05 Oct 2010, 08:01
ގިނަ އަދަދެއްގެ ކުޑަކުދިންނާ އެކު ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މީގެ ދޮޅު މަސް ކުރިން ހައްޔަރުކުރި މަޝްހޫރު ގާރީ، ހުސައިން ތައުފީގު ޖަލުން ގޭބަންދަށް ބަދަލުކޮށްފި އެވެ.
ޖިނާއީ ކޯޓުގައި ތައުފީގުގެ މުއްދަތު އެންމެ ފަހުން އިތުރުކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. އެއީ އޭނާ ހައްޔަރުކުރި ފަހުން ތިން ވަނަ ފަހަރަށް ބަންދުގެ މުއްދަތަށް 15 ދުވަސް އިތުރުކުރި ފަހެރެވެ.
ފުލުހުން މިއަދު ބުނީ ތައުފީގުގެ ބަންދުގެ މުއްދަތު ތިން ފަހަރަށް އިތުރުކުރި ނަމަވެސް މިހާރު ތައުފީގު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ނޫން ކަމަށާއި އޭނާ ގޭ ބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ. ގާރީ، ގެއަށް ބަދަލުކުރި ދުވަހެއް ފުލުހުން ނުބުނެ އެވެ. އޭނާ ގޭ ބަންދަށް ބަދަލު ކުރީ ތަހުގީގު އެއްކޮށް ފުރިހަމަވެގެން ކަމެއް ވެސް ނުބުނެ އެވެ.
ނަމަވެސް ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ތަހުގީގުގައި ތައުފީގުގެ ފަރާތުން ސާފުވާން ޖެހޭ ބޮޑު ބައި ވަނީ އޮޅުންފިލުވައި ސާފުކޮށްފަ އެވެ. ތިން ވަނަ ފަހަރަކަށް އޭރު ބަންދުކުރީ ތައުފީގު ދޫކޮށްލައިފި ނަމަ މި މައްސަލައާ ގުޅޭ ހެކިންނަށް ނުފޫޒު ފޯރުވާފާނެތީ އާއި މުޖުމުތަމައަށް ނުރައްކާކޮށްފާނެ ފުރުސަތު ނުދިނުމުގެ ގޮތުން ކަމަށެވެ. އަދި މި މައްސަލައިގައި ތައުފީގާ މެދު ތުހުމަތު ކުރެވިފައި ވަނީ ގިނަ އަދަދެއްގެ ކުޑަކުދިންނާ އެކި ދުވަސްވަރު ބަދު އަހުލާގީ ގުޅުން ހިންގުން ކަމަށްވާތީ ކަމަށެވެ.
ތައުފީގުގެ މައްޗަށް ފުލުހުން ތުހުމަތުކުރަނީ ދެ ކުއްޖަކަށް ޖިންސީ ގުނަވަން ދެއްކުމުގެ އިތުރުން އަންހެން ކުއްޖަކު ރޭޕްކުރުން ކަމަށާއި އެއީ "ހަދައިފައިވާ" މައްސަލައެއް ކަމަށް ތައުފީގެ ވަކީލު ވަނީ ވިދާޅުވެފަ އެވެ.
ޓީވީގައި ގުރުއާން ކިޔަވަން ދަސްކޮށްދޭ ޕްރޮގްރާމް ހުށަހަޅައިދިނުމާއި "ހޭޔަންބޯ" ނަސޭހަތުގެ ބަސްކޮޅަށް އަޑު އަޅައިދެއްވާ ހަތް ގިރާއަތުގެ ގާރީ ގިނަ އަދަދެއްގެ ކުޑަކުދިންނާ ބަދު އަހުލާގީ އަމަލު ހިންގާފައިވާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އޯގަސްޓް 17 ގަ އެވެ. ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައި ވަނީ ތައުފީގާ ބެހޭ އެފަދަ މައްސަލައެއް ބަލައިދިނުމަށް އެދި ގުރުއާން މުދައްރިސު ކޯހުގެ ދަރިވަރުންތަކެއް އެ ކޮމިޝަނަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.