27 Jan 2013, 02:37
ދިވެހިރާއްޖޭގެ ފުޓުބޯޅަ ޖަމިއްޔާ، އެފްއޭއެމްގެ އަލަށް އިންތިހާބު ކުރެވުނު ޓީމާ އެކު މަސައްކަތް ކުރަން ފީފާއަށް ފަސޭހަ ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ފީފާގެ ހެޑް އޮފް މެމްބަރ އެސޯސިއޭޝަންސް ޕްރީމޯ ކޮރްވާރޯ ވިދާޅުވެއްޖެ އެވެ.
އެފްއޭއެމްގެ ރައީސް ކަމަށް އިލްހާމް އަހުމަދު އިންތިހާބުވުމާ ގުޅިގެން އެކަމުގެ އުފަލުގައި އިލްހާމުގެ ޓީމުގެ ފަރާތުން ބޭއްވި ހަފްލާގައި ބައިވެރި ވެވަޑައިގަތުމަށް ވަޑައިގެން ސަލްސާ ރޯޔަލްގައި ހުންނަވަނިކޮށް ސަން އޮންލައިނުން އެފްއޭއެމްގެ އިންތިހާބާ މެދު ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ ސުވާލުކުރުމުން ޕްރީމޯ ކޮރްވާރޯ ވިދާޅުވީ، އިންތިހާބުގެ ކަންތައް ދިޔަ ގޮތާ މެދު ހިތް ހަމަ ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ފުޓުބޯޅަ ކުރިއެރުވުމަށްޓަކައި އެފްއޭއެމާ ގުޅިގެން ގިނަ ގުނަ މަސައްކަތްތަކެއް ކުރަން ފީފާއިން ނިންމާފައިވާ ކަމަށާއި އެފްއޭއެމްގެ އާ ލީޑާޝިޕާ ގުޅިގެން ކުރާ މަސައްކަތުން މި ލަނޑުދަނޑި ހާސިލްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"މިދިޔަ އަހަރުގެ ޖުލައި، އޯގަސްޓް ތެރޭގައި ވަރަށް ބޮޑު ނުތަނަވަސް ކަމެއް އޮތް. އެހެން ނަމަވެސް މި ފަހަރު އިންތިހާބުގެ ކަންތައް ނިިމިގެން މި ދިޔައީ ވަރަށް ރަނގަޅަށް. ވަރަށް ހިތް ހަމަޖެހޭ. އިލެކްޓޯރަލް ކޮމެޓީން ވަނީ ތައުރީފު ހައްގު މަސައްކަތްތަކެއް ކޮށްފައި، އަލަށް އިންތިހާބު ކުރި ޓީމާ އެކު މަސައްކަތް ކުރަން ފީފާއަށް ފަސޭހަ ވާނެ ކަމަށް ގަބޫލު ކުރެވޭ،" ކޮރްވާރޯ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އިންތިހާބުގެ ކަންތައްތައް އޮމާންކޮށް ގެންދިއުމުގައި އެފްއޭއެމްގެ ނިމިދިޔަ ދައުރުގެ ރައީސް އަލީ އާޒިމް ދެއްވި އެއްބާރުލުން ވެސް ފާހަގަ ކުރައްވާ ކަމަށެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު އެފްއޭއެމްގެ އިންތިހާބު ބާއްވަން އުޅުނު ނަމަވެސް އިންތިހާބު ބޭއްވޭ ގޮތް ނުވުމުން ދެން އިންތިހާބު ބާއްވަން ނިންމީ އޯގަސްޓް މަހުގެ 11 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް މި ތާރީހުގައި ވެސް އިންތިހާބު ބޭއްވޭ ގޮތް ނުވުމުން އިންތިހާބުގެ ކަންތައް މިފަހަރު ކުރިއަށް ގެންގޮސްފައި ވަނީ ފީފާއިން ކަނޑައެޅި އިލެކްޓޯރަލް ކޮމެޓީއެއްގެ ބެލުމުގެ ދަށުންނެވެ.