26 Jan 2013, 23:11
ހުޅުމާލޭގައި ފައިމަގުގައި ފޯރިމަރަމުން ދިޔަ ފުލުހުންގެ ތެރެއިން ފުލުހެއްގެ ގައިގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފުލުސް މީހާއަށާއި ސައިކަލް ދުއްވަން އިން މީހާއަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މިރޭ 10:00 ހާއިރު ހުޅުމާލޭގެ އެމްޕީއެލް ސަރަހައްދުގައި ހިނގި މި އެކްސިޑެންޓްގައި އަނިޔާވި ފުލުސް މީހާއަށާއި ސައިކަލް ދުއްވަން އިން މީހާގެ އިތުރުން ސައިކަލުގެ ފަހަތުގައި އިން އަންހެން ކުއްޖަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
މި އެކްސިޑެންޓްގައި ފުލުސް މީހާގެ ވައަތް ބިންދައިގެންގޮސް ގައިގެ އެކިތަންތަން ވަނީ މަށައިގެން ގޮސްފަ އެވެ. އަދި ސައިކަލް ދުއްވަން އިން މީހާއާއި ސައިކަލުގެ ފަހަތުގައި އިން އަންހެން ކުއްޖާގެ ގައިގެ އެކިތަންތަން މަށައިގެން ގޮސްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓްގެ މައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.