ލ. ގަމުން: މުރުޝިދު އަބްދުލްހަކީމް

ލ. ގަމުގައި ޖޭޕީން ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީއަށް އަލަށް ސޮއިކުރި ކަމަށް ބުނެ އިއުލާންކޮށްފައިވާ ނަންތަކުގެ ތެރޭގައި ޖޭޕީއަށް ސޮއި ނުކުރާ ބައެއް މީހުންގެ ނަންތައް ވެސް ހިމަނާފައިވާ މައްސަލައެއް ފެންމަތި ވެއްޖެ އެވެ.

އަދި އޭގެ ތެރޭގައި ހިމެނޭ ބައެއް މީހުން "ސަން "އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އެމީހުން ސޮއި ކޮށްފައިވާ ކަމަށް ބުނެ އޮޅުވާލާފައިވާ ކަމަށެވެ.

ލ. އަތޮޅުގެ އެކި ރަށްރަށުން މީހުން ގެނެސްގެން ލ. ގަމު އިހައްދޫ ސްކޫލުގައި ބޭއްވި އެ ޖަލްސާގައި އެ ޕާޓީގެ ނައިބު ރައީސް އަމީން އިބްރާހިމް ވަނީ އެ ޕާޓީ އަށް ސޮއި ކުރުމަށް ހަމަޖެހިފައިވާ އަދި ސޮއި ކޮށްފައިވާ ކަމަށް ބުނާ މީހުންގެ ނަންތައް އިއުލާން ކޮށްފަ އެވެ. އެ ނަންތައް އިއުލާން ކުރުމުން ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ސަލާމް ކުރުމަށް އެމީހުން އައުމަށް އަމީން އެދިވަޑައިގެންނެވި އިރު އޭގެ ތެރެއިން ބައެއް މީހުން ޖަލްސާ އިން ފެނިފައެއްނުވެ އެވެ.

ލ. އަތޮޅު ކައުންސިލް މެންބަރު އަދި އެލްޖީއޭ ބޯޑުގައި ހިމެނިވަޑައިގަންނަވާ މުމްތާޒް ފަހުމީ އެޕާޓީއާ ގުޅިވަޑައިގެންފައިވާ ކަމަށް ރޭގެ ޖަލްސާގައި އިއުލާން ކޮށްފައިވާއިރު "ސަން" އަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ޖޭޕީއަށް ސޮއި ކުރުމަށް ނިންމާފައިނުވާ ކަމަށާއި ނަމަވެސް ރޭގެ ޖަލްސާގައި ބައިވެރި ވެވަޑައިގެންނެވި ކަމަށެވެ.

އަދި ޖޭޕީގެ ލީޑަރު ގާސިމާ ސަލާމް ކުރުމަށް ގޮވައިލުމުން އޭނާ ވަނީ ޖަލްސާ ދޫކުރައްވައި ވަޑައިގެންފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މަރުހަބާ ކިޔަން ގާސިމަށް ވެސް. އެހެން ނަމަވެސް އަޅުގަނޑު ނިންމާފައެއް ނުވޭ ޖޭޕީއަށް ސޮއިކުރާކަށް. ޖަލްސާގައި އަޅުގަނޑުގެ ނަން އެ ގޮތަށް ގޮވާލީމާ އަޅުގަނޑު ޖަލްސާ އިން ނިކުމެގެން އައީ. އަޅުގަނޑު އެކަން ކުށްވެރިކުރަން، އެގޮތަށް އަޅުގަނޑު ސޮއި ކުރަން ހަމަ ޖެހިފައިވާ ކަމަށް އިއުލާންކުރީތީ ވެސް،" ޕީޕީއެމްގެ މެންބަރު މުމްތާޒް ވިދާޅުވި އެވެ.

ސޮއި ކުރެއްވުމަށް ސްޓޭޖްމައްޗަށް ވަޑައިގަތުމަށް ގޮވައިލުމުން މުމްތާޒް ސްޓޭޖަށް ވަޑައިނުގަތުމުން ޕާޓީގެ ނައިބު ރައީސް އަމީން ވިދާޅުވެފައި ވަނީ ދަތުރުފަތުރު ހުރި ގޮތުން ބައެއް ބޭފުޅުނަށް ވަޑައިނުގެންނެވުނީ ކަމަށާއި ނަމަވެސް އެ ބޭފުޅުން ސޮއި ކުރައްވާފައިވާ ކަމަށެވެ.

ހަމަ އެހެންމެ ކުނަހަންދޫ ކައުންސިލް މެންބަރު ލިރުޣާމް ސައީދު (ލަރޭ) ޖޭޕީއަށް ސޮއި ކުރައްވާފައިވާ ކަމަށް ޖަލްސާގައި އިއުލާން ކޮށްފައިވާ އިރު އޭނާ ވިދާޅުވީ އޭނާ އެއްވެސް ޕާޓީއަކަށް ސޮއިކުރަން ބޭނުންނުވާ ކަމަށާއި އެހެން ނަމަވެސް ގާސިމްގެ ހިދުމަތްތައް ބަލައިގަންނަ ކަމަށެވެ. އަދި އޭނާ ޖަލްސާއަށް ވަޑައިގެންފައެއް ވެސް ނުވެ އެވެ.

"އަޅުގަނޑު ޖަލްސާއަށް ވެސް ނުދަން. އެކަމު ގަމުގައި ހުރީ ވެސް. އަޅުގަނޑު ނެތް ސޮއި ކުރުމަށް ނިންމާފައި. އެގޮތަށް އަޅުގަނޑު ޖޭޕީއަށް ސޮއިކުރާނެ ކަމަށް އިއުލާން ކުރުމަކީ އަޅުގަނޑުވެސް ވަރަށް ހިތްހަމަ ނުޖެހޭ ކަމެއް،" ލަރޭ ވިދާޅުވި އެވެ.

މީގެ އިތުރުން ކުނަހަންދޫ ޕީޕީއެމް "ފިކުރު ގޮފީގެ" ރައީސް އަހްމަދު ހުސެއިން ޖުމްހޫރީ ޕާޓީއަށް ސޮއި ކުރިކަމަށް އެ ޕާޓީން ރޭ އިއުލާން ކޮށްފައިވާތީ އެކަމާ ގުޅިގެން ޖޭޕީއާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ސަން އޮންލައިނަށް މައުލޫމާތު ދެމުން އަހްމަދު ހުސެއިން ބުނީ އޭނާ ޖޭޕީ އަށް ސޮއި ކޮށްފައިވާ ކަމަށް ބުނެ ރޭގެ ޖަލްސާގައި ދައްކާފައިވާ ވާހަކަތަކީ "ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް،" ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް މި ހުންނަނީ ރައީސް މައުމޫނުގެ ފަތްޕުޅުގައި. ޑީއާރުޕީ އުފެދުނީއްސުރެ އަދި ޕީޕީއެމް އުފެދިގެން މިހާތަނަށް ވެސް. އަޅުގަނޑު ޖޭޕީއަށް ސޮއި ކުރިކަމަށް ބުނެ އެ ޕާޓީން އިއުލާން ކޮށްފައިވާތީ އެކަން ވަރަށް ބޮޑަށް ކުށްވެރިކުރަން،"

އޭނާ ބުނީ ކުނަހަންދޫގެ އެހެން ބައެއް ރައްޔިތުންގެ ނަން ވެސް މި ގޮތަށް އޮޅުވާލައިގެން ކިޔާފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ރޭގެ ޖަލްސާގައި ގިނަ ކައުންސިލަރުން ސޮއިކުރާނެ ކަމަށް އިއުލާން ކޮށްފައިވާ އިރު އެ އަދަދަށް މީހުން ސޮއިކުރިތަން ފެނިފައެއް ނުވެ އެވެ. ކައުންސިލަރުންގެ އިތުރުން ބައެއް އެހެން މީހުން ވެސް ވަނީ އެމީހުން ސޮއި ކުރާނެ ކަމަށް ޖުމްހޫރޫ ޕާޓީން އިއުލާންކޮށްފައިވާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވީ އޭނާ އަކީ ރާއްޖޭގެ ވިޔަފާރީގައި ކާމިޔާބު ބޭފުޅެއް ކަމަށާއި އަދި މުޅި ހަޔާތުގައި ވެސް އެއްވެސް މީހަކަށް މަކަރުހަދައި އޮޅުވާލައްވާފައި ނުވާނެ ކަމަށެވެ.

ޖޭޕީއަށް ސޮއި ނުކުރައްވާ ބައެއްގެ ނަންތައް ސްޓޭޖުމަތީގައި އަދި ލައިވް ޓީވީގެ ކުރިމަތީގައި އިއުލާން ކުރެއްވުނީ ކިހިނެއްތޯ ސާފުކުރުމަށް އެ ޕާޓީގެ ނާއިބް ރައީސް އަމީން އިބްރާހީމާ މިއަދު ގުޅުމުން ވިދާޅުވީ "ފަހުން ގުޅުމަށެ"ވެ.