26 Jan 2013, 14:05
އިންޑިއާގެ ގައުމީ ދޫނި ކަމަށްވާ ސާމަރާ ދޫނީގެ ފަތްތަކެއް ރާއްޖެ ގެންނަން އުޅެނިކޮށް މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު އިންޑިއާގައި ހައްޔަރުކުރި ކ. މާލެ އުމުރުން 23 އަހަރުގެ އަހުމަދު ރުއްފާން އަލީ އެ މައްސަލައިގައި ޓްރިވެންޑްރަމްގެ ޖަލަށް ލުމަށްފަހު އޭނާއަށް އަނިޔާ ކޮށްފައިވާ ކަމަށް އޭނާ ބުނެފިއެވެ.
އިންޑިއާގެ ޖަލުން އޭނާ ދޫކޮށްލުމާ އެކު މިއަދު ރާއްޖެ އައިސް އެއާޕޯޓްގައި ހުރެ ވާހަކަދައްކަމުން ރުހުފާން ބުނީ ސާމަރާ ދޫނީގެ ފަތްތަކެއް އެތެރެކުރަން އުޅުނު މައްސަލައިގައި އޭނާ 13 ދުވަހަށް އިންޑިއާގެ ޖަލަށްލާފައި ވާ އިރު، އޭނާއަށް ޖަލުގައި އަނިޔާ ކޮށްފައިވާ ކަމަށެވެ.
އޭނާއަށް ކުރީ ކޮންކަހަލަ އަނިޔާއެއްތޯ ސުވާލުކުރުމުން އޭނާ ބުނީ "ޖަލެއްވީމަ އަނިޔާ ކުރާނެއެއްނު، ހަމަ އަނިޔާކުރި، ދެން އެމީހުން ބޭނުން ވަނީ ޖަލަށް ވެއްދީމާ އެމީހުންގެ ފައި ދަށުވާން، އެގޮތް ނުވީމާ އަނިޔާކުރީ" ރުއްފާން ބުންޏެވެ.
އޭނާ ބުނިގޮތުން އޭނާ ޖަލުގައި އޮންނާން ޖެހުނީ އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުގެ ސަބަބުން ކަމަށާއި އޭނާ ސާމަރާ ދޫނިފަތްތައް ހިފައިގެން އަންނަނިކޮށް އިންޑިއާގެ އެއާޕޯޓުން ހިފެހެއްޓުމުން އިމިގުރޭޝަނާ ވާހަކަދެއްކުމަށްފަހު އޭނާ ދޫކޮށްލުމަށް ނިންމި ކަމަށެވެ. ނަމަވެސް އޭނާ ޖަލަށްދާންޖެހުނީ އިންޑިއާގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުން އިންޑިއާގެ ކަސްޓަމްސްއަށް ގުޅައި ވާހަކަދެއްކިގޮތުން ކަމަށެވެ. އަދި ބުނީ އޭނާ އަނބުރާ ރާއްޖެއައީ "ބޭލްއައުޓް" (ކަފާލާތު) ގެ ދަށުން އިންޑިއާގެ ކޯޓަކުން އޭނާ މިނިވަންކުރުމުން ކަމަށެވެ. އޭނާ ރާއްޖެ ގެންނާން އުޅުނު ސާމަރާ ދޫނިފަތްތަކަކީ އަސްލުފަތްތަކެއްތޯ ސުވާލުކުރުމުން އޭނާ ބުނީ "އެޔެއްނޭނގޭ" ކަމަށެވެ.
"ކޯޓު ފައިންނަށް ފުރަތަމަ 25000 ދެން 10000 ރުޕީޒް ދެއްކިން، ހުރިހާ ވެސް އެހީތެރިކަމެއް ލިބުނީ އާއިލާގެ ފަރާތުން، އެކޮޅު ކޮންސިއުލޭޓުން އެއްވެސް އަޅައިލުމެއް ނުލިބުނު" ރުއްފާން ބުންޏެވެ.
ރުއްފާނު ބުނީ މީގެ ކުރިން ވެސް ސާމަރާ ދޫނި ފަތްތަކުން ހަދާފައިވާ ބައެއްތަކެތި އޭނާ އިންޑިއާއިން ރާއްޖެގެނެސްފައިވާ ކަމަށެވެ. އަދި އޭނާ ސާމަރާ ދޫނީގެ ފަތްތައް ގަތީ އިންޑިއާގެ ޓްރިވެންޑްރަމްގެ ޗާލާ ބާޒާރުން ކަމަށް ވެސް އޭނާ ބުންޏެވެ.
އިންޑިއާގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ ފަސްޓް ސެކްރެޓަރީ މުހައްމަދު ފަރުހާދު ސަންއޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އެމައްސަލައިގައި އިންޑިޔާގެ ސަބް ޖަލުގައި ހައްޔަރުކުރި ރުއްފާން ކަފާލާތުގެ ދަށުން މިނިވަން ކުރުމަށް އިންޑިއާގެ ޑިސްޓްރިކް ކޯޓުން ނިންމީ އެމައްސަލަ އިސްތިއުނާފު ކުރުމަށް ބޭއްވި ދެވަނަ ސަރިޔަތުގެ އަޑު އެހުމުގައި ކަމަށާއި ބެއިލް އައުޓަށްވާ 25،000 އިންޑިއަން ރުޕީސް އެމައްސަލަ ހުށަހަޅާފައިވާ "ނެޑްމަންގާޑް ކޯޓަށް" ދެއްކުމުން އޭނާ ޖަލުން މިނިވަންވާ ގޮތަށް ކަމަށެވެ.
ކޯޓުން ރުއްފާން ދޫކޮށްލުމާއެކު މިއަދު އޭނާ ރާއްޖެއަށް އައުމުން އޭނާއަށް މަރުހަބާ ކިޔުމުގެ ގޮތުން އޭނާގެ އާއިލާ މީހުންނާއި އޭނާގެ ރައްޓެހިން ވަނީ މަރުހަބާ ކިއުމުގެ ގޮތުން ލިޔެފައިވާ ޓީޝާޓާއި ދިދައާ އެކު އެއާޕޯޓަށް ގޮސް ހޫނު މަރުހަބާއެއް ކިޔާފައެވެ. މިހާރު އޭނާގެ ގާތްމީހުން އޭނާއަށް ކިޔަނީ ވެސް "ޕީކޮކް ބޭބެ" އެވެ.
އިންޑިއާގެ ކަސްޓަމްސްއިން އޭނާ ހައްޔަރުކޮށްފައި ވަނީ ރާއްޖެ އައުމަށް ފުރަން ވެގެން ގޮސް އެއާޕޯޓްގެ ހުރިހާ ދިމާއަކުން ވެސް ޗެކިން ނިމުމަށް ފަހު، ބޯޓަށް އަރަން އުޅެނިކޮށެވެ. އަދި އެފަތްތައް ހަލާކުވެދާނެތީ އޭނާ ދިޔައީ ކޮތަޅަކަށް ލައިގެން އަތުން ހިފައިގެން ކަމަށް ވެސް ވެއެވެ. އެފަތްތައް ބޭރުކުރާން އޭނާ މަސައްކަތްކޮށްފައިވަނީ އެފަތްތަކަކީ އިންޑިއާއިން ބޭރުކުރުން މަނާ އެއްޗެއްކަން ނޭނގިކަމަށް ވެއެވެ.
ސާމަރާ ދޫނީގެ އަސްލު ފަތް ގަނެވިއްކުމަކީ އިންޑިޔާގައި ގާނޫނީ ގޮތުން މަނާކޮށްފައިވާ ކަމެކެވެ.