ގދ. ތިނަދޫގައި ދަންޖެހެން އުޅުނު އަންހެން ކުއްޖަކު ސަލާމަތްކޮށް، އޭނާ އަށް ފަރުވާ ދިނުމަށް މާލެ ގެނެސްފި އެވެ.


ސަންއެފްއެމްއޮންލައިނަށް މައުލޫމާތު ލިބުނު ގޮތުގައި އުމުރުން 17 އަހަރުގެ އަންހެންކުއްޖާ ދަންޖެހެން މަސައްކަތް ކުރަނިކޮށް ފެނުނީ ރޭ އިރުއޮއްސި 7:30 އެހާކަންހާއިރު އެވެ. އެ ކުއްޖާ ދަންޖެހެން އުޅެނިކޮށް ސަލާމަތް ކުރީ އެ ކުއްޖާގެ މަންމަ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.


ފުލުހުން މިއަދު ބުނީ ދަންޖެހުމުގެ ހާދިސާތަކުގެ ތަފުސީލު މައުލޫމާތުތައް މިހާރު އާންމު ނުކުރާ ކަމަށާއި ނަމަވެސް ގދ. އަތޮޅުގެ ރަށެއްގައި ދަންޖެހެން މަސައްކަތްކުރި އަންހެން ކުއްޖަކު ރޭ ފަތިހު މާލެ ގެނެސް މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ބުނީ އޭނާގެ ހާލު އޮތީ ސީރިއަސްކޮށް ކަމަށެވެ.


އަންހެން ކުއްޖާ އަށް ފަރުވާ ދިނުމަށް މާލެ ގެނައީ އޭނާގެ އާއިލާގެ ފަރާތުންނެވެ.


ސަންއެފްއެމް އޮންލައިނަށް މައުލޫމާތު ލިބިފައި ގޮތުގައި ތިނަދޫގައި ދަންޖެހެން އުޅެނިކޮށް ސަލާމަތްކުރި އަންހެންކުއްޖާއަކީ މިދިޔަ އަހަރު ސްކޫލް ނިންމާފައިވާ ކުއްޖެކެވެ. އޭނާ ދަންޖެހެން މަސައްކަތްކޮށްފައި ވަނީ ލޯބީގެ  މައްސަލައެއްގަ އެވެ.