26 Jan 2013, 12:58
ކުރިއަށް އޮތީ ރިޔާސީ އިންތިޚާބުގެ ވާދަވެރި ދުވަސްވަރު ކަމުގައިވިޔަސް، ރަށްރަށުގައި މިހާރު ހިނގަމުންދާ މަޝްރޫޢުތަކަށާއި ކުރިއަށް ރޭވިފައިވާ މަޝްރޫޢުތަކަށް މިދުވަސްވަރުގެ ތެރޭގައި އެއްވެސް ކަހަލަ ހުއްޓުމެއް އަންނަ ގޮތަށް ނުވަތަ ހުރަހެއް އެޅޭގޮތަށް އެއްވެސް ފަރާތަކުން މަސައްކަތް ކޮށްގެން ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ވިދާޅުވެއްޖެ އެވެ.
މިއަދު ހެނދުނު ށ. ބިލެތްފައްސަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ ވަރަށް ބޮޑަށް ބައިބައިވެފައިކަން ހިތާމައާ އެކު ފާހަގަ ކުރައްވާ ކަމަށާއި ރަނގަޅު މަޤްޞަދެއްގައި، ވާދަވެރި މާޙައުލެއް އުފައްދައި، ތަރައްޤީއާ އެކީގައި ވެރިކަން ހިންގުމަށްޓަކައި ސިޔާސީ ނިޒާމް ބަދަލުކުރަމުން ދިޔަ ދިޔުމުގައި ރަށްރަށުގެ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް ބައިބައިވުން އުފެދިފައިވާ ކަމަށެވެ. އެކަމުގެ އަސަރުތައް އަދިވެސް ކުދިކުދި އާބާދީން ފެންނަމުން އެބަދާ ކަމަށާއި އަދި ބޮޑެތި އާބާދީތަކުގައި އެކަން މާބޮޑު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އެހެންވީމާ ކުރިއަށް ދެވެން އޮތީ ތަފާތުތައް ކުޑަކޮށް އެހެން ކަން ކަމަށް އިސްކަންދީގެން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހިންނަކީ ކަންކަމުގައި ފަހަތަށް ޖެހޭ ބައެއް ނޫން ކަމަށާއި އެމަނިކުފާނުގެ މަސައްކަތްޕުޅުގައި ހިތްވަރު ހޯއްދަވަނީ ރައްޔިތުންގެ ފަރާތުން ކަމުގައި ވިދާޅުވި އެވެ. އަދި ރާއްޖެއަކީ މާތްވެގެންވާ އިސްލާމްދީނަށާއި އަޅުގަނޑުމެންގެ ޤައުމިއްޔަތަށް ޙުރްމަތްތެރިކޮށްހިތައި އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން ދަމަހައްޓާ ޤައުމެއް ކަމަށާއި އެހެންވީމާ ރާއްޖޭގެ ތަރައްޤީގެ ކަންކަން ކުރިއަށް ގެންދާ މިފަދަ ވަގުތެއްގައި ރައްޔިތުންގެ އެކުވެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.