ޓްރާސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިނިސްޓްރީ އާއި ޖެންޑާ، ފެމެލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓްރީގެ ވަޒީރުން މަގާމުން ވަކިކުރިތާ ދެ މަސް ދުވަސް ވެފައިވާއިރު، އެ ވުޒާރާތަކަށް ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރުން އައްޔަން ކުރައްވާނެ ދުވަހެއް އަދި ނޭނގޭ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ މީޑިއާ ސެކްރެޓަރީ މަސްއޫދު އިމާދު މިއަދު ވިދާޅުވީ ޓްރާސްޕޯޓް މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ ހިންގެވުމަށްޓަކައި އައްޔަން ކުރައްވާ ވަޒީރުންނަކީ ގާބިލް ތައުލީމީ ބޭފުޅުންނަށްވާނެ ކަމަށާއި އެ މަގާމަށް ހޮއްވަވަން ފެންނަ ބޭފުޅުންގެ ނަންތައް ރައީސް ޑރ. މުހައްމަދު ވަހީދު ދިރާސާ ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ވިދާޅުވީ މިނިސްޓަރު ކަމަށް ކޮންމެ، ކޮންމެ މީހަކު ނުލައްވާނެ ކަމަށާއި އަދި އެ ވުޒާރާތަކަށް މިނިސްޓަރުން އައްޔަން ކުރައްވާނެ ދުވަހެއް ނޭނގޭ ކަމަށް މަސްއޫދު ވިދާޅުވި އެވެ.

"ނަންތަކެއް މިހާރު ޝޯޓް ލިސްޓުކޮށްފައި އޮތީ. އެ ނަންތައް އަދިވެސް ދިރާސާ ކުރައްވަމުން ގެންދަވަނީ... އެބޭފުޅުން އައްޔަން ކުރައްވާނެ ދުވަހެއް ވެސް އަޅުގަނޑަކަށް ނޭނގޭ. ރައީސްއަށް އެކަން އެނގިވަޑައިގަންނަވާނީ،" މަސްއޫދު ވިދާޅުވި އެވެ.

މަސްއޫދު ވިދާޅުވީ ޓްރާސްޕޯޓް މިނިސްޓަރު ކަމަށް ޖުމްހޫރީ ޕާޓީން ހުށަހެޅުއްވި އެ ޕާޓީގެ ނައިބު ލީޑަރު އަދި ވީމީޑީއާ ކުންފުނީގެ ޗެއާމަން އަމީން އިބްރާހީމް ހަމަޖެއްސެވުމަށް ރައީސް ނުނިންމަވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީއަށް ދީފައިވާ ސަރުކާރުން ދީފައިވާ ސްލޮޓްގެ ތެރެއިން ޓްރާސްޕޯޓް މިނިސްޓަރު ކަމުން ޑރ. އަހުމަދު ޝަމްހީދު ވަކިކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް މާމިގިލީ އެއާޕޯޓްގެ ލީސް ޕީރިއަޑް 99 އަހަރަށް އިތުރުކޮށްދެއްވި ކަމަށް އިއުލާންކުރެއްވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ.

ޖެންޑާ، ފެމެލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓަރު ކަމުން ފާތުމަތު ދިޔާނާ ސައީދު ވަކިކުރެއްވީ "މިނިސްޓަރެއްގެ ގޮތުގައި ހުންނަވައިގެން އަމަލުތައް ބަހައްޓަވަން ނުޖެހޭ ގޮތަކަށް އަމަލުތައް ބަހައްޓަވާފައިވާތީ" އެވެ.