އެއް ނެޓްވޯކަށް ވުރެ ގިނަ ނެޓްވޯކްތަކުގައި ބޭނުންކުރާ މޯބައިލް ފޯނުތައް އަންލޮކް ކުރުމަށް ދޫކުރެވިފައިވާ ތިން މަސް ދުވަހުގެ ހުއްދަ ނިމުމަކަށް އަތުވެއްޖެއެވެ.

މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން 90 ދުވަސް ވަންދެން ހުއްދަ ނަގަން ނުޖެހޭ ގޮތަށް އޮތް އޮތުން ހޮނިހިރު ދުވަހުން ފެށިގެން ނިމުމަކަށް އަންނާނެ އެވެ.

އެމެރިކާގައި މޯބައިލް ފޯނު ބޭނުންކުރާ ފަރާތްތަކުން އެބައިމީހުންގެ ނެޓްވޯކް އޮޕަރޭޓަރުގެ ހުއްދައަކާއި ނުލައި އޮޕަރޭޓަރު ބަދަލުކުރެވޭ ގޮތަށް ރަސްމީ ފަރާތްތަކުން ހުއްދަ ދީފައިވަނީ ފައިބެ އަހަރުގެ އޮކްޓޫބަރު މަހު އެގައުމުގެ "ޑިޖިޓަލް މިލޭނިއަމް ކޮޕީރައިޓް އެކްޓް" (ޑީއެމްސީއޭ) އަށް ގެނައި ބަދަލަކާ ގުޅިގެންނެވެ.

އެމެރިކާގެ ގިނަ އަދަދެއްގެ ރައްޔިތުން ރަށުން ބޭރަށްދާނަމަ، ފޯނުގެ ބިލްތައް ކުޑަކުރުމަށް އެމީހުން ބޭނުންކުރާ މޯބައިލް ފޯނުތަކުގެ އޮޕަރޭޓަރު ބަދަލު ކުރެ އެވެ. ކުރިން އޮންނަ ގޮތުން އެގޮތަށް އޮޕަރޭޓަރު ބަދަލު ކުރެވޭނީ އެމީހަކު ރަޖިސްޓަރީ ވެފައިވާ މޯބައިލް ނެޓްވޯކުގެ ހުއްދަ ލިބިގެންނެވެ. އެގޮތަށް ހުއްދަ ނަގާއިރު ހިދުމަތްދޭ ފަރާތުން ހުއްދަ ދެނީ އެކަމަށް ފީއެއް ނަގައިގެންނެވެ. އެހެން ނަމަވެސް އޮކްޓޫބަރު މަހު ގެނައި ބަދަލާ އެކު އެހުއްދަ ނަގާކަށް ނުޖެހެ އެވެ.

އެ ބަދަލު ނުގެންނަ އިރު އޮޕަރޭޓަރުން އެގޮތަށް ފީނަގަމުން ގެންދާތީ، ފޯނުބޭނުން ބައެއް ފަރާތްތަކުން ހަދާ ގޮތަކީ ފޯނު އުފައްދާ ފަރާތްތަކުން އަންލޮކްޑް ފޯން ގަންނަނީ އެވެ. އެކަމަކު އެގޮތަށް ފޯނު ގަތުމުން އޮޕަރޭޓަރުންގެ އަތުން ގަތުމަށްވުރެ ވަރަށް ބޮޑުތަން ފޯނުގެ އަގު މައްޗަށް ދެއެވެ.

ހޮނިހިރު ދުވަހުގެ ފަހުން ހުއްދަ ނުނަގައި އޮޕަރޭޓަރު ބަދަލު ކުރާ ފަރާތްތަކާ ދޭތެރޭ ގާނޫނީ ގޮތުން އަޅާނޭ ފިޔަވަޅެއް އަދި ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ. އެމެރިކާގައި ޑިޖިޓަލް މައްސަލަތައް ހައްލުކުރުމަށް ކެމްޕެއިން ކުރާ ފަރާތެއް ކަމަށްވާ ދަ އިލެކްޓްރޯނިކް ފްރޮންޓިއާ ފައުންޑޭޝަނުން ބުނެފައިވަނީ ޑީއެމްސީއޭ އަށް އަމަލުކުރަން ޖެހޭނީ ކިހިނެއްކަން ނިންމާނީ އެމެރިކާގެ ސަރުކާރުން ނޫންކަމަށާއި އެކަން ނިންމަން ޖެހޭނީ ކޯޓުން ކަމަށެވެ.

އަދި ސަރުކާރުގެ އެ ނިންމުމާ ދެކޮޅަށް ވައިޓްހައުސްގެ ވެބްސައިޓުގައި އާންމު ފާރަތްތަކުން ދަނީ މިހާރު ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. މޯބައިލް ފޯނު އަންލޮކު ކުރުމަށް ނަގަންޖެހޭ ހުއްދަ ނަގަން ނުޖެހޭ ގޮތަށް ދާއިމީކޮށް ބަދަލުކޮށްދިނުމަށް އެދި މިހާތަނަށް އެ ޕެޓިޝަންގައި 3500 މީހުން ސޮއިކޮށްފައި ވާކަމަށް ވެއެވެ. އެހެން ނަމަވެސް އެމެރިކާގެ ސަރުކާރުން މިފަދަ ޕެޓިޝަނަކަށް ޖަވާބުދާރީ ވާނީ އޭގައި އާންމުންގެ އެއްލައްކަ މީހުން ސޮއިކުރުމުންނެވެ.