26 Jan 2013, 18:56
މިއަދު ހަވީރު ގަލޮޅު ބޯޅަދަނޑުގައި ކުޅުނު ޔޫތު ޗެމްޕިއަންޝިޕް 2013ގެ ގްރޫޕް އެކެއްގެ ފަހު މެޗުގައި ވީބީ އަށްޑޫ އެފްސީއާއި އޯލްޔޫތު ލިންކޭޖް (އޭވައިއެލް) ވާދަކޮށް އެކެއް ސުމަކުން އޭވައިލް ބަލިކޮށް ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ވީބީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.
މިއަދުގެ މެޗުގައި ފެނުނު ހަމަ އެކަނި ލަނޑު ވީބީއަށް ކާމިޔާބު ކޮށްދީފައި ވަނީ މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި އެޓީމުގެ ކެޕްޓަން އައްފާން ހަމްޒާ އެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން 65 ވަނަ މިނިޓުގައި އޭވައިއެލްއަށް ނަތީޖާ ހަމަހަމަ ކުރާނޭ ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް ވީބީގެ ހާފުތެރެއިން ބޯޅަހިފައިގެން އެކަނި ދިޔަ އޭވައިއެލްގެ ކުޅުންތެރިޔާ ވީބީގެ ކީޕަރު ކައިރިން ނައްޓާލުމަށް ފަހު ގޯލަށް ފޮނުވާލަން މަސައްކަތްކުރި ބޯޅަ ދިޔައީ ބޭރަށެވެ. އަދި ފަހުހާފުގައި އެނޫނަސް ނަތީޖާ ބަދަލުކޮށްލާނޭ ގިނަފުރުސަތުތަކެއް އޭވައިއެލްއަށް ލިބުނު ނަމަވެސް ފުރުސަތުތަކުގެ ބޭނުން ނުހިފި ވަނީ ބޭކާރު ވެފަ އެވެ.
މިއަދުގެ މެޗަށް ފަހު ގްރޫޕް އެކެއްގެ މެޗުތައް ނިމިފައިވާ އިރު އެގުރޫޕްގެ އެއްވަނަ ޓީމެއްގެ ގޮތުގައި ކުއާޓާއަށް ދަތުރުކޮށްފައި ވަނީ މާޒިޔާ އެވެ. އަދި ދެ މެޗުން މޮޅޫވެގެން ހަ ޕޮއިންޓާ އެކު ދެވަނަ ޓީމެއްގެ ގޮތުގައި ވީބީ ކުއާޓާއަށް ދިޔަ އިރު ގުރޫޕުގެ ތިންވަނައިގައި ތިންޕޮއިންޓާ އެކު އޮތް އޭދަފުށީ ޒުވާނުންގެ ކުލަބަށް ވެސް އަދިވެސް ކުއާޓާއަށް ދިޔުމުގެ ފުރުސަތު އެބަ އޮތެވެ. އެއީ ގުރޫޕް ދޭކާއި ތިނެއްގެ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން ތިން ގުރޫޕުގެ ތެރެއިން ތިންވަނައަށް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމަކަށް ކުއާޓާއިން ޖާގަ ލިބޭނެތީ އެވެ.
ޔޫތު ޗެމްޕިއަންޝިޕުގައި މާދަމާ ހަވީރު ކުޅޭނީ ގްރޫޕް ދޭއްގެ މެޗެކެވެ. ހަވީރު 4:00ގައި ފެށުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލު ކުރާނީ ވިކްޓަރީ ސްޕޯޓްސް ކުލަބާއި ބީޖީ ސްޕޯޓްސް އެވެ.