27 Jan 2013, 02:11
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ކަމަށް އިންތިހާބު ވެވަޑައިގެންނެވި ޕީޕީއެމްގެ ނައިބު ރައީސް އަދި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.
އެފްއޭއެމްގެ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އިލްހާމްގެ ފަރާތުން ސަލްސާ ރޯޔަލްގައި ފުޓްބޯޅަ ކްލަބްތަކަށް ދެއްވި ފަރީއްކޮޅަކަށް ވަޑައިގަތުމަށްފަހު ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވަހީދު ވިދާޅުވީ އެފްއޭއެމްގެ ރައީސް ކަމަށް އިލްހާމް ވަޑައިގަތުމުން މިހާރަށް ވުރެ ގިނަ ވަސީލަތްތަކެއް އެފްއޭއެމަށް ލިބިގެންދާނެ ކަމަށް ކަމަށް އުންމީދު ކުރައްވާ ކަމަށާއި އެގޮތުން ފުޓްބޯޅަ ކުޅޭ ދަނޑުތައް މިހާރަށް ވުރެ ބޮޑަށް ރަނގަޅުވެގެން ދާނެ ކަމަށެވެ. އަދި ޒުވާނުންނަށް ފުޓްބޯޅަ ކުޅޭނެ ފުރުސަތުތަކެއް އިތުރަށް ހޯދައި ދިނުމަށް ސަރުކާރުން އެހީތެރިވެ ދެއްވާނެ ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.
"ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ހަމަ އިލްހާމަށް އޮންނާނެ... އެހެންވީމާ މިހާރަށް ވުރެ ބޮޑަށް ދަނޑުތައް ވެސް އިތުރަށް ރަނގަޅުވެ، ކުދީންނަށް ފުޓްބޯޅަ ކުޅެވޭނެ ފުރުސަތު އިތުރުވެގެންދާނެ. އިރާދަ ކުރެއްވިއްޔާ ސަރުކާރުން އެގޮތަށް އެހީތެރިވަމުން ގެންދާނަން،" ރައީސް ވަހީދު ވިދާޅުވި އެވެ.
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އަށް ވެސް ރައީސް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ހެޔޮ ދުއާ އާއި އުންމީދުތައް ވަނީ އެފްއޭއެމްގެ އާ ލީޑާޝިޕާ އެކުގައި ކަމަށެވެ.
ވޭތުވެދިޔަ ހަތަރު އަހަރު އެފްއޭއެމްގެ ރައީސްގެ މަގާމު ފުރުއްވި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ދިވެހި ފުޓްބޯޅައަށް ވަރަށް ބޮޑު ހިދުމަތްތަކެއް ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭއެފްސީގެ އެގްރެކެޓިވް ބޯޑުގައި ރާއްޖެ ތަމްސީލު ކުރައްވަނީ ވެސް އާޒިމް ކަމަށާއި އެމަނިކުފާނުގެ އެދުމަކީ އާޒިމަށް ކުރިއެރުން ލިބުން ކަމުގަ އެވެ.
އެފްއޭއެމް އިންތިހާބުގައި ވޯޓު ލެއްވި ކްލަބްތަކަށް އިލްހާމްގެ ފަރާތްޕުޅުން މިރޭ ދެއްވި ފަރިއްކޮޅަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް ވަޑައިގެންނެވި އެވެ. އަދި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދާއި މާލޭ ސިޓީގެ ކުރީގެ މޭޔަރު އަދި ކައުންސިލް މެންބަރު ސަރަނގު އާދަމް މަނިކު ވެސް މި ހަފްލާގައި ބައިވެރި ވެވަޑައިގެންނެވި އެވެ.
އެފްއޭއެމް އިންތިހާބު އިލްހާމް ކާމިޔާބު ކުރެއްވީ އިންތިހާބުގެ ދެވަނަ ބުރުގައި އާޒިމާ ވާދަ ކުރައްވައި، ވޯޓުލި 13 ފުޓުބޯޅަ ކުލަބުގެ ވޯޓުގެ ތެރެއިން ނުވަ ވޯޓު ހޯއްދަވައިގެންނެވެ. އާޒިމަށް ލިބިވަޑައިގެންނެވީ ހަތަރު ކްލަބުގެ ވޯޓެވެ. ނައިބު ރައީސްކަމަށް ޖޭފޯ އިންތިހާބުވެވަޑައިގެންނެވީ އެފްއޭއެމްގެ މިހާރުގެ ނައިބު ރައީސް ހިޔަލީ މުހައްމަދު ރަޝީދުގެ މައްޗަށް އަށް ވޯޓުގެ ކާމިޔާބެއް ހޯއްދަވައިގެންނެވެ.
އެފްއޭއެމް އިންތިހާބު މިރޭ ބާއްވާފައި ވަނީ ހަމަނުޖެހުންތަކާ ހުރެ ދެ ފަހަރެއްގެ މަތިން އިންތިހާބު ފަސްކުރުމަށްފަހު އެވެ.