުން މަސައްކަތް ކުރަށްވަމުން ގެންދެވީ އިންތިހާބުގެ ބޮޑުބައި ގެއްލިއްޖެ ކަމަށް ބައްލަވައިގެން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މި އިންތިހާބު ގެއްލުނީ މިސް ޓޭކެއް ހެދިގެން. އަޅުގަނޑުމެންގެ ދެވަނަ ޑިވިޝަންގެ ވޯޓުލުމުގައި އޮޅިގެން މީހަކަށް ކުރެވުނު ކަމެއް އެއީ. އަޅުގަނޑު އެކަމުގައި އެއްވެސް މީހެއްގެ މައްޗަށް ހިތްބަރު ކަމެއް ނެތް. އެއީ އެމީހަކު ގަސްދުގައި ކުރިކަމެއް ނޫން... އެ ހިސާބުން އަޅުގަނޑު މަސައްކަތް ކުރަމުން ގެންދިޔައީ އިންތިހާބުގެ ބޮޑުބައި ގެއްލިއްޖެ ކަމަށް ބަލައިގެން،" އާޒިމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި އިންތިހާބުގެ ކެމްޕެއިންގައި ބައެއް ފަރާތްތަކުން ފައިސާދީގެން ވޯޓުގަނެފައިވާކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ގޮތަކަށް ގަބޫލުފުޅު ކުރަށްވާ ކަމެއް ނޫން ކަމަށާއި އެފަދަ ވާހަކަތައް ދައްކަނީ ފުޓްބޯޅަ ކޮމިއުނިޓީ ބަދުނާމު ކުރުމަށާއި ފަސާދަ ކުރުމަށް ކަމަށެވެ.

އާޒިމް ވިދާޅުވީ ފުޓްބޯޅަ ކުރިއެރުވޭނީ ވަކިފަރާތަކަށް ކަމުގައި ގަބޫލުފުޅު ނުކުރަށްވާ ކަމަށާއި އެކަމަށް ޝައުގުވެރިވެގެން ކުރިމަތިލާ ކޮންމެ ފަރާތަކަށް ވެސް ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް މަސަކަތްތަކެއް ކުރެއްވޭނޭ ކަމަށް ގަބޫލުފުޅުކުރަށްވާ ކަމަށެވެ.

"މީގައި އަޅުގަނޑުމެން ބަލަން ޖެހޭނީ މިކަމުގެ ޝައުގުވެރިކަން ހުރެގެން ވާދަކުރަން ނުކުންނާނީ އެކަމުގެ ވިސްނުންހުރި އަދި ފުޓްބޯޅަ ކުރިއަށް ގެންދާނޭގޮތް ކޮންމެ ވެސް ވަރަކަށް އެނގިގެން ވިސްނުމެއް އޮވެގެން އަދި މިސްރާބެއް އޮވެގެން ނުކުތް ފަރާތެއްކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެންވީމައި މި ނިކުތް އެގްޒެކެޓިވް ކޮމިޓީއަކީ އަދި ރައީސަކީ ވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފުޓްބޯޅައަށް ކުރިއެރުން ގެނެސްދޭންޖެހޭ ފަރާތްތަކެއް. ނުގެނެސްފިއްޔާ އަޅުގަނޑު ގަބޫލު ކުރަނީ އަނެއްކާ ވެސް އަވަސް މުސްތަގުބަލެއްގައި ބަދަލުކުރުމުގެ ފުރުސަތު އޮންނާނޭ ކަމަށް،" އެފްއޭއެމްއަށް ފުރަތަމަ އިންތިހާބުވި ރައީސް ވިދާޅުވި އެވެ.

ކުރިއަށް އޮތް ދައުރުގައި އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލަށްވާނަންތޯ ދެންނެވުމުން އާޒިމް އެ ސުވާލަކަށް ޖަވާބެއް ނުދެއްވި އެވެ. "އަދި ތިޔަ ސުވާލަށް ޖަވާބުދޭން ތަންކޮޅެއް އަވަސް. އަޅުގަނޑުގެ އެހެން ކެރިއަރެއް އެބައޮވޭ. އެއީ ސިޔާސީ ކެރިއަރު،" އާޒިމް ވިދާލުވި އެވެ.