26 Jan 2013, 18:57
މިއަދު ބޭއްވި ގދ. އަތޮޅު ކައުންސިލްގެ ބައި އިލެކްޝަން ޕީޕީއެމްގެ ކެނޑިޑޭޓް އަދި ދ. އަތޮޅު ކައުންސިލްގެ ބައި އިލެކްޝަން އަމިއްލަގޮތުން ވާދަކުރެއްވި ކެނޑިޑޭޓް ކާމިޔާބުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ އާންމުކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން 878 ވޯޓު ލިބިވަޑައިގެން ގދ. އަތޮޅު ކައުންސިލްގެ ގައްދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރައްވާފައި ވަނީ ޕީޕީއެމްގެ ކެނޑިޑޭޓް މުހައްމަދު އަބްދުއްސަމަދު އެވެ.
ޕީޕީއެމްގެ ކެނޑިޑޭޑް އަބްދުއްސަމަދުއާއި ވާދަކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓް އަހްމަދު ނާފިއު އަށް ލިބިވަޑައިގަތީ 821 ވޯޓެވެ.
ގައްދޫ ދާއިރާގެ ބައި އިލެކްޝަނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ 2991 މީހުންގެ ތެރެއިން ވޯޓުލާފައި ވަނީ 1724 މީހުންނެވެ. އޭގެތެރެއިން 25 ވޯޓު ވަނީ ބާތިލްވެފަ އެވެ.
ދ. އަތޮޅު ކައުންސިލްގެ ކުޑަހުވަދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އަމިއްލަގޮތުން ވާދަކުރެއްވި ކެނޑިޑޭޓް ހުސެއިން ޝާކިރަށް 1092 ވޯޓު ލިބިވަޑައިގަތް އިރު އޭނައާ ވާދަކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓް ޔޫސުފް ސައީދަށް ލިބިވަޑައިގަތީ 903 ވޯޓެވެ.
ކުޑަހުވަދޫ ދާއިރާއަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ 2617 މީހުންގެ ތެރެއިން ވޯޓުލާފައި ވަނީ 2033 މީހުންނެވެ. އޭގެތެރެއިން ބާތިލްވެފައި ވަނީ 38 ވޯޓެވެ.