އަލިކިލޭގެފާނު މަގުގައި ހުންނަ މާލޭ ސިޓީ ޕާކުގެ އިރުމަތީ ފަރާތުގައި ޕާކިން ޒޯނެއް ހެދުމަށް ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކުރީގެ ބާ އިންޖީނުގެ ހުރި ބިމުގައި ހަދާފައިވާ "މާލޭ ސިޓީޕާކް"ގެ އިރުމަތީ ފަރާތުގައި ޕާކިން ޒޯނެއް ހަދަން މާލޭ ސިޓީ ކައުންސިލުން ނިންމީ އެ ކައުންސިލަށް ޕެޓިޝަނެއް ހުށަހެޅުމުންނެވެ. ސިޓީ ކައުންސިލުން ބުނީ އެ ޕާކާއި އިންވެގެން ހުންނަ ސޮލާހުއްދީން މިސްކިތަށް ނަމާދަށް އަންނަ މީހުންނާއި އެހިސާބުގައި ދިރިއުޅޭ މީހުންގެ ތެރެއިން 100 އަށްވުރެ ގިނަ މީހުން އެކަމަށް އެދި ހުށަހެޅި ޕެޓިޝަނަކާއި ގުޅިގެން މިދިޔަ އަންގާރަ ދުވަހު ކައުންސިލްގެ ބައްދަލުވުމެއް ބާއްވައި އެ ޕާކުގައި ޕާކިން ޒޯނެއް ހަދަން ނިންމާފައިވާ ކަަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު "ސަން" އަށް މިއަދު ވިދާޅުވީ އެ ސަރަހައްދުގެ ޕާކިން ޒޯން ކުޑަވެގެން ސޮލާހުއްދީން މިސްކިތަށް ނަމާދަށް އަރާ މީހުންނާއި އެ ހިސާބުގައި ދިރިއުޅޭ މީހުންނަށް އެކަމުގެ ސަބަބުން ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާތީ ހުށަހެޅި ޕެޓިޝަނާއި ގުޅިގެން އެ މިސްކިތާއި ޕާކާއި ދޭތެރޭގައި އޮންނަ ހަނި ގޯޅި ޕާކް ތެރެއަށް ލުމަށްފަހު ޕާކްގެ މޫނު މަތިން އިންފާރު އެތެރެއަށް ޖެއްސުމަށްފަހު އެތަނުގައި ހަދާނީ ހަމައެކަނި ސައިކަލް ޕާކްކުރާ ޒޯނެއް ކަމަށެވެ. އަދި ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ވިންދާއި އެއްގޮތަށް ކަމަށެވެ.

"އެމީހުން ޕެޓިޝަންގައި އެދިފައި މި އޮންނަނީ އެ ސަރަހައްދުގެ ޕާކިން ކުޑަވީމައި މިސްކިތަށް އަރާ މިހުންނަށް ވަރަށް ދައްޗޭ. އެހެންވީމަ މިސްކިތާއި ޕާކާއި ދޭތެރޭ އިންވެގެން އޮންނަ ހަނި ގޯޅިގަނޑު ޕާކް ތެރެއަށް ލާފައި މޫނުމަތިން ޕާކް ތެރެއަށް ޖައްސާފައި ސައިކަލް ޕާކް ކުރެވޭ ވަރުގެ ތަނެއް ތިމަންނަ މެންނަށް ހަދާދޭށޭ. އެހެންވީމަ އެ މީހުން އެދުނު ގޮތަށް އެތަނުގައި ޕާކިން ޒޯނެއް ހަދަން މިހާރު މިވަނީ ނިންމާފައި. އަޅުގަނޑުމެން އެކަން ވަރަށް އަވަހަށް ކުރިއަށް ގެންދާނަން،" ސުޖާއު ވިދާޅުވި އެވެ.

މާލޭ ސިޓީ ޕާކާއި ސޮލާހުއްދީން މިސްކިތާއި ދޭތެރޭ އޮންނަ ހަނި ގޯޅިގަނޑަކީ ދުއްވާ އެއްޗެއްސަށް ނުވަދެވޭ ގޮތަށް ހަދާފައި އޮންނަ ގޯޅި ގަނޑެކެވެ. ސުޖާއު ވިދާޅުވީ އެ ގޯޅި ގަނޑުގައި މީގެ ކުރިން ވެސް ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައެއް ވެސް ހުށަހެޅިފައިވާ ކަމަށެވެ. އަދި އެ ގޯޅި ގަނޑަކީ އެންމެ އެކަށީގެންވާ ގޮތުގައި ބޭނުން ނުހިފޭ ވަރަށް އަނދިރި ކޮށް އޮންނަ ގޯޅި ގަނޑެއް ކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ.