26 Jan 2013, 17:21
ބެންގްކޮކް (ޖަނަވަރީ 26): ތައިލެންޑްގެ ރަސްގެފާނު ބުމިބޯލް އޮދްލިޔާދީޖް އަށް ފާޑުކީ އެގައުމުގެ ނޫސްވެރިއެއް ކަމަށްވާ ބްރުކްސާ ކަސީމުސޯކް، 10 އަހަރަށް ޖަލަށްލުމަށް އެގައުމުގެ ކޯޓަކުން ހުކުމް ކުރުމާ ގުޅިގެން ތައިލެންޑްގައި ޑިމޮކްރަސީ އާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަ މިންވަރާ މެދު ޔޫރަޕްގެ އިއްތިޙާދުންނާއި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ސުވާލު އުފައްދައިފި އެވެ.
ޔޫރަޕްގެ އިއްތިޙާދުންނާއި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ވަކިވަކި ފަރުދުންނާއި ހިޔުމަން ރައިޓްސް ވޮޗް ފަދަ ޖަމްޢިއްޔާތަކުގެ އިތުރުން ޔޫރަޕްގެ އިއްތިޙާދުން މި ޙުކުމް ކުށްވެރި ކުރަމުން ބުނެފައި ވަނީ ގައުމެއްގެ ވެރިއަކަށް ފާޑުކީ މީހަކަށް 10 އަހަރަށް ޖަލަށްލުމަށް ޙުކުމް ކުރުމަކީ 21 ވަނަ ގަރުނުގައި ލަދުވެތި އަދި ގަބޫލުކުރަން ދަތިކަމެއް ކަމަށާ މިކަން ކުށްވެރިކުރާ ކަމުގައެވެ. މިއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަންނަ ހަރުކަށި ހުކުމެއް ކަމަށާ އެހުކުމްގެ ސަބަބުން ތައިލެޑްގެ ޑިމޮކްރަސީގެ ފެންވަރާމެދު ސުވާލު އުފެދޭ ކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ. ދިހަ އަހަރަށް ޖަލަށްލުމަށް ހުކުމް ކުރެވުނުބްރުކްސާ ކަސީމުސޯކް 2011 ން ފެށިގެން ވަނީ ހުކުމަކާނުލައި ޖަލުގައި ބަންދުކުރެވިފަ އެވެ. އޭނާ ބެންގްކޮކްގެ ޖިނާއީ ކޯޓަށް ގެންދިޔައީވެސް ބިޑި އަޅުވައިގެންނެވެ.
ތައިލެންޑްގެ ރަސްގެފާނަކީ ޤާނޫނީ ގޮތުން އެގައުމުގެ ވެރިކަމުގެ ބާރުތައް ލިބިޑައިގެންފައިވާ ބޭފުޅެއް ނޫން ނަމަވެސް އޭނާއަކީ އެގައުމުގެ ވެރިކަމަށް ނުސީދާ ގޮތެއްގައި ވަރަށް ބޮޑު ނުފޫޒެއް ހިންގަވާ ބޭފުޅެއް ކަމަށް ބެލެވިފައިވެ އެވެ. ތައިލެންޑްގެ ނޫސްވެރިއެއް ކަމަށްވާ ބްރުކްސާ ކަސީމުސޯކް، އެގައުމުގެ މަޖައްލާއެއްގައި 2011 ވަނަ އަހަރު ލިޔުއްވާފައިވާ މަޒްމޫނުތަކެއްގައި ތައިލެންޑްގެ ޑިމޮކްރެޓިކް ނިޒާމަށް ރަސްގެފާނު ބާރާއި ނުފޫޒު ހިންގަވައި ރަސްގެފާނު ބޭނުންފުޅުވާ ގޮތަށް ކަންތައްތައް ކުރައްވާ ކަމަށް ތުހުމަތުކޮށްފައިވުމުން މިއީ ރަސްގެފާނަށް އިހާނާތް ކުރުމުގެ "ޖަރީމާ"އެއް ކަމަށް ބަލައި އެއަހަރު އޭނާގެ މައްސަލަވަނީ ކޯޓަށް ހުށަހަޅާފަ އެވެ.
ބެންގްކޮކްގެ ޖިނާއީ ކޯޓުން އެމައްސަލަ ބަލައި ޝަރީޢަތް ހިންގާފައި ވަނީ ޒަމާނުއްސުރެ ތައިލެންޑްގައި އޮންނަ ޤާނޫނެއް ކަމަށްވާ "ރަސްގެފާނުގެ "މުޤައްދަސް" ޝަޚްސިއްޔަތަށް އިހާނާތްކުރުމާއި ޢައިބު ބަސް ބުނުން މަނާކުރާ ޤާނޫނު"ގެ ދަށުންނެވެ. ތައިލެންޑްގެ ރަސްގެފާނަށް ފާޑުކީކަން ޝަރީޢަތަށް ސާބިތުވެއްޖެ މީހަކު ގިނަވެގެން 15 އަހަރަށް ޖަލަށް ލެވިދާނެ ކަމަށް އެޤާނޫނު ބުނެ އެވެ. ތައި ރަސްގެފާނަކީ "މުޤައްދަސް ފަރާތެއް ކަމަށް" ސިފަކުރާ އެޤާނޫނަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ފުށުއަރާ ޤާނޫނަކަށްވާތީ އެޤާނޫނު އުވާލުމަށް ތައިލެންޑްގެ މިހާރުގެ ބޮޑުވަޒީރާ ޔަންގްލިކް ޝިނަވަޓްރާ މަސައްކަތް ކުރެއްވި ނަމަވެސް އެކަމަނާގެ ސަރުކާރަށްކުރިމަތިވި ބޮޑެތި ފިއްތުންތަކުގެ ސަބަބުން އެޤާނޫނު އުވާލުމަށް ނޫނީ އިސްލާހް ކުރުމަށް ޕާލަމެންޓަށް ހުށަހެޅުމަށްވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
ތައިލެންޑްގެ ރަސްގެފާނާ އަދި ޝާހީ ޢާއިލާއާ ގުޅިފައިވާ ނުފޫޒު ގަދަ އެލީޓުން އެޤާނޫނު ބޭނުންކުރަނީ އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ފަރާތްތަކާއި އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ދުވަސް ދުއްވާލުމަށް ކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ތައިލެންޑް ޖަމާއަތްތަކުން ތުހުމަތު ކުރެ އެވެ. ތައިލެންޑްގެ ރަސްގެފާނާ އަދި ޝާހީ ޢާއިލާއާ ގުޅިފައިވާ ނުފޫޒު ގަދަ އެލީޓުންނަކީ ތައިލެންޑްގައި މިހާރު ވެރިކަންކުރާ އަދި ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާގެ ޕާޓީއާ އިދިކޮޅު ފަރާތްތަކެވެ. ތަކްސިންގެ ވެރިކަން 2006 ގައި ވައްޓާލުމުގެ ފަހަތުގައިވަނީ ވެސް ރަސްގެފާނާ ގުޅިފައިވާ އެލީޓުން ކަމަށް ވަނީ ބެލެވިފަ އެވެ. (ނޫސްއެޖެންސީތައް)