Last Updated: 1 decade 3 year ago
ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި އެފްއޭއެމްގެ ފަސް ވަނަ އަހަރީ ބައްދަލުވުމުގައި ރައީސަކު ހޮވުމަށް ނެގި ވޯޓިގައި ތިން ކެންޑިޑޭޓަކު ވާދަކުރި އިރު ފުރަތަމަ ބުރުގައި އިލްހާމަށް ލިބިވަޑައިގަތީ އަށް ވޯޓެވެ. އަދި ޢަލީ އާޒިމަށް 4 ވޯޓު ލިބިލެއްވި އިރު ބާތިލް އެއްވޯޓު އަދި ތިންވަނަ ކެންޑިޑޭޓް ޢަބްދުލް މުހުސިން ޙަމީދު (ޖޭފޯ) އަށް ވޯޓެއް ލިބިވަޑައެއް ނުގަންނަވަ އެވެ.
ގަވާއިދު ބުނާގޮތުން ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބު ކުރާނަމަ ޖުމުލަ ވޯޓުގެ ތިންބައި ކޮށްފަ ދެބައި (ވޯޓުލީ 13 ކުލަބު، ކާމިޔާބު ކުރުމަށް 9 ވޯޓު) ހޯދަން ޖެހޭ އިރު ތިންބޭފުޅުން ކުރެ އެއްވެސް ބޭފުޅަކަށް އެ އަދަދު ހަމަ ނުވުމުން އެންމެ ގިނަ ވޯޓް ހޯއްދެވި ދެ ބޭފުޅުން ދެވަނަ ބުރަކަށް ދިޔައީ އެވެ. އެގޮތުން ދެ ވަނަ ބުރުގައި އިލްހާމާއި އާޒިމް ވާދަކޮށް ނުވައެއް ހަތަރަކުން އިންތިހާބު ކާމިޔާބުކުރީ އިލްހާމް އެވެ.
ނައިބު ރައީސް ކަމަށް ކުރިމަތި ލެއްވި ދެބޭފުޅުންނަކީ، ނިމިދިޔަ ދައުރުގައި ވެސް އެފްއޭއެމްގެ ނާއިބު ރައީސް ހިޔަލީ މުޙައްމަދު ރަޝީދާއި، ޢަބްދުލް ޙަމީދު މުހުސިން (ޖޭފޯ) އެވެ. އެ ދެބޭފުޅުންގެ ދެމެދުގައި ނެގުނު ވޯޓުގައި އަށެއް ފަހަކުން ހިޔަލީގެ މައްޗަށް ކުރިހޯއްދެވީ ޖޭފޯ އެވެ.
ރޭގެ ކޮންގްރެސްގައި އެފްއޭއެމްގެ ހިންގާ ކޮމިޓީއަށް ފަސް މެންބަރުން ހޮވުން ވެސް އޮތެވެ. ހިންގާ ކޮމެޓީއަށް ކުރިމަތި ލެއްވި ނުވަ މެންބަރުންގެ މެދުގައި ނެގުނު ވޯޓުން އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ހިންގާ ކޮމިޓީއަށް ހޮވިފައި ވަނީ، އަޙްމަދު މުޙައްމަދު (ދޮނާ) 12 ވޯޓު، ނޫހު ޢަލީ 11 ވޯޓު، މުޙައްމަދު ވިޝާމް ނުވަ ވޯޓު، ސަރަނގު އާދަމް މަނިކު އަށް ވޯޓު އަދި އިބްރާހީމް ވަހީދު 7 ވޯޓު އެވެ.
ހިންގާ ކޮމިޓީއަށް ކުރިމަތިލެއްވި ޢަލީ ޝަމީމަށް ލިބިވަޑައިގަތީ ހަ ވޯޓު ވޯޓެވެ. އަދި އަޙްމަދު ނަސީމަށް ފަސް ވޯޓު، އިބްރާހީމް ނާޝިދަށް ހަތަރު ވޯޓު ލިބިވަޑައިގެންނެވި އިރު އަޙްމަދު ނިޔާޒު އަށް ލިބިވަޑައިގަތީ ތިން ވޯޓެވެ.