އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން އަބްދުﷲ އާއެކު އެ ޕާޓީގެ ވަފްދެއް ބ. ތުޅާދޫއަށް މިއަދު ވަޑައިގަތުމުން އެ ރަށުގެ ބަޔަކު ނިކުމެ، ހުރަސްއަޅައި ހަމަނުޖެހުން ހިންގައިފި އެވެ.

އަދާލަތު ޕާޓީ ރައީސް އާއި އެ ޕާޓީގެ އިސް ބައެއް މެންބަރުންތަކެއް މިއަދު ހެނދުނު ތުޅާދޫއަށް ވަޑައިގަތުމުން އެ ރަށުންގެ ހުރަސް އެޅީ އެމްޑީޕީގެ ބަޔަކު ކަމަށް އަދާލަތު ޕާޓީން ބުންޏެވެ. އިމްރާންއާ ދެކޮޅަށް ނުކުތް މީހުން ވަނީ އަދާލަތު ޕާޓީއާމެދު ނުރުހުން ފާޅުކޮށް އަދާލަތު ޕާޓީގެ ބޭފުޅުން އެ ރަށަށް އެރުމަށް ދެކޮޅު ހަދާފަ އެވެ.

އަދާލަތު ޕާޓީން ބުނީ އެ ޕާޓީގެ އިސް ބޭފުޅުން އެ ރަށަށް ވަޑައިގަތުމުން ހުތުރު ބަހުން އެއްޗެތިކިޔައު ވެލި އުކާފައިވާ ކަމަށެވެ. އެ ހަމަނުޖެހުމުގައި ބައެއް މީހުންނަށް އެކި ހާނިކަވެފައިވާ ކަމަށް ތުޅާދޫއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މިއަދު އެ ރަށަށް ފުލުހުން ވެސް ގޮސްފައިވާ ކަމަށާއި އެ ފުލުހުންނަށް ހުރަސް އެޅި ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އެ ރަށު ކައުންސިލްގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންވާ މެންބަރަކު ވެސް ހިމެނޭ ކަމަށް އެ ރަށުން މައުލޫމާތުދިން މީހަކު ބުންޏެވެ.

އަދާލަތު ޕާޓީގެ ވަފުދެއް ތުޅާދޫއަށް ދިއުމުން، އެ ރަށުގެ ބަޔަކު ހުރަސް އަޅާފައިވާއިރު، އެ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ޣިޔާސުއްދީން ސްކޫލުގައި އިއްޔެ ބޭއްވި ހަރަކާތަކަށް އެމްޑީޕީގެ ބަޔަކު ހުރަސްއެޅި ކަމަށް އަދާލަތުން ބުންޏެވެ.